ނިމިގެންދިޔަ ޢީދު ބަންދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އިހަވަންދޫގެ އެކި ޖަމިއްޔާތަކުން ރާވާފައި ވީނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެޙަރަކާތްތައް ގެންދިއުމުގައި ޖަމިއްޔާތަކަށް ތަފާތު ދަތިތަކާ ކުރިމަތިވިއެވެ. އެގޮތުން ބައެއް މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު ބަދަލުކުރަން ޖެހުމާއި ރޭގަނޑުގެ ކުރިއަށް ގެންދިޔަ ސްޓޭޖް ޝޯވ ބައެއް ރޭތަކުގައި ނުބޭއްވި އަނެއްބައި ރޭތަކުގައި ވިއްސާރަވުމުން ވަކިހިސާބަކުން ޝޯވ މެދު ކަނޑާލަން ޖެހުނެވެ.
މިކަންތައްތަކާ އެކުވެސް މިފަހަރުގެ ޢީދު ފޯރި ކުޑައެއް ނޫނެވެ. އިމަގު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހއ. އަތޮޅު ކައުންސިލް އިމަގު ބަށި މުބާރާތުގެ ފައިނަލް މެޗް ޢިދު ބަންދުގައި ކުޅެވުނު އިރު އިހަވަންދޫ ސްޕޯޓްސް ކުލަބުން ވަނީ “ވީރު” ގެ ނަމުގައި އެންމެ ބާރުގަދަ މީހަކު ހޮވުމުގެ މުބާރާތް ކުރިއަށް ގެންގޮހެވެ. އިމަގު ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނިކަ ވިންދު ބަލިކޮށް ފާސްޓަރ ޓީމެވެ. ފައިނަލުގައި ފާސްޓަރ ޓީމުން 19 ލަނޑު ދިން އިރު ނިކަ ވިންދަށް ދެވުނީ 12 ލަނޑެވެ. ސްޕޯޓްސް ކުލަބުން ބޭއްވި ވީރު މުބާރާތް 3 މިނެޓް 47 ސިކުންތުން ނިންމައި ޗެމްޕިއަންކަން ހޯދީ ހއ. އިހަވަންދޫ، އެސްޕީ، ޔާސިރު މުޙައްމަދު އެވެ.
ޢީދު ބަންދުގައި ކުލަބު ޕޯލްސްޓަރ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާދެމުމުގެ މުބާރާތް މޫސުން ގޯސްވުމާ ގުޅިގެން ލަސްކުރުމަށްފަހު ރޭގައި ވަނީ ފަށައިފަ އެވެ. އަދި އެކުލަބުގެ ބަށި މުބާރާތްވެސް މިއަދު ހަވީރު ފަށާނެ ކަމަށް އެކުލަބުން މައުލޫމާތު ދެއެވެ.