ހާޝިމްގެ ކެމްޕެއިން ސްޓްރެޓެޖީ މުރާޖަޢާކޮށް އައު ގިޔަރަކަށް

.

ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ފަސްކުރުމާއެކު، އިހަވަންދޫ ދާއިރާއިން މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށައަޅުއްވާފައިވާ ކެންޑިޑޭޓް، ހާޝިމް މުޙައްމަދުގެ ކެމްޕެއިން ސްޓްރެޓެޖީ މުރާޖަޢާކޮށް އައު ގިޔަރަކަށް ލާފައިވާ ކަމުގައި ހާޝިމް މުޙައްމަދުގެ ކެމްޕެއިން މެނޭޖަރ ޢަބްދު ﷲ ހުޝާމް ބުނެފިއެވެ.
އިހަވަންދޫ ޑޮޓް ކޮމްއާ ވާހަކަ ދައްކަމުން، ހުޝާމް ބުނީ، ޑިސެމަބރ 23އާއި ހަމައަށް އަމާޒުކޮށް ކުރިން 2 ހަފްތާއަށް އެކުލަވާލި ކެމްޕެއިން ސްޓްރެޓެޖީ މިހާރު ދަނީ މުރާޖަޢާކުރަމުންކަމަށެވެ. އަދި އިންތިޚާބު ޖެނުއަރީ ފަހުކޮޅަށް ފަސްވުމާއެކު ގިނަ ކަންތައްތަކެއް ކުރަން މިވަގުތު ފުރުސަތު ލިބިފައިވާކަމަށާއި ހާޝިމްގެ ކެމްޕެއިން ދުވަހެއް ދުވަހަކަށް ވަރުގަދަވާނެކަމަށެވެ.

“އެނގިވަޑައިގަންނަވާނެ ވަރަށް ބޮޑުތަނުން އިންތިޚާބް ފަސްވެގެން މިދިޔައީ. އެހެންކަމުން ކުރިން 2 ހަފްތާއަށް ރޭވި ރޭވުންތައް މިހާރު މިވަނީ 4 ހަފްތާއަށް ދަންމާލަން ޖެހިފަ. އެހެންވީމާ، އިންތިޚާބުތަކުގެ ތަޖުރިބާ ހުރި ވަރަށް ވަރުގަދަ ޓީމަކުން މިވަގުތު އެދަނީ މުޅި ކެމްޕެއިންގެ އިސްތިރާޖީ ނިންމުންތައް އަލުން މުރާޖަޢާކުރަމުން” ހުޝާމް ބުންޏެވެ.

ފަހި ދައުރަކަށް މިޝިޢާރުގެ ދަށުން ހާޝިމް ކެމްޕެއިން ކުރަމުންދާއިރު، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ޖެނުއަރީ 20އަށްވަނީ ފަސްކޮށްފައެވެ.

ހާޝިމްގެ އިތުރުން 2 ކެންޑިޑޭޓަކު ވަނީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމްވެަސް ހުށައަޅުއްވައިފައެވެ.