ހާޝިމްގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ މާރަންދޫގައި

.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓު، ހާޝިމް މުޙައްމަދުގެ މެނިފެސްޓޯ މިރޭ ލޯންޗްކުރަން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ހާޝިމް މުޙައްމަދުގެ މެނިފެސްޓޯ މިރޭ ލޯންޗްކުރުމުގެ ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހއ. މާރަންދޫގައި އެކަމަށް ޚާއްސަކޮށް ބާއްވާ ޖަލްސާއެއްގައި ކަމަށް ހާޝިމްގެ ކެމްޕެއިން މެނޭޖަރ ޢަބްދުﷲ ހުޝާމް ވިދާޅުވިއެވެ.

މި ނޫހަށް މައުލޫމާތު ދެމުން ހުޝާމް ބުނެފައިވަނީ ހާޝިމްގެ މެނިފެސްޓޯ އެކުލެވިގެންވަނީ މައިގަނޑު ހަތަރު ބަޔަކަށް ކަމަށެވެ. އެއީ، ފަހި އަސާސްތަކާއި ފަހި ފަލްސަފާތަކާއި ފަހި ތަސައްވުރު އަދި ފަހި މަސައްކަތްކަމަށް ހުޝާމް ބުންޏެވެ. މިކަންކަމުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ސިޔާސަތުތަކުން ހާޝިމްގެ މަޖިލިސް މެންބަރުކަމުގައި ފަހި ދައުރެއް އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް 5 އަހަރު ދުވަހުގެ ތެރޭގައި ކަށަވަރު ކުރެވޭނެކަން ޔަޤީންކުރާ ކަމުގައި ހުޝާމް ބުންޏެވެ.

“އެނގިވަޑައިގަންނަވާނެ ހާޝިމްގެ އަމާޒަކީ ފަހި ދައުރެއް ދާއިރާގެ ރައްޔިތުންނަށް ކަށަވަރުކޮށްދިނުން. މިސިޔާސަތުތަކާއެކު އަޅުގަނޑުމެން މިޔަޤީންކުރަނީ، މާރަންދޫ، މޮޅަދޫ އަދި އިހަވަންދޫގެ ރައްޔިތުންނަށް ފަހި ދުވަސްތަކެއް” ހުޝާމް ބުންޏެވެ.

ހުޝާމް އިތުރަށް ބުނީ، މިރޭގެ ޖަލްސާގައި ހާޝިމްގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ކުރާނެ ކަންކަމުގެ ޚާއްސަ ވަޢުދުތަކެއް ހާޝިމް އިޢުލާން ކުރައްވާނެކަމަށެވެ.

ހާޝިމްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ޓިކެޓަށް ވާދަކުރަނީ، ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން އަހްމަދު ނަސީރުއެވެ.