ބޮޑުމަގުން އެންވީކޭ ހިފެހެއްޓިއިރު، މަނަފަރު މުބާރާތްފެށީ މޮޅަކުން

ލުޤުމާން އަޙްމަދު

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ފުރަތަމަ މެޗްގައި އެފްސީ ބޮޑުމަގުން އެންވީކޭ މޮޅުވިޔަ ނުދީ ހިފެހެއްޓިއިރު، މުބާރާތުގެ ދެވަނަ މެޗުން ޖޭއޭ މަނަފަރު، ޓީމް މޮޅަދޫގެ މައްޗަށް ކުރި ހޯދައިފިއެވެ.

އެންވީކޭ އަދި އެފްސީ ބޮޑުމަގު ބައްދަލުކުރި މެޗްގައި ފުރަތަމަ ދެ ގޯލް ޖަހައި ލީޑް ނެގީ އެންވީކޭ އިންނެވެ. ނަމަވެސް މެޗަގެ ފަހުކޮޅު އެފްސީ ބޮޑުމަގުންވަނީ ފަހަތުން އަރާ ދެ ގޯލް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެންވީކޭގެ ދެ ގޯލްޖެހި ހުޒައިފަތު ރަޝީދުއެވެ. ޖޭއޭ މަނަފަރު އަދި ޓީމް މޮޅަދޫ ބައްދަލުކުރި މެޗުން 3-2 ގެ ނަތީޖާއަކުން ކުރިހޯދީ ޖޭއޭ މަނަފަރެވެ. ރީތި އަވަސްކުޅުމެއް ފެނުނު މިމެޗްގައި ޖޭއޭ މަނަފަރުން 3 ގޯލްގެ ލީޑެއް ނަގާފައިވަނިކޮށް މޮޅަދޫވަނީ 2 ގޯލް ޖަހައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލާފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖޭއޭ މަނަފަރުގެ މުހައްމަދު އާސިފްއެވެ.

މިއަދު މިމުބާރާތުގެ 3 މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި މިއަދު ހަވީރު 17:15 ގައި ކުޅިމަގާއި ޔުނައިޓެޑް ޔޫތް ބައްދަލުކުރާއިރު، މިރޭ 20:30 ގައި ޓީމް ނައިވާދޫ ނުކުންނާނީ ކުޅިމަގު ފަސްގަނޑާ ދެކޮޅަށެވެ. އަދި މިރޭގެ ފަހު މެޗްގައި 21:30 ގައި އެންވީކޭ ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ.

މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ޓީމް ނައިވާދޫ، އެފްސީ ބޮޑުމަގު، ކުޅިމަގު، ސެންސިޓީ އަދި ޖޭއޭ މަނަފަރެވެ.