ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ވެއްދިޔަ ނުދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނަން. މާރިޔާ

ޢަބުދުﷲ ޙަމީދު

ރައީސް ވަހީދު މަޖިލީހަށް ވައްދަން ނޫޅުނުހެން ސަރުކާރުން ހުށައަޅަން އުޅޭ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ވެއްދިޔަ ނުދިނުމަށް އެމްޑީޕީން ހިތްވަރު ކުރާނެ ކަމަށާއި އަދި އެބަޖެޓު ފާސްނުކުރުމަށްވެސް މަސައްކަތް ކުރާނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ދީދީ މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު ރައީސް ނަޝީދުގެ ރަނިންމޭޓާއެި އެކު އިހަވަންދުއަށް ކުރެއްވި ޒިޔާރަތުގައި އިހަވަންދޫ އެމްޑީޕީ ހަރުގޭގައި އޮތް ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

“މުޅި ރާއްޖޭގެ ޕުރޮޖެކުޓުތައް ހުއްޓާލާ، ރާއްޖޭގެ ރައްޔިތުންނަށް ހަރަދުކުރަން 2012 ވަނަ އަހަރުވެސް އަޅުގަނޑުމެން މަޖިލީހުން ފާސްކުރި އެއޮއް ބޮޑު ބަޖެޓު، އެމީހުން އަމިއްލައަށް ބަޣާވާތުގެ ބައިވެރިންނަށް ބަހާލައި، އަދި 2013 ވަނަ އަހަރު، އެމްޑީޕީގެ ވޯޓު ނުލިޔަސް މިރާއްޖޭގެ ތާރީޚުގައި ފާސްނުކުރާވަރުގެ ބިޔަ ބޮޑު ބަޖެޓެއް ފާސްކުރުވާ، އެފާސްކުރުވި ބަޖެޓު 5 މަސްދުވަސް ދުވަސްތެރޭގަ، މޭ މަސްތެރޭގަ ފައިސާ ހުސްވެއްޖޭ ކިޔާފާ އެދަނީ އަނެއްކާވެސް މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެކޭ ހިފައިގެން” މާރިޔާ ވިދާޅުވެފައި ވެއެވެ.

ސަޕްލިމަންޓްރީ ބަޖެޓެ ފާސްނުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ މާރިޔާ ވިދާޅުވެފައި ވަނީ ” ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހުގަ ހިތްވަރު ކުރާނަން ވަހީދު ވައްދަން ނޫޅުނުހެން އެބަޖެޓުވެސް ވެއްދިޔަ ނުދީ އަދި އެބަޖެޓު ފާސްވެސް ނުކުރަން”