މިފަހަރުވެސް ރަސްތަރިއަށް ހޮވުނީ ޔައިޝާ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން ބޭއްވި ރަސްތަރި ޤުރުއާން މުބާރާތް 2024، ގެ އެއްވަނައަށް ޔައިޝާ ޔާސިރު އިބްރާހިމް/ ދޭލިޔާގެ، ހއ. އިހަވަންދޫ ހޮވިއްޖެއެވެ. މިއީ އިހަވަންދޫ ކައުންސިލުން މިމުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. ހއ އަތޮޅަށް ހުޅުވާލައިގެން  2022 ވަނަ އަހަރު ބޭއްވި، އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ އެއްވަނަ ހޯދީވެސް ޔައިޝާއެވެ.

މުބާރާތުން އެއްވަނަ އަށް ހޮވުނު ޔައިޝާ އަށްވަނީ، ބިއުޓިފުލް ބްލޫ ފިހާރައިން ހުށަހެޅި އުމުރާ ދަތުރުގެ އިތުރުން އިހަވަންދޫ ކައުންސިލުން ހުށަހެޅި 10،000ރ ގެ ފައިސާގެ އިނާމު ދީފައެވެ. މުބާރާތުން ދެވަނަ ހާސިލްކުރި އާއިޝަތު ޒާރާ އަޙްމަދު ޒިރާން އަށް 7000ރ ގެ ފައިސާގެ އިނާމެއް ދިންއިރު، މުބާރާތުން 3 ވަނަ ހާސިލްކުރި އާމިނަތު ނަސްރަތު އަށްވަނީ 5000ރ ގެ ފައިސާގެ އިނާމު ދީފައެވެ.

މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 3 ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. 3 ވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެ ވަނަ ރައުންޑަށް ހޮވުނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދި 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޮވުނީ ދެ ވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދި 5 ބައިވެރިންނެވެ.

މިމުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.