ދިޔޯ ކޮލަމް: ރުހުމާއި ނުރުހުމުގައި އޮތް ތަފާތެކެވެ.
އިންސާނާގެ ދިރިއުޅުމުގެ އެންމެ އަސާސީ އެއްބަޔަކީ މުއާމަލާތުގެ ބައެވެ. އެހެނިހެން ހައިވާނުންނާއި ތަފާތުކޮށް އިންސާނުން މުއާމަލާތް ކުރަނީ ބަސް މޮށެގެންނެވެ. އާދެ ވާހަކަ ދައްކައިގެންނެވެ. ވާހަކަ ދެއްކުމަށްޓަކައި ބޭނުންކުރަނީ ބަހެވެ. އެކި އެކި މުޖުތަމައު ތަކުގައި ބޭނުންކުރަނީ އެކި ބަހެވެ. ދިވެހިން ވާހަކަ ދައްކަނީ ދިވެހިބަހުންނެވެ.
މިއަދު އެއްމެ ގަދަ އެއް އަޑަކީ ނުވަތަ އެއްބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހިބަހަށް ބޭރުގެ ބަސްބަހުގެ ނުފޫޒު ފޯރާ ދިވެހިންގެ ދިވެހިބަސް ނެތި ހިނގައިދާނެ ކަމުގެ ވާހަކައެވެ. މިވާހަކަޔާއި މެދު ވިސްނާލީމާ އެކަން އެހެން އެބަ ވޭ ބާއޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ދިވެހިބަހަށް ބޭރުގެ ބަސް އެބަ ވަދޭބާއޭ ހިތައި އިހުގެ ދިވެހިބަހާއި ދިވެހިބަހުން ލިޔެ، ކިޔައިފާ ހުރި ބައެއް އެއްޗިއްސާއި މެދު ނަޒަރުކޮށް ވިސްނާލުމުން ފެނުނީ މުޅިން ތަފާތު އެހެން މައްސަލައެކެވެ. އެކަން އެހެން އެބަވޭބާއޭ ހިތަށް އެރީ އެހެންވެގެންނެވެ. ފަހަރެއްގައި އަޅުގަނޑުގެ ފެނުނުތަން ގޯހީ ކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް އަޅުގަނޑަށް ފެނުނުތަން ދަންނަވާލާނަމެވެ. ކުށްވެރިޔަކު ކަމުގައި ނުވެ ކުރިޔަށް ދެވޭނެކަމަށް ޔަޤީން ކުރަމުންނެވެ. އަޅުގަނޑަށް ފެނުނީ ދިވެހިބަހުގައި މިހާރަށްވުރެ ގިނައިން އެހާރު، ބޭނުން ކުރެވިފައި ހުރި ބޭރުބަސްބަހުގެ ބަސްކޮށާރު ގިނަކަމެވެ. މީގެ ތެރޭގައި އަރަބި ބަހާއި ފާރިސިއާއި އުރުދޫ، އަދި ހިންދީ ބަސްވެސް ގިނަ އަދަދަކަށް ހިމެނިފައިވެއެވެ.
މިކަމާއި ގުޅޭގޮތުން މިހާރުވެސް ދިވެހިބަހުގެ ދަރަޖަ ކޯސް ތަކުގައި ކިޔަވައިދެއްވާ މުދައްރިސަކާއި ސުވާލު ކޮށްލުމުން ވިދާޅުވީ ދިވެހިންގެ ތެރެއިން ބަހަށް ހިދުމަތްކުރި މީހުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ބަސް ބަހުގެ އަސަރު ދިވެހިބަހަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން ގިނަ ދިވެހިން މަތީ ތައުލީމް ހާސިލް ކޮށްފައިވަނީ އަރަބި ބަހުން ކަމަށާއި ދިވެހިބަހަށް އެހާބޮޑަށް އަރަބިބަހުގެ އަސަރުކޮށްފައިވަނީ އެހެންވެގެން ކަމަށެވެ.
މިކަމުގެ އެންމެ ބޮޑު ހެތްކަކީ ދިވެހިބަހުގެ ގޮތުގައި ބޭނުންކުރާ އަރަބި އެތަކެއް ލަފުޒު ލިޔުމަށްޓަކައި ދިވެހި ބަސް ލިޔުމަށް ބޭނުންކުރާ ތާނައަކުރުގެ ތެރެއަށް ވައްދާފައިވާ ތިކިޖެހިތާނައެވެ. ބަހަކަށް ފޯރާނޭ އެންމެ ބޮޑު ނުފޫޒު ފޯރާ ބަސް އޭގެ ޒާތުގައި ފުރޮޅިގެން ގޮސް އެބައެއްގެ އަމިއްލަ ބަހަށް ވުމަށް އޮންނަ މަގުވެސް ބަންދު ވީއެވެ. އެކަމަކުވެސް ގޯހަކަށް ނުވެއެވެ. ދިވެހިބަސް ހަމަ ދެމި އެބައޮތެވެ.
އެހެންކަމުން ދަންނަވާން ޖެހެނީ މިހާރު މިގަދަވެގެން އުޅޭ އަޑަކީ ދިވެހިބަހަށް ބޭރުގެ ބަސްބަސްވަދެ ބަސް ނެތި ހިނގާދާނެތީ އުޅޭ އުޅުމެއްގެ އަޑެއްނޫނެވެ. މީ ރުހުމާއި ނުރުހުމުގައި އޮތް ތަފާތެކެވެ. އެބަޔަކަށް ކަމުދިޔުމާއި ނުދިޔުމުގައި އޮތް ތަފާތެކެވެ. އާދެ ދިވެހި ބަހަށް މިހާރު ގިނައަދަދަކަށް އެކުވަމުންދަނީ އިނގިރޭސި ލަފުޒު ތަކެވެ. އެބަޔަކަށް އެގޮތް ކަމުނުދަނީ އެވެ. އެކަމާއި ނުރުހެވެނީއެވެ. އެހެން ނޫންނަމަ ދިވެހި ބަހަށް ކޮންމެ ބަހެއް އެކުވެ މަސްހުނިވިޔަސް އެކަން މައްސަލަޔަކަށް ވާނެތާއެވެ. (ނިމުނީ)
ގުޅުން ހުރެދާނެ ލިޔުން
ދިޔޯ ކޮލަމް: ކައުންސިލުގެ މިސްރާބު ބަދަލުކުރަން ޖެހޭ
16 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
ރައްޔިތުންގެ އެތައް ހާސް ރުފިޔާއަށް އަޅާލުމެއް ނެތި ވީރާނާވާން ދޫކޮށްލެވިފައި
11 - އޭޕްރީލް - 2023
ހެލެނބެލި ފަންޏާއި ދިވެހިން އަދި ހެލެނބިލީގެ ފައިދާތައް
9 - އޭޕްރީލް - 2023
ޑރ. މުނާ ޕީ.އެޗް.ޑީ އަށް ކުރި ދަތުރު.... (ދެވަނަ ބައި)
6 - އޭޕްރީލް - 2023
ބާޒެއްގެ ހަޔާތުން.....
3 - އޭޕްރީލް - 2023
ޑރ. މުނާ ޕީ.އެޗް.ޑީ އަށް ކުރި ދަތުރު.... (ފުރަތަމަ ބައި)
31 - މާރިޗު - 2023
ދިޔޯ ކޮލަމް: ހުސްނޫނު އޮންނާންވީ ތަން އޮޅިފައެއް ނެތެވެ.
14 - މާރިޗު - 2023
ދިޔޯ ކޮލަމް: ދެމަފިރިކަމުގެ ގުޅުން، ބަދަހި ކުރާނެ އުކުޅުތައް ދަސްކުރަމާ!
2 - މާރިޗު - 2023
ދިޔޯ ކޮލަމް: އަންނި ނޫން ގޮތެއް ނެތް!
24 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް