ދިޔޯ ކޮލަމް: އަންނި ނޫން ގޮތެއް ނެތް!
މި ހިނގާ ޕްރައިމަރީގައި ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަނީ ރިޔާސީ އިންތިހާބު ނެގޭނީ ސޯލިހު ނަގައިގެންކަމަށެވެ. ސޯލިހަށް ނޫނީ ކޯލިޝަނެއް ހޯދެން ނެތް ކަމަށެވެ. 2013 އަންނިއަށް ގެއްލުނީ ކޯލިޝަން ނުހެދުނީމާ ކަމަށެވެ. "އަޅުގަނޑުމެންގެ ހުރިހާ ވިސްނުމެއް ހުންނަން ވާނީ ރިޔާސީ އިންތިހާބު ކަމިޔާބުކުރަން" ކަމަށެވެ.
ނޫނެކެވެ. ވަރަށް ބޮޑު އޮޅުމެކެވެ.
އެމްޑީޕީއަށް އެންމެ މުހިއްމު ވާން ޖެހޭނީ ޕާޓީގެ އުސޫލުތައް ނެގެހެއްޓުމެވެ. ޕާޓީގެ ތަސައްވަރު ދިރުވުމެވެ. ޕާޓީގެ ވަކާލާތު ގަދަކުރުމެވެ. ޕާޓީގެ މެމްބަރުން މާޔޫސްވިޔަ ނުދިނުމެވެ.
އެމްޑީޕީއަށް މުހިންމީ އެމްޑީޕީ ހަމަ އިސްކޮޅަށް ދެމިލުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމެވެ.
އެމްޑީޕީގެ ހުރިހާ ވިސްނުމެއް ކޯލިޝަނެއް ދެމެހެއްޓުމުގެ މައްޗަށް ބިނާކޮށް މުޅި ޕާޓީ ހަރާބުކޮށް ފަސާދަކުރުމަކީ ޕާޓީ ސުންނާފަތިކުރުމެވެ.
2013 ގައި އެމްޑީޕީން ހޯދީ ޕާޓީގެ ހަޔާތުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
2008 ގައި ގައުމީ އިއްތިހާދު ޕާޓީއާއެކު ކޯލިޝަން ހަދައިގެން ނުކުމެ އެމްޑީޕީއަށް ހޯދުނީ 45000 ވަރަކަށް ވޯޓެވެ.
2013 ގައި ރާއްޖޭގައި ހުރިނަމަ ހުރި ހުރިހާ ޕާޓީއަކާއި، އެ އިރު އޮތް ސަރުކާރާއި ފުލުހުންނާއި ސިފައިންނާއި ހުރިހާ މީޑީއަކާއި ބޮޑެތި ހުރިހާ މަހުޖަނުންނަކާ ވާދަކޮށް 105000 ވަރަކަށް ވޯޓު އެމްޑީޕީން ހޯދުމުން ހާމަވީ ސާބިތުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ގިނަ ބަޔަކު ތާއީދުކުރާ އެންމެ ވަރުގަދަ ބިޔަ ޕާޓީކަމެވެ. އެއީ ބޮޑު ކާމިޔާބެކެވެ. ބޮޑު މެސެޖެކެވެ. ބޮޑު ކަމެއްގެ ފެށުމެކެވެ.
ކާމިޔާބަކީ އަބަދަކު ކޮންމެހެނަކުން މޮޅުވުމެއް ނޫނެވެ. ރިޔާސީ އިންތިހާބެއްގައި ވާދަކުރިތާ އެންމެ 5 އަހަރު ތެރޭ ރާއްޖޭގެ ރައްޔިތުންގެ އަގުލަބިއްޔަތު ވޯޓާ ހައެއްކަ ހާސް ވޯޓާ ގާތަށް އެމްޑީޕީއަށް ޖެހިލެވުމުން ހާމަވީ ޕާޓީ ކުރިއަރަމުން ބޮޑުވަމުން ދިޔަ ބާރު މިނެވެ. އެމްޑީޕީގެ ސައިޒު ހާމަވުމުގެ ނަތީޖާއަކީ ހިންދެމިލައިގެން އިސްއުފުލައިގެން ކުރިއަށްދިއުމަށް ތަންމިނަަށް ދޮރު ހުޅުވުމެވެ. ސިޔާސީ މަސައްކަތުގައި ހަގީގީ ކާމިޔާބަކީ އެެއީއެވެ. ތާއީދު އިތުރުވުމެވެ.
އޭގެ ފަހުން ފަސޭހަކަމާއެކު 2018 އިގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުނީ އެމްޑީޕީއަށް ރައްޔިތުންގެ ސާފު އަގުލަބިއްޔަތު އޮތަތީއެވެ. ކޯލިޝަނެއްގެ މޮޅުކަމަކުން ނޫނެވެ. އެކަން ސާފުވެ އިތުރަށް ކަށަވަރުވީ 2019 އިގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން އެކަނި ނުކުމެ ބޮޑު ތަނުން އިންތިހާބު ކާމިޔާބުކޮށް ރެކޯޑެއް ހެދުމާއެކުއެވެ.
އެމްޑީޕީގެ ރައީސަކު 5 އަހަރުގެ ރިޔާސީ ދައުރެއް ނިންމާފައި ދެ ވަނަ ދައުރަކަށް ނުކުމެ މިއަދު އެ ބުނަނީ އެކަނި ނުކުމެ ވާދަކުރާނެހާ ފަންވަރު އެމްޑީޕީގައި ނެތް ކަމަށެވެ. އެމްޑީޕީއަކީ ތަސައްރަފު ފުދިފައި އޮތް ޕާޓީއެއް ނޫން ކަމަށެވެ. އެމްޑީޕީއަކީ ބަލިކަށި ހީނަރު އަނަރޫފަ ޕާޓީއެއް ކަމަށެވެ.
ކޮން ފަދަ ބޮޑު ބަދުނާމެއް ހެއްޔެވެ؟ ކިހައި ބޮޑު ފަލީހަތެއް ހެއްޔެވެ؟ އެމްޑީޕީގެ ހިތްވަރުގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެކެވެ. ފުރައްސާރައެކެވެ. އެމްޑީޕީގެ މުސްތަގުބަލަށް ފައިން އަރުއްވައިގެން ހުންނަވައި ދައްކަވާ ހަޑިހުތުރު ވިޔަަނުދާ ވާހަކައެކެވެ.
ސަރުކާރުގައި އޮވެ ރިޔާސީ އިންތިހާބެއްގައި ވާދަކުރަން އެމްޑީޕީ ތައްޔާރު އެ ވަނީ މުޅިން އަލަށެވެ. ސިޔާސީ ހަގީގަތަކީ ސަރުކާރުގައި އޮންނަ ބަޔަކަށް ރިޔާސީ ރޭސް ފަށާއިރު ވެސް، ޕާޓީއަށް ސީދާގޮތުން ތާއީދު ނުކުރާ ތިރީހަކަށް ހާސް ވޯޓު ކަށަވަރުވެފައި އޮންނަކަމެވެ.
2013 ގައި ރައްޔިތުންގެ އަގުލަބިއްޔަތު ވޯޓުގެ ހައެއްކަ ހާސް ވޯޓާ ގާތަށް ޖެހިލެވުނު ޕާޓީއަކުން އޭގެ 10 އަހަރު ފަހުން 5 އަހަރުގެ ރިޔާސީ ދައުރެއް ނިންމާފައި، ސަރުކާރުގައި އޮވެ އާރާއި ބާރާއެކު ރިޔާސީ އިންތިހާބަަށް ނުކުންނަން ތައްޔާރުވެފައި އޮއްވާ، އެކަނިމާއެކަނި ވާދައަށް ނުކުންނަން މަރުހެޔޮނުވާނެކަމަށް ބޭފުޅެއްގެ ބުއްދިއަށް ވިސްނޭނީ ނިމިދިޔަ ފަސް އަހަރު ގައިމު އެމްޑީޕީއަށް ވަރަށް ނުބައި ގޮތެއް ވެއްޖެ ކަމަށް ގަބޫލުކުރާތީތާއެވެ.
ތެދެކެވެ. ފަސް އަހަރު ތެރޭ ޕާޓީގެ މުޅި މޫނުމަތި އަނދިރިކޮށްލައިފިއެވެ. ޕާޓީގެ މެމްބަރުން ރޮއްވައި ގިއްގަޅުވައިފިއެވެ. ޕާޓީގެ އަމާޒު ކަސިޔާރުކޮށް ބައްސައިލައިފިއެވެ. ޕާޓީގެ ވަފާދާރުން ލަދުގަންނަވައިލައިފިއެވެ. މާއްދިއްޔަތަށް ގޮސް ހަފުސްވެފައިވާ ބައެއްގެ އަތްމައްޗަށް ޕާޓީ އަރުވައި ޕާޓީގެ ނަން ކިނލަބުކޮށްލައިފިއެވެ. ޕާޓީގެ ޖޯޝާއި ރޫހު ގެއްލި ހަސްނެތިއްޖެއެވެ. ވީމާ ޕާޓީގެ މެމްބަރުންނާމެދު އެ ބޭފުޅަކަށް އޮންނާނީ ކޮން އިތުބާރެއް ހެއްޔެވެ؟ ކޮން ޔަގީންކަމެއް ހެއްޔެވެ؟
ކޯލިޝަނެއް ބޭނުމެއް ނޫނެވެ. ކޯލިޝަނާހުރެ ޕާޓީއަށް ލިބެމުންދާ ގެއްލުން ބަރުދާސްތުކުރާނެ ޖޯރެއް ޕާޓީއަކު މިހާރަކު ހުރިހެނެއް ހިޔެއް ނުވެއެވެ. ހޮވުނަސް ނުހޮވުނަސް ވަރިހަމައެވެ. ކޯލިޝަން ބޭނުމެއް ނޫނެވެ.
ސަރުކާރުގެ ކިރިޔާ އެއްބާރުލުމެއް ލިބުނަސް ކޯލިޝަނާ ނުލައި ރައީސް ނަޝީދަށް ރާއްޖޭގެ އަގުލަބިއްޔަތު ވޯޓް ނުހޯދޭނެ ފޯމިއުލާއެއް ނުނެރެވޭނެއެވެ. އެއީ ނެތް ގޮތެކެވެ. އެކަމަކު ސޯލިހަށް ކޯލިޝަން ހެދިޔަސް ނެގޭ ތަނެއް ނުފެނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިޔޯ ކޮލަމް: އެމްޑީޕީގެ ރިޔާސީ ޕުރައިމަރީގެ ނަތީޖާ އަކީ ކޮބާ؟
11 - ޖެނުއަރީ - 2023
އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޝިފާޢުއާ ބައްދަލުކުރައްވައިފި
24 - ޖޫން - 2026
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވޯޓްލުން މާދަމާ 14:30 އިން 20:30 އަށް
11 - ޖޫން - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
3 ވޯޓުގެ ތަފާތަކުން އައިޝާއަށް ގާތްގަނޑަކަށް ގޮނޑި ކަށަވަރުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!
26 - ޖެނުއަރީ - 2026
އެމްޑީޕީއިން އިހަވަންދޫ ކައުންސިލަށް ވާދަކުރާ ޓީމް މިއޮތީ!
12 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް