ކޮލަމް

އިހަވަންދޫ ރައްޔިތުންގެ އިހުސާސުން މިންވަރެއް

މި ހުރީ އިހަވަންދޫގައެވެ. ވައުދު މޫސުމަށް ވާތީ މި ރަށު ރައްޔިތުންގެ އިހުސާސްތައް ހުރި ގޮތުގެ ކޮންމެ ވެސް މިންވަރެއް ހިއްސާކޮށްލެވޭތޯއެވެ. ފަޅާ އަލުން ކުޅެދީ ފަޅު ވަރަށް ބޮޑަށް ބޮޑުކޮށް ބޮޑެތި ބަދަލު ގެނެސްފިއެވެ. ނަމަވެސް ޝިކާޔަތަށް ހައްލެއް ނުލިބެއެވެ. ދެމޭ ބާނި ނުހުއްޓުނެވެ. އިރުމަށްޗަށް ފަޅު އިތުރަށް ދަމައި، އިރުދެކުނަށް ނެރު ބަދަލުކުރުމަކީ ބައެއް މީހުން ހުށަހަޅާ ފަރުވާއެވެ. ކޮންމެއަކަސް، ފަޅާ ކުޅެދިނުމަކީ ރައްޔިތުން އަދިވެސް އެދޭ އެދުމެވެ. ދިގުފަރެއް ނޫން ހުވަހަންދޫ ބިން ހިއްކާ ނިމުނީމާ އުތުރާއި ހުޅަނގު ބިތް ބޮޑުހިލައިން ބައްދައިލާނެއެވެ. އެއިރުން އިރުމަތިން ނޫން ދިމާއަކު އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތެއް ނުކުރެވޭނެއެވެ. އިރުމަތީ ފަރާތުގައި، އަތިރިމައްޗާ ސަތޭކައެއްހާ ފޫޓު ކައިރީގައި މީހުން ދިރިއުޅެއެވެ. ޓޫރިޒަމްގެ ބޭނުމަށް ބޭނުން ހިފެން އޮތީވެސް އިރުމަތީ ފަރާތެވެ. ރައްޔިތުން ހިތްއުފާކޮށް ވައިޖައްސައިލަން ނުކުމެލަަން އޮތީ ވެސް ހަމަ އެ ފަރާތެވެ. މޫދަކަށް އޮތީ ވެސް އިރުމައްޗެވެ. ވީމާ އެ ފަޅީގައި ފައިބަރު މަސައްކަތްކުރުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. ބަޔަކު ކުރިޔަސް ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. އަނެއްކޮޅުން، ރަށުގެ އިގުތިސޯދު ހަމައެކަނި މަސްވެރިކަމަށް ބަރޯސާވެފައި އޮތުމަކީ ވަރަށް ހިރާސް ބޮޑު ކަމަކަށް ވާތީ، އިގުތިސޯދު ޑައިވަރސިފައިކުރަން ވިސްނަން ޖެހެއެވެ. ނެތީ ބިމެވެ. ބޭނުން ވަނީ ބިމެވެ. ހިއްކިބިމުން ބޯހިޔާވަހިކަމަށް ފުދޭވަރު ވެސް ނުވާނެއެވެ. އިތުރަށް ހިއްކޭކަށް ނެތެވެ. މި ރަށުގެ އިގުތިސޯދުގެ ދިރުން ގަދަކުރަން އިތުރު ބިމެއް ބޭނުންވެއެވެ. ރަށެއް ބޭނުންވެއެވެ. މި ރަށަށް ހުވަހަންދޫ ދިނުމަށް އެދުމަކީ ބޮޑުވަރެއް ނޫނެވެ. ހޯރަފުއްޓަށް އެ ރަށު ބިއްދޮށުގައި އެޔޮތީ ބައިވަރު ރަށެވެ. ހިއްކާނެ ވަރަކަށް ހިއްކެން އޮތް ފަޅެކެވެ. މި ރަށު ރައްޔިތުން ހުވަހަންދޫ ބޭނުންވެއެވެ. އޮޑިދޯނިފަހަރު ބަނުންފަދަ ސިނާއީ މަސައްކަތަށެވެ. ދަނޑުވެރިކަން ފަދަ މަސައްކަތަށެވެ. އެ ނޫން ވެސް އެހެން މަސައްކަތަށެވެ. ދުއިސައްތަ މިލިއަން ރުފިޔާ ހޭދަކޮށްގެން ދިގުފަރުން ތަންކޮޅެއް ހިއްކާފައި ދޭން އެދުމަކީ ހަރަދުގެ ގޮތުން ހަމަޖެހޭ ވާހަކައަކަށް ނުވާނެއެވެ. ފަރެއް ހަލާކުކޮށްލަން ޖެހޭ ހިސާބަކަށް އަދިއަކު ނުދެއެވެ. ގުދަނަކަށް ނޫން، އެދެނީ ކާރުހާނާއަކަށް ފިޝް ކަލެކްޝަން ފެސިލިޓީ ނުވަތަ ކޯލްޑް ސްޓޯރޭޖު ހަދަން ފަށަން މިހާރު އެ ތައްޔާރު ވަނީއެވެ. ރައްޔިތުން އެދެނީ މަސް ރައްކާކުރާ ގުދަނަކާ ހިސާބުން ނިމޭކަށް ނޫނެވެ. މަސްބަންދުކުރާ ކާރުހާނާއަކާ ހިސާބަށް އެ މަޝްރޫއު ފުޅާކުރާށެވެ. ސްލިޕްވޭގެ ކަންތައް ސާފުވާން ޖެހޭ އެމްޓީސީސީން އެ ކުންފުނީގެ ބޭނުމަށް ޑޮކްޔާޑެއް ހަދަން ކައުންސިލުން ވަނީ ބިމެއް ދީފައެވެ. އަމަލީ މަސައްކަތެއް އަދި ނުފަށައެވެ. މަސައްކަތް ނިމޭއިރު އިހަވަންދޫ ބޮޑެތި މަސްދޯނިފަހަރު އެ ތަނަށް އެހެލައިބޭލޭނެ ގޮތް ހަމަޖެހޭނެ ކަމާމެދު އަދި އޮތީ ސުވާލު މާކެއް މަތީގައެވެ. މި މަސައްކަތަށް ސަރުކާރުން ދީފައި އޮތީ ކޮން އިރުޝާދެއް ކަން ވެސް ސާފެއް ނުވެއެވެ. ރައްޔިތުންގެ އުންމީދަކީ ޒަމާނީ ސްލިޕްވޭއެއްގެ ހިދުމަތް ރަށުން ލިބުމެވެ. ޕްރީސްކޫލެއް ބޭނުން ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. ނަމަވެސް ރައްޔިތުން ނުހަނު އެދޭ ކަމެކެވެ. މި ރަށު މަދަރުސާގައި ކިޔަވާ ދަރިވަރުންގެ އަދަދަށް ބަލާއިރު ވަކި ޕްރީސްކޫލެއް ހިންގޭވަރަށް ކުދިން އެބަ ތިއްބެވެ. ޕްލޭ ސްކޫލާ ހިސާބުން ފެށިގެން ހިންގާ ޕްރީސްކޫލަކަށް ރައްޔިތުން ތިބީ އެދިއެދިއެވެ. ފީއެއް ނަގައިގެން ވިޔަސްވެހެވެ. ކޮބާ ކޮލެޖު؟ ކުރިން ވެސް ޖޫނިއަރ ކޮލެޖެއްގެ ވާހަކަ އަޑު އިވުނެވެ. މިހާރަކު އެ ވާހަކައެއް ނެތެވެ. މި ރަށުގައި ކިޔަވަން އެދޭ ކުދިން ބައިވަރެވެ. ކިޔަވައިދޭނެ ފެންވަރު ރަނގަޅު ޓިޗަރުން ވެސް ގިނައެވެ. ޔުނިވަރސިޓީގެ ކެމްޕަހެއް މި ރަށުގައި ނުހިންގެންވީ ސަބަބެއް ނެތެވެ. ރައްޔިތުންގެ މި އިލްތިމާސަށް އިޖާބަ ލިބޭނެބާ؟ ހުރިހާ މަގެއް ހަދައިދީ! މަގު ހަދަން މިހާރު އެ ފެށީތާއެވެ. ހަދަން އެ އުޅެނީ ދިހަވަރަކަށް މަގެވެ. ހުރިހާ މަގެއް އެކީގައި ހަދައި ނިންމައިފިއްޔާ ރައްޔިތުން ހާދަ އުފާ ވާނެއެވެ. އިތުރު ބޯޅަދަނޑެއް ޓާފްއެޅި ބޮޑު ފުޓުބޯޅަ ދަނޑެއްގައި ކުޅެން ލިބުމުގެ ނަސީބާއެކު ޒުވާނުން ތިބީ ނުހަނު ހިތްހަމަޖެހިފައެވެ. މިދިޔަ ހަފުތާގައި ހަވީރު ކުޅުނުއިރު ކޮޅަކު ވިއްސަކަށް މީހުން ތިއްބެވެ. އޮތީ ފުރިބާރުވެފައެވެ. ކުޑަކުދިން ތިބީ ކުޅެލަން ނުލިބި ބޯޅަ ހިފައިގެން ކުޅި ބަލާށެވެ. މި ރަށުގެ އާބާދީއަށް ބަލާއިރު އިތުރު ބޯޅަދަނޑެއް އަދި ބޭނުންވެއެވެ. އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ވޮލީ ބޯޅަ، ބާސްކެޓް ބޯޅަ، ޓެނިސް، ބެޑްމިންޓަން ފަދަ އިންޑޯރ ކުޅިވަރުތައް ކުޅެން އެދޭ ކުދިން ވެސް މި ރަށަކު ވަކި މަދެއް ނޫނެވެ. ކުޅެވޭނެ ގޮތެއް ނެތީއެވެ. މިވަރު އާބާދާއަކަށް ރަނގަޅު ފެންވަރުގެ ކުޅިވަރު އެކުވެންޏެއް ހައްގެވެ. އެ މިންވަރަށް ރައްޔިތުން ތިބީ އެދިއެދިއެވެ. ދެން، ގޮތެއް ނެތިއްޔާ އައުޓްޑޯރގައި ވިޔަސް ކޯޓުތަކެއް އެޅިދާނެތާއެވެ. ރޯ ހައުސް ބިން ހިއްކާ އެ ނިމެނީއެވެ. ނިމުނީމާ ގޯތި ކަނޑާފައި ދިނުމަކީ އުނދަގޫ ކަމެއް ނޫނެވެ. ދަތި ވާނީ ބޯހިޔާވަހިކަން ހޯދާދިނުމެވެ. ގެދޮރުވެރިކުރުމެވެ. ރީތި ރޯ ހައުސް ހަދައިފިއްޔާ މި ރަށު ކިތަންމެ މީހަކު ގަންނާނެކަން ޔަގީނެވެ. ސަތޭކައިން ވިކޭނެކަން މުޖައްރިބެވެ. ހޮސްޕިޓަލާ ހިސާބަށް މަޑެއް ނުކުރެވޭނެ މިހާރު އެދާވަރުން ވިއްޔާ ހަސްފަތާލު ބިނާވެ ނިމެން ތިންހަތަރު އަހަރު ނަގައިފާނެއެވެ. ރައްޔިތުން އެދެނީ ހިދުމަތެވެ. ނަމެއް، ރީތި އިމާރާތެއް ނޫނެވެ. މިހާރުން މިހާރަށް ވެސް ސިއްހީ ހިދުމަތަށް ގެނެވެން ހުރި ހެޔޮ ބަދަލެއް ވިއްޔާ ލަސްނުކޮށް ގެނެސްދިނުމަކީ ރައްޔިތުންގެ އާދޭހެވެ. ގެސްޓް ހައުސް މި ރަށުގެ އިގުތިސޯދުގައި ޖޯރު އެބަ ހުއްޓެވެ. މީހުން އަތުގައި ފައިސާ ވެސް ހުރެއެވެ. ނަމަވެސް، މަސްވެރިކަން ނޫން އެހެން ސިނާއަތެއް މި ރަށު މީހުންގެ ބޮލަށް ވެއްދޭނީ ގަދަބަދަވިކަމުންނެވެ. ގެސްޓް ހައުސްގެ ސިޔާސަތުގައި، ކައުންސިލާ ހިސާބުން އޮތީ މުށް އަޅައިފައެވެ. ރައްޔިތުންގެ ވިސްނުން ވަނީ ކަފިވެފައެވެ. ސަރުކާރުން ޖެހޭނީ ގަދަކަމުން އެ ސިނާއަތު ތާރަފުކުރާށެވެ. ގެސްޓް ހައުސް އަޅާފައި ތަޅުދަނޑި އަތަށް ދޭށެވެ. ކާމިޔާބު ވާނެކަމީ ޝައްކެއް ހިނގާ ކަމެއް ނޫނެވެ. ޔަންމާ ސާވިސް ސެންޓަރު އުތުރުން އެންމެ ބޮޑު ވިޔަފާރިއެއް އެމްޓީސީސީ ކަށަވަރު ފިހާރައިން ކުރާ ރަށަކަށް މި ރަށް ވާނެއެވެ. ބޮޑެތި ގިނަ ޔަންމާ އިންޖީނު ހުރީ މި ރަށު ދޯނި ފަހަރުގައެވެ. ފައިބަރު ގަންނަވަރު ވެސް މަދެއް ނޫނެވެ. ސާވިސްކޮށްދިނުމުގެ ހިދުމަތާއެކު ކަށަވަރު އައުޓްލެޓެއް މި ރަށުގައި ހުޅުވާނަމަ ކިހައި ރަނގަޅުހެއްޔޭ، އިހައްދުވަހަކު ރަށް ހިންގާ ޖޯލީގައި އޮަޑިވެރިބަޔަކާއި ކެޔޮޅަކު ދައްކަނިކޮށް އަޑު އެހީމެވެ. އެ ހަމަ ރަނގަޅު ވާހަކައެވެ. މި ކަހަލަ ކިތަންމެ އިހުސާސެކެވެ. މާދިގުވާތީ މި ދެން ނިންމާލީއެވެ.
ޢަބްދުލްމާނިޢު ޙުސައިން