ބާޒެއްގެ ހަޔާތުން.....

މުޙައްމަދު ޢަބްދުއްލަޠީފް

އަޅުގަނޑުމެންގެ ވެށީގައި ލައްވާފާ ކޮންމެ ދިރެ އެއްޗަކީވެސް އޭގައި ވިސްނާމީހަކަށް ގިނަ އިބުރަތްތަކެއް ލައްވާފައިވާ އެއްޗެވެ. އެތަކެއްޗާއި މެދު ވިސްނާ ފިކުރުކުރުމުން އަޅުގަނޑުމެންނަށް އަގުނުކުރެވޭފަދަ އެތަކެއް ދަރުސް ލިބޭނެ އެއްޗެއްސެވެ. އެފަދަ ތަކެއްޗާއި މެދު ވިސްނާ ފިކުރުކޮށް އިބުރަތުގެ ދަރުސްތައް ހާސިލް ކުރުމަކީ ނަފުސު އިސްލާހު ކުރުމަށް އެޅޭ ބާރެކެވެ. ކުރިއަށް ދިޔުމަށް ލިބޭ ހިތްވަރެކެވެ. އެހެންކަމުން މިލިޔުމުގައި މިބަލާލަނީ ބާޒެއްގެ ހަޔާތުން އިންސާނައަށް ހާސިލް ކުރެވިދާނެ ވަރަށް މަތިވެރި ފިލާވަޅުތަކަކަށެވެ.

ދިރިއުޅުމުގައި ތިމާ ގުރައެއް ފަދައިން ނުވާށެވެ. އެގުރާ އަބަދުވެސް ތަފާތު އެކި ގޮތްގޮތަށް ގޮވާހަދައެވެ.  ވަރަށް ގަދަ އަޑުންނެވެ. އެކަމަކު ގުރައަކަށް އެހާ މައްޗަކަށް އުދުހިއެއް ނޫޅެވެއެވެ. އެކަމަކު ބާޒު އެއާއި ތަފާތެވެ. އޭގެ އަޑުމަޑުވެފައި ހަނުހިމޭން ކަން ބޮޑެވެ. އެހެންނަމަވެސް އުޑުތަކާއި ހަމަޔަށް ވާސިލުވުމުގެ ގާބިލުކަން އެސޮރުގެ ކިބާގައި ވެއެވެ. އެހެންކަމުން އަޑުގަދަވުމަކީ މާ،މޮޅުކަމެއް ނޫންތާއެވެ.

ބާޒު ބޮޑަށް ގަޔާވަނީ އެކަނި އުދުހިއުޅުމަށެވެ. ބާޒު، ފެންފޯއްދޫނިތަކާއި ކާޅުތަކާއި އެހެންވެސް ކުދި ދޫނިތަކާއި އެކު އުދުހިއެއް ނޫޅެއެވެ. އޭގެ މާނަޔަކީ ތިމާވެސް ކޮށިވިސްނުމުގެ މީހުންނާއި ދުރުހެލިވާށެވެ. ތިމާގެ ވަށައިގެން އެފަދަ މީހުން ވަނީ ފުރިފައެވެ. އެފަދަ މީހުންގެ ސަބަބުން ވެއްޓޭނީ ތިމާއެވެ. ބާޒު އުދުހި، އުޅެނީ ބާޒާއި އެކުއެވެ. އެއިން އަންގައިދޭ އެއްޗަކީ ތިމާވެސް ތިމާފަދަ، މީހުންނާއި އެކު އެޅޭށެވެ. މީހުން ބުނެއުޅޭ ފަދައިން، ލަހެއްނުވެ ތިމާޔާއި އެކު އުޅޭ މީހުން ފަދަ މީހަކަށް ތިމާވެސް ވާނެއެވެ. އަބަދުވެސް ރަނގަޅު މީހުންނާއި އެކު ކުރިއަށް ދާށެވެ.

ބާޒުގެ ކިބައިގާ ތަސައްވުރެއް ވެއެވެ. އޭތި ދެކޭ ހުވަފެނެއް ވެއެވެ. އަދި އޭތީގެ ކިބައިގާ ވަރަށް ދުރުގައި (ފަސް ކިލޯމީޓަރެއްހާ)  ހުންނަ އެއްޗެއްސަށްވެސް އޭގެ ނަޒަރު ސީދާކުރުމުގެ ބާރު ވެއެވެ. ކިތަންމެ ދަތި އުނދަގޫ ތާކު ވާ އެއްޗަކަށް ވިޔަސްވެހެވެ. ބާޒު އޭގެ ޝިކާރަ އަތުވެއްޖައުމަށް ދާންދެން އޭތީގެ ޝިކާރައިން ނަޒަރު ކެހިގެން ދިޔަކަ ނުދެއެވެ. އޭގެ މާނަޔަކީ ދިރުއުޅުމުގައި ކަނޑައެޅިފައިވާ ތަސައްވުރެއް އޮންނާންވާނެއެވެ. ދެކޭ ހުވަފެނެއް އޮންނާންވާނެއެވެ. ދިރިއުޅުމުގައި ކޮންމެފަދަ ކަމެއްދިމާވިޔަސް އެހުވަފެން ދޫކޮށް ނުލާށެވެ. އެތަސައްވުރު ހަނދުމަނެތިކޮށް ނުލާށެވެ. ދޫނުދޭށެވެ. ހާސިލުވަންދެން ހިފަހައްޓާށެވެ.

ބާޒު ޖެހިލުންވެ ބިރެއް ނުގަނެއެވެ. ބާޒު އޭގެ ޝިކާރައިގެ ކުޑަބޮޑު މިނަކުން ނުވަތަ ގަދަފަދަ ކަމަކުން ފަހަތަކަށް ނުޖެހެއެވެ. އޭތި އަބަދުވެސް އޭގެ ޝިކާރައާއި ކުރިމަތިލައި ކުރިހޯދައެވެ. އަދި އޭގެ މަންޒިލަށް ވާސިލުވެއެވެ. އޭގެ މާނަޔަކީ ދިރިއުޅުމުގައި ކިތަންމެ ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިވިޔަސް ދޫނުދޭށެވެ. މައްސަލަތަކާއި ކުރިމަތިލައި ކާމިޔާބު ހޯދާށެވެ. ކާމިޔަބު މީހުންނަކީ ބިރުކުޑަ ޖެހިލުން ކުޑަބައެކެވެ. އެމީހުންގެ ބޯމަތީގައިވާ މައްސަލަތަކާއި އެމީހުން ކުރިމަތިލައެވެ. އެއަށްފަހު ނަތީޖާ ނެރެއެވެ.

ބާޒަކީ ވަރަށް ހިތްވަރު ގަދަ އެއްޗެކެވެ. ބާޒު ތޫފާނުތަކަށް ލޯބިކުރެއެވެ. ވިލާތައް ގާތްވެ އެއްވާ ވަގުތު ބާޒަށް ވަރަށްބޮޑު އުފަލެއް ލިބެއެވެ. ބާޒު، ތޫފާނުތަކުގައި އުފެދޭ ގަދަ،ވައިގެ ބޭނުންކޮށް އެތައްތަނެއް މައްޗަށް އުދުހި މަތީގާ އުޅެއެވެ. ވައިގެ ގަދަފަދަ ތުފާނެއް އުފެދޭތަން ބާޒަށް ފެނުމުން އެބިރުވެރި ތޫފާނުގެ ބޭނުން ހިފައި ވިލާތަކުގެ މައްޗަށް ބާޒު ވާސިލުވެއެވެ. އޭގެސަބަބުން ބާޒަށް މާބޮޑު ދަތިކަމަކާއި ނުލާ ދެފިޔަ ދަމާލައިގެން އަރާމުގައި ހަމަޖެހިލައިގެން އޮންނަން ފުރުސަތު ލިބެއެވެ. ހަމައެވަގުތު އެހެން ދޫނިތައް ގަސްތަކުގެ ގޮފިތަކާއި ފަތްތަށް ދަށަށް ވަދެ ފިލާ ރައްކާ ވެއެވެ. މިކަމުން ދޭހަކޮށްދޭ ކަމަކީ ކާމިޔާބީއަކީ ގޮންޖެހުންތަކަށް ބިރުގަތުމެއް ނޫންކަމެވެ.  އޭގެ ބަދަލުގައި ކާމިޔާބު މީހުން އެކަންކަމާއި ކުރިމަތި ލައެވެ. އަދި އޭގެ ބޭނުން ކޮށް ދަނޑިވަޅުގެ ބަލައި ފައިދާތަށް ހާސިލް ކުރެއެވެ.

މަރުވެ، މުޅަވެފައި ހުންނައެއްޗެއްސެއް ބާޒު ނުކައެވެ. ކުނިވެފައި ހުންނަ މަހެއް ބާޒެއް ނުކާނެއެވެ. އެހެން އިބާރާތަކުން ބުނާނަމަ އެހެންޖަނަވާރުތައް ހޯދާ، އަތުލައި، މަރައި، ކައި ހަރާބު ކޮށްފައި ހުންނަ އެއްޗެއްސެއް ބާޒެއް، ނުކާނެއެވެ. ބާޒު ކައިއުޅެނީ ހަމައެކަނި އޭތި އަމިއްލައަށް ޝިކާރަކުރާ އެއްޗެއްސެވެ. މާނަޔަކީ ދިރިއުޅުމުގައި އެހެން މީހުންގެ މުއްފަތުގައި އުޅެން ނުހަދާށެވެ. އަދި ތިމާއަށް މާޒީގައި ލިބިފައިވާ ކާމިޔާބީތަކަށް ބުރަވެ އެކަންކަމަށް ބަރޯސާ ނުވާށެވެ. އަބަދުވެސް އެހެން މީހުންގެ މަށްޗަށް ކުރިހޯދާ އާ ހުރަސްތައް ގިރާ ކުރެވޭތޯ ބަލާށެވެ. ވެދިޔަތަން ދޫކޮށްލާށެވެ. އެއީ މާޒީއެވެ. މާޒީ ވަނީ މާޒީގައެވެ.

ކަންކަން ދަސްކޮށް ފަރިތަކޮށް އެކަންކަމަށް ހޭނުމަކީ ބާޒު ކުރާ ކަމެކެވެ. ޅައިރު ހާލީގައި ހުންނަ މަޑުފަތްތަކާއި ވިނަތަށް ހާލިން ބޭރުކުރެއެވެ. ޅަދޫންޏަށް އަވަހަށް އުދުހޭން ދަސްކޮށްދިނުމަށްޓަކައެވެ. އެގޮތަށް ހެދުމުން އަރާމު ތަންމަތި ކަށިކުނބުރު ޖަންގައްޔަކަށްވެ ހާލި ދޫކޮށް ދާންޖެހެއެވެ. އެންމެފަހުން ޅަދޫންޏަށް އުދުހެން ދަސްކުރާން މަޖުބޫރުވެ، ރަނގަޅަށް އުދުހެވޭ ބާޒަކަށް ލަހެއްނުވެ ޅަދޫނި ވެއެވެ. އެއިން ލިބިދޭ ފިލާވަޅަކީ އަރާމު، ހިތްފަސޭހަ މާހައުލު ދޫކޮށްލަން ޖެހޭކަމެވެ. އެތަނަކީ އެއީ ހެދިބޮޑުވާ ތަނެއްނޫނެވެ. އެތާގައި ތިމާ ތަރުބިއްޔަތެއް ނުވާނެއެވެ.

ބާޒަކީ ވަރަށް ކެތްގަދަ ހިތްވަރުގަދަ ދޫންޏެކެވެ. ބާޒު ބޮޑުވަމުންދާ ވަރަކަށް އޭގެ ފަތްތަށް މުސްކުޅިވެ ހަލާކުވެއެވެ. އަދި އޭގެ ސަބަބުން ބާރަށް އަދި މައްޗަށް އުދުހުމަށް ހުރަސްއެޅެއެވެ. މިއީ ބާޒަށް ކުރިމަތިވާ ނިކަމެތިކަމެކެވެ. ދެރައެކެވެ. އޭގެ ސަބަބުން އެސޮރު، މަރުވެދާފަދަ ކަމެކެވެ. ދެން ބާޒު އޭގެ މަސައްކަތާއި (ޝިކާރަ ކުރުމާއި ވިހެއުން) ދުރަށް ޖެހެއެވެ. އަދި ވީހާވެސް ދުރުން ފަރުބަދަތަށް މަތިން ސިއްރު ތަނެއްހޯދާ އެހެން ދޫނިތަކާއި އެކަހެރިވެއެވެ. އެއަށްފަހު ދުވަސްވެ ހަލާކުވެފައިވާ ފަތްތައް ލުއްސާ އަދި ކޮށިވެފައިވާ އޭގެ ތުނބާއި ވަކިތައްވެސް ހިލަ ގަނޑުތަކުގައި އަޅުވާ ބިންދާލައެވެ. ބާޒު ކެތްތެރިކަމާއި އެކު މިހުރިހާ ކަމެއްވެސް ތަހައްމަލް ކުރެއެވެ. މި، ވޭނާއި ކެކުޅުން ބޮޑު ކަންތަކަށްފަހު ބާޒު، ފަރުބަދަމަތީ ކުރިން ހޯދި ސިއްރު ތަނުގައި ފިލާ އިނދެއެވެ. އާފަތްތައް ފަޅާ ތުން، އާވެ ވަކިތަށް ފަޅަންދެންނެވެ. ދެން ކުރިއެކޭ އެއްގޮތަށް ބާޒަށް، ބާރަށް އަދި މައްޗަށް އުދުހެވެއެވެ. އެއިން ލިބިދޭ ފިލާވަޅަކީ އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ދުވަސްވީ ވިޔާ ނުދާ އާދަތަށް ދޫކޮށްލާން ޖެހޭކަމެވެ. އޭގައި މަބޮޑު އަގެއްނެތް ބުރަތައް އުފުލުން ހުއްޓާލަންޖެހެއެވެ. ޒަމާނާއި ވަގުތާއި ހާލަތަށް ތައްޔާރު ވާން ޖެހެއެވެ. އަބަދުވެސް ނަފުސުގައި ވާ އުނި ކަންތައްތައް ހޯދާ ބަލާ އެކަންކަން ރަނަގޅު ކުރާން ޖެހޭކަމެވެ. އެއީ ކިތަންމެ ކުރަން އުނދަގޫކަމަކަށް ވިޔަސް އެކަންކަން ކުރުމުން ލިބޭ ފައިދާތަށް މާ ގިނަކަމެވެ. (ނިމުނީ)