އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަމަހު އެކެއްގައި ފަށަނީ!

ލުޤުމާން އަޙްމަދު

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2025، އަންނަމަހު އެއްވަނަ ދުވަހު ފެށާނެކަމަށް އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިއީ މިމުބާރާތް ބާއްވާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ފުލުހުންގެ ޓީމެވެ. އެޓީމް 4 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2024 އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ޓީމް ކާމިޔާބުކުރީ ފައިނަލްގައި 2-1 އިން އިހަވަންދޫ ކައުންސިލް ބަލިކޮށްގެންނެވެ.

މިމުބާރާތުގައި ބައިވެރިވާ ޓީމްތައް މިމަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓަރީ ވާންޖެހެއެވެ. އޮފީސްތަކުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން މިއަހަރުގެ ސެޕްޓެމްބަރ މަހު އިންޓަރ އޮފީސް ވުމަން ސްޕޯސްޓް ފިއެސްޓާގެ ނަމުގައި ކުޅިވަރު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް އިހަވަންދޫ ކައުންސިލުންވަނީ ތާވަލްކޮށްފައެވެ.