ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ވޮލީ މުބާރާތް – 2025” ގެ ނަމުގައި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބާއްވާ ތިލައުތުރު ވޮލީ މުބާރާތުގައި މިއަހަރުވެސް 7 ޓީމެއް ބައިވެރިވެއްޖެވެ. މިއަހަރު މިބާއްވަނީ ތިލައުތުރު ވޮލީ މުބާރާތުގެ ދެވަނަ މުބާރާތެވެ. މިދިޔަ އަހަރު ހއ. މުރައިދޫގައި ބޭއްވި ތިލައުތުރު ވޮލީ މުބާރާތުގައިވެސް ބައިވެރިވީ 7 ޓީމެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ، މިއަހަރުގެ މުބާރާތް ހޯސްޓްކުރާ ހޯރަފުށި، މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން މުރައިދޫ، ރަނަރަޕް އިހަވަންދޫ، މޮޅަދޫ، ވަށަފަރު، ދިއްދޫ އަދި ބާރަށެވެ. މިއަހަރުގެ ތިލައުތުރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި ފުރަތަމަ ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކޮށްފައިވަނީ މުރައިދޫ ކައުންސިލުންނެވެ. ފުރިހަމަ އިންތިޒާމްތަކަކާއިއެކު ކުރިޔަށްދިޔަ އެމުބާރާތުގެ ފައިނަލްގައި އިހަވަންދޫއާ ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުރައިދޫއެވެ. ހއ އަތޮޅު ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރު މުބާރާތެއް އިހަވަންދިއްޕޮޅުގެ ރަށެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.