ކުރީގެ ފުޓްސަލް ދަނޑުގައި ހޭންޑްބޯލް ކޯޓެއް ހަދަނީ!

މުޙައްމަދު އަކުރަމް

ހުރަވީދަނޑުގެ އިރު އުތުރު ކަންމަތީގައި އޮންނަ ފުޓްސަލް ދަނޑުގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރަން، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ނިންމައިފިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އެކޮމިޓީގެ ބަޖެޓުން ހަރަދުކޮށްގެން މިމަސައްކަތް ކުރުމަށެވެ.

މިކަމާއި ގުޅިގެން އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބްރައީސާ ނަޝީދާއާއި ސުވާލުކުރުމުން ވިދާޅުވީ، ޖާގައިގެ  ގޮތުން އެތަނުގައި ހެދެނީ މިނީ ހޭންޑްބޯޅަ ކޯޓެއް ނަމަވެސް، އެކަމުގެ ސަބަބުން އެކަޑަމީ ތަކަށާއި، ސްކޫލް ދަރިވަރުންގެ އިތުރުން މުބާރާތްތަކަށް ފަރިތަކުރާ ފަރާތްތަކަށް ވަރަށްބޮޑު ހިންހަމަޖެހުމެއް ލިބިގެން ދާނެކަމުގައެވެ. ނަޝީދާ މައުލޫމާތު ދެއްވިގޮތުގައި ކޯޓްގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނު ކުރާނެއެވެ. އިހަވަންދޫގައި ހިންގާ ޖޭސްޕޯރޓްސް އެކަޑަމީއިން އަންނަނީ ހޭންޑް ބޯޅަޔަށް ކުދިން ތަމްރީންކުރަމުންނެވެ. އިމަގު ޖަމިއްޔާއިން މިދިޔަ އަހަރު ހޭންޑްބޯލް މުބާރާތެއްވެސް ބާއްވާފައިވެއެވެ.

ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރަން ނިންމާފައިވާ ފުޓްސަލް ދަނޑަކީ، ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ތަރައްޤީކޮށްފައިވާ ދަނޑެކެވެ. އެދަނޑުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ މައްސާހް ކޮންސްޓްރަކްޝަނާއެވެ. އެއީ  22ޖޫން 2014 ގައެވެ. 2016 ވަނައަހަރާއި ހަމަޔަށް ދިޔައިރުވެސް އެމަސައްކަތް މަސައްކަތް ނުނިމުމުން، 17 މާރިޗް 2016 ގައިވަނީ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް މޯލްޑިވެސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) ސިފްކޯއާއި ހަވާލުކޮށްފައެވެ. ފުޓްސަލް ދަނޑު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ފަހުކޮޅުއެވެ.