އަޒުހާން، ދިރިހުރުމުގެ އުއްމީދުތަކާ ގުޅިފައިވާ އޮޕަރޭޝަންކުރުމަށް އެހީތެރިވެދެއްވާ!

މުޙައްމަދު އަކުރަމް

ދަރިންނަކީ ދުނިޔެއާއި އާޚިރަތުގެ ފައިދާއަށް ޓަކައި މާތް ﷲ ދެއްވާ ބޮޑު ނިޢުމަތެކެވެ. އެއީ މައިންބަފައިންގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމެވެ. ދަރިއަކު އުފަންވާ ހިސާބުން ފެށިގެން އުފަލާއި، ހިތްހަމަޖެހުމާއި، ހިތް ނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، މި ނޫން ވެސް އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. މި ދުނިޔެއަކީ އިމްތިހާނެއްކަމަށް ދަނެ، ދުނިޔޭގައި ދިމާވާ އެންމެހައި އިމްތިހާންތަކަށް ކެތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއީ އުމުރުން 9 އަހަރުގެ ހުސައިން އަޒުހާންގެ ވާހަކައެވެ. 2014 ވަނަ އަހަރުގެ މެއިމަހުގެ 31 ވަނަ ދުވަހު އަޒުހާން ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެންވެސް، ކޮންމެ ދުވަހަކުވެސް ދިރި ހުރުމަށްޓަކައި ކުރަންޖެހިފައިވަނީ ވަރުގަދަ ހަނގުރާމައެކެވެ. އެދުވަހުންފެށިގެން އަޒުހާންގެ މައިބަފައިން އަޒުހާންއަށް ފަރުވާދިނުމަށް އެތައް އިމްތިހާނެއް ކަޑައްތު ކޮށްފިއެވެ.

އަޒުހާން ދުނިއެއަށް އުފަން ވުމާއިއެކު، އަޒުހާންގެ ބައްޕަޔަށް ލިބުނީ ބައްޕަޔަކު އަޑުއަހަންއެންމެ ބޭނުން ނުވާނެ އެއް ހަބަރެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވީ، އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން އާންމު މީހުންނާ ހިލާފަށް، ހިތުގައި ހުންނަ 4 ޗެމްބަރގެ ބަދަލުގައި އަޒުހާންގެ ހިތުގައި އިންނަނީ 2 ޗެމްބަރ ކަމުގައެވެ. އަދި އެކަމަށް އެކަށީގެންވާ ފަރުވާ ރާއްޖެއިން ލިބެން ނެތްކަމާއި، އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ހަފުތާއެއްވަންދެންވެސް ދުނިޔޭގައި އޮންނާނެކަމަށް ނުބެލެވޭކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، އަޒްހާންގެ އުމުރުން 8 ވަނަ ދުވަހު ފަރުވާދޭން ފެށުނެވެ. އެފަހަރު އަޒުހާން ގެއަށް ދޫކޮށްލީ ފުރަތަމަ ސާޖަރީ އަށްފަހުއެވެ. އަދި އަޒުހާން ބޮޑުވަމުން އަންނަ ވަރަކަށް އިތުރު ދެ ސާޖަރީއެއް ހަދަން ޖެހޭނެކަމަށް ޑޮކްޓަރުން އެންގިއެވެ. އެއަށްފަހު ދެ ވަނަ ސާޖަރީކޮށް ފަހު ސާޖަރީ ކުރާނީ އަޒުހާނުގެ އުމުރުން 5 އަހަރުގައި ކަމަށް ކަނޑައެޅިއެވެ.

ބަލީގެ ސަބަބުން އެއުމުރުގެ ކުދިންނާ ހިލާފަށް އެތައްވޭނެއްގައި ދިރިއުޅެމުންދިޔަ، ހިއްވަރު ގަދަ އަޒުހާންއަށް އުމުރުން 5 އަހަރުގައި ދިމާވާންފެށީ އެހެން މައްސަލައެކެވެ. އަޒުހާން އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން، ހިތުގެ ބައްޔެއް ކަމުގައިވާ ސްޕްރާ ވެންޓްރިކިއުލާ ޓެކިކާޑިއާގެ އަލާމާތްތައް ފެންނަންފެށީއެވެ. 5 އަހަރުގައި ކުރަންޖެހޭ ސާޖަރީ ކުރުމަށް އެތައް ފަހަރަކު އިންޑިއާޔަށް ދިޔަނަމަވެސް، ސްޕްރާ ވެންޓްރިކިއުލާ ޓެކިކާޑިއާގެ ސަބަބުން އަޒުހާންގެ ހިތުގެ ވިންދު އާދަޔާ ހިލާފަސް އަވަސްވާތީ ސާޖަރީ ކޮށްދޭން ޑޮކްޓަރުން ދެކޮޅު ހަދަނީއެވެ. އެންމެ ފަހުން އެތައް ފަހަރަކު އިންޑިޔާއަށް ގޮސްގެން ސާޖަރީ ކުރެވުނީ އަޒުހާންގެ އުމުރުން 9 އަހަރުގައެވެ.

އަޒުހާންއަށް ކުރިން ކުރެވުނު 3 ސާޖަރީއަކީވެސް ހިތުގެ ދެ ޗެމްބަރ މަދުވުމުން ކުރަންޖެހުނު 3 ސާޖަރީނަމަވެސް، އެސާޖަރީތަކުގެ ސަބަބުން ސްޕްރާ ވެންޓްރިކިއުލާ ޓެކިކާޑިއާ އަށް ހައްލެއް ނުލިބި އެމައްސަލަ އިތުރަށްވީ ގޯހެވެ. މިއަހަރުވެސް  އެމައްސަލަ ދިމާވެގެން ކޮންމެ މަހަކުހެން ކުޅުދޫފުއްޓަށް އަދި މާލެއަށް ރެފަރ ކޮށްފިއެވެ. އާންމު މީހެއްގެ ވިންދު 60-100 އާއި ދެމެދުގައި ހުރިނަމަވެސް އަޒުހާންގެ ވިންދު 180 އިން މައްޗަށް ދެއެވެ. ހިތުގެ ވިންދު އަވަސްވާ ކޮންމެ ފަހަރަކުވެސް މޭޖާ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވާނެކަމަށް ޑޮކްޓަރުން ބުނެފައިވުމާ، އަޒުހާން ތަހައްމަލުކުރަމުންއައި ވޭންތައް އެންމެ ގާތުން ފެންނާނެ ބަޔަކީ އަޒުހާންގެ މައިން ބަފައިންކަމުން އެކަމަށް ފަރުވާއެއް ހޯދުމަށް އެމީހުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އެކަމަށް ކުރަންޖެހޭ ސާޖަރީގެ ހިރާސް ބޮޑުކަމުން އިންޑިޔާގެ ޑޮކްޓަރުން އެސާޖަރީ ކުރުމަށް އެއްބަހެއްނުވާތީ އެކަން ކުރެވޭ ގޮތެއް ނުވެއެވެ. އަޒުހާންގެ މައިބަފައިންނަށް އުއްމީދުގެ އަލިކަމެއް ފެނުނީ ރައްޖޭގެ ޑޮކްޓަރަކު، ތައިލެންޑްގެ ބެންކޮކުން އެސާޖަރީ ކުރެވިދާނެކަމަށް ބުނުމުންނެވެ. “ރާއްޖޭގެ ޑޮކްޓަރު އަޅުގަޑުމެނަށް މަގުދައްކައިދިނީ، އެ ސާޖަރީގެ ބޮޑުކަމާ އަގުބޮޑުކަމުން އަޅުގަނޑުމެނަށް އެކަން ނުކުރެވޭނެތީ ހާސިލްނުކުރެވޭނެ އުއްމީދެއް ނުދިނުމަށް އެޑޮކްޓަރުވެސް ވަރަށް ނުބުނަން އުޅެފަބުނީ. އަޒުހާންއަށް ވަމުން ދިޔަވަރުފެނި އަބަދުވެސް ޑޮކްޓަރާ ހިސާބަށް އަންނަންޖެހޭތީ. ޑޮކްޓަރު ބުނީ ރާއްޖޭގެ ކުއްޖަކުވެސް އެސާޖަރީ ކޮށްފިކަމަށް އެކަމަކު އަޅުގަނޑުމެންނަށް އެފޯޑް ނުކުރެވޭނެކަމަށް” އަޒްހާންގެ ބައްޕަ އަހްމަދު ކިޔައިދިނެވެ.

ކިތަންމެ ރިސްކް ބޮޑު ސާޖަރީއެއް ނަމަވެސް އަޒުހާން ދުނިޔޭގައި ހުރުމަށް އެސާޖަރީ ކުރުން ނޫން އެހެން އުއްމީދެއް މިހާރަކުނެތެވެ. ބޮންކޮކް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ވާހަކަދެކެވި މިހާރުދަނީ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންކަން ތަރުތީބުކުރެވެމުންނެވެ. ނަމަވެސް އެކަމަށް މިވަގުތު އޮތް ހުރަހަކީ ފައިސާގެ ދަތިކަމެވެ.

އާއިލާގެ ހުރިހާ ހަރަދެއްކުރަމުންދަނީ އަޒުހާނުގެ ބައްޕަ ހއ އިހަވަންދޫ ރެޑިއަމް އަހްމަދު މުހައްމަދެވެ. އަޒުހާންގެ ހަގަށް އިތުރު ދެ ކުދިން ތިބިއިރު، އަޒްހާންގެ ފަރުވާ ކުރިޔަށް ގެންދަމުން ހަރަދުތައް ހަމަޖެއްސުން އަހަމަދަށް ވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. “އަޒްހާން އުފަންވީފަހުން އަޒުހާންގެ ފަރުވާއަށް ފާއިތުމިވީ 9 އަހަރު ކޮންމެ 6 މަހަކުންހެން އިންޑިއާޔަށް ދެވިފަ ހުންނާނީ. މިފަހުން އަޒުހާންކުރި އޮޕަރޭޝަނަށްވެސް ދާންޖެހުނީ 3 މަސް ދުވަހުގެ ނޯޕޭ ނަގައިގެން” އެމްޓީސީސީގެ އާރުޓީއެލް ލޯންޗެއްގައި ވަޒާފާ އަދާކުރާ އަހުމަދު ބުންޏެވެ. އޮޕަރޭޝަނަށްފަހުވެސް އަޒުހާންގެ ބަލިހާލަތު ހުރިގޮތުން ޑޮކްޓަރީ ފަރުވާއަށް އަހުމަދަށް އުޅެންޖެހެނީ ރަށުން ބޭރުގައެވެ. “މިހާރުވެސް ހުރިހާ ޗުއްޓީއެއް ހުރީ ހުސްވެފަ. ސަލާމްވެސް އާއިލީ ޒިންމާވެސް، އެހެންކަމުން މިއޮޕަރޭޝަނަށްވެސް ދާންޖެހޭނީ ނޯޕޭ ނަގައިގެން” އަހުމަދު ތަފްސީލްކޮށްދިނެވެ.

އެހެންކަމުން އޮޕްރޭޝަނަށް އާސަންދަ ހަމަޖެހިފައި ވީނަމަވެސް ދަތުރުފަތުރުގެ އިތުރުން އެކޮމަޑޭޝަނާއި، އެހެނިހެން ކަންކަމަށްވެސް ބޮޑު ހަރަދެއް ކުރަންޖެހޭނެތީ އާންމުންގެ އެހީތެރިކަމަށް އެދިގެން ނަމަވެސް މިއަދު އަޒުހާންގެ އާއިލާއިން ބޭނުންވަނީ ވީހާވެސް އަވަހަށް އޮޕަރޭޝަންކުރެވޭނެ ގޮތެއް ހޯދާށެވެ. އޮޕަރޭޝަން ނުކުރެވި ފާއިތުވާ ކޮންމެ މިނެޓަކީވެސް އަޒުހާންގެ ފުރާނަ އިތުރު ހިރާސްގެ ތެރެއަށް ހުށަހެޅިގެންދާނެ ވަގުތުތަކެކެވެ.

 

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ބޭފުޅުން އަޒުހާންގެ ބައްޕަ އަހްމަދަށް ގުޅުއްވުމަށް: 7443904

އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރަންވީ އެކައުންޓް:
MVR – 7730000428144 (Ahmed Mohamed & Hussain Azhaan)
USD – 7730000597683 (Ahmed Mohamed)