ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ ތިލައުތުރު ވޮލީ މުބާރާތުން ދިއްދޫ ޓީމް ވަކިވެއްޖެއެވެ. މިމުބާރާތުން ދިއްދޫ ޓީމް ވަކިވެފައިމިވަނީ، ދިއްދޫޓީމްގައި މުބާރާތުގެ ޤަވާއިދު ނަންބަރު 4 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކުޅުންތެރިޔަކު ޖައްސާފައިވާ ކަމަށްބުނާ މައްސަލަ ފެންމަތިވެ މުބާރާތުގެ ޑިސްޕްލިނަރީ ކޮމިޓީން އެޓީމަށް ފިޔަވަޅު އަޅާފައި ވަނިކޮށެވެ. މުބާރާތުގެ ޑިސްޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ އެކުޅުންތެރިޔާ ހިމަނައިގެން ދިއްދޫއިން އެހާތަނަށް ކުޅެފައިވާ މެޗްތައްވަނީ އިދިކޮޅަށް ކުޅުނު ޓީމަށް 3-0 ސެޓްއިން ލިބުނު ކަމަށާއި ދެން އެޓީމް ކުޅޭމެޗްތަކުގައި އެކުޅުންތެރިޔާއަށް ނުކުޅެވޭނެކަމަށެވެ.
ދިއްދޫއިން މިމުބާރާތުން ވަކިވެފައިވާއިރު އެޓީމަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ އިހަވަންދޫއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. ދިއްދޫ ޓީމުން މިމުބާރާތުން ވަކިވުމުން ދެން މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅޭނީ ދެ މެޗެވެ. އެއީ މިރޭ ހޯރަފުއްޓާއި މޮޅަދޫ ކުޅޭ މެޗާއި މާދަމާރޭ އިހަވަންދޫއާ މޮޅަދޫ ބައްދަލުކުރާމެޗެވެ.
މިމުބާރާތުގައި 5 ޓީމެއް ވާދަކުރެއެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއެވެ. މިމުބާރާތް ކުރިޔަށްދާނީ 5 ޓީމްގެ މެދުގައި ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ޖާގައެއް ލިބޭގޮތަށެވެ. ދެވަނަ އަދި 3 ވަނަ ޓީމްގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅޭނެއެވެ. އެމެޗުން މޮޅުވާ ޓީމަށް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނެއެވެ. މުރައިދޫ ޓީމަށް ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެފައެވެ. އެއީ ލީގު އުސޫލުން ކުޅުނު ބުރުގައި އެންމެގިނަ ޕޮއިންޓް ހޯދައިގެންނެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަށަވަރުވާނީ މިއަދާއި މާދަމާގެ މެޗްތަކުގެ ނަތީޖާއިންނެވެ.