ވެއްޔާނުލާ ގަސްހެއްދުން 1

ފަތުޙުﷲ އަޙުމަދު ރަޝީދު

ވެއްޔާނުލާ ގަސް އިންދާ ހެއްދުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް މަގުފަހިކުރުމުގެ ގޮތުން، އެކަމަށް އެހީތެރިވުމަށްޓަކައި ބޭނުންވާނޭ މައުލޫމާތުތައް ސިލްސިލާއެއްގެ ގޮތުގައި މި ސައިޓު މެދުވެރިކޮށް ހުށަހަޅާލަން ގަސްތުކުރަމެވެ. އުއްމީދަކީ މި ސައިޓްގެ ކިޔުންތެރިންނަށް ތަފާތު އެކިކަހަލަ މައުލޫމާތުތައް އެކި އެކި ދާއިރާތަކުން ލިއްބައި ދިނުމެވެ. އަދި މިސައިޓުގެ އެހީގައި ޒަމާނީ ދަނޑުވެރިކަން ތައާރަފުކުރުމާއެކު އެކަމުގެ ފަންނީ މައުލޫމާތުތައް ކިޔުންތެރިންނަށް ހިއްސާކުރުމެވެ.

މި ސިލްސިލާގައި ހިމާނާލާ މައުލޫމާތުގައި ހުށަހަޅާލަދެނީ ވެއްޔާނުލާ ގަސް ހެއްދުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ގޭގައި ތަޖުރިބާ ކުރެވިދާނެ ޚަރަދުކުޑަ ގޮތްތަކެވެ. މިގޮތުން، ވެއްޔާނުލާ ގަސްއިންދާ ހައްދާނެ އުޞޫލުތަކާއި ގޮތްތަކުގެ މައުލޫމާތާއި މިފަދަ މީޑިއާ ތަކުގައި ހެއްދިދާނެ ގަހުގެ ބާވަތްތަކާއި، ގަހަށް ބޭނުންވާނެ ކާނާ އަޅާނޭ އުޞޫލުތަކާއި، ގަހަށް ޖެހޭ ބަލިތަކުން ގަސް ސަލާމަތްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބޭނުންކުރެވިދާނެ ބޭސްތަކުގެ މައުލޫމާތު ހިމަނާލާނަމެވެ. އެންމެ ފުރަތަމަ މި ހުށަހަޅާލަނީ ވެއްޔާނުލާ ގަސްހެއްދުން ނުވަތަ ހައިޑްރޯޕޯނިކްސްގެ ތައާރަފަކާއި ފައިދާތަކެވެ.

ތައާރަފު

ވެއްޔާނުލާ ގަސްހެއްދުން ނުވަތަ ހައިޑްރޯޕޯނިކްސް އަކީ ބިމުގެ ވެލިބޭނުންނުކޮށް ގަސްހެއްދުމެވެ. ބިމުގައި ގަސްހެދޭގޮތަށް ވެލިބޭނުންނުކޮށް ފުރަތަމަ ގަސްހެއްދީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ، އިރާގުގެ ބެބިލޯނިއަންގައި އޮތް މަޝްހޫރު “ހޭންގިން ގަރޑްން” ގައެވެ. ދަނޑުވެރިކަމުގެ ތަޖުރިބާކާރުން ދެކޭގޮތުގައި މި ބަގީޗާ ހަދާފައިހުރީ ގަސްކާނާއާއި އޮކްސިޖަން އެކުލެވޭ ފެން ދައުރުވާގޮތަށެވެ. މަޝްހޫރު ތާރީޚް ލިޔުންތެރިޔާ މަރކްޕޯލްގެ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން ހައިޑްރޯޕޯނިކްސްގައި  ފުރަތަމަ ގަސްހެއްދީ ޗައިނާ މީހުންނެވެ. އެބައިމީހުން ހެއްދީ ހަނޑުލެވެ. މިބައިމީހުން ހަނޑޫ ހެއްދީ ފެނުގައި އުފުލިފައިއޮންނަ ގޮތަށް ހަދާފައިވާ ބަގީޗާއެއް ގައެވެ.

1920 ވަނަ އަހަރާއި 1930 ގެ ފަހުގެ އަހަރުތަކުގައި ޔުނިވަރސިޓީ އޮފް ކެލްފޯނިއަރގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ވިލިއަމް އެފް. ގްރިފް ލެބޯޓަރީ ޓެސްޓްތަކަށްފަހު ފުޅާދާއިރާއެއްގައި ފެނުގައި ގަސްހައްދަން ފެއްޓިއެވެ. މިހާހިސާބުން ހައިޑްރޯޕޯނިކްސްގެ ނަމުގައި ފެނުގައި ގަސްއިންދާ ހެއްދުން އާންމުވިއެވެ. ‘ހައިޑްރޯޕޯނިކްސް’ މިއީ ގްރީކް ދެ ލަފުޒު އެއްކޮށްގެން އުފެދިފައިވާ ލަފުޒެކެވެ. އެއީ، ‘ހައިޑްރޯ’ (ފެން) އާއި ‘ޕޯނިކްސް’ (މަސައްކަތް) އެވެ. އެހެންކަމުން، މިލަފުޒުގެ ލަފުޒީ މާނައަކީ ‘ފެނުގެ މަސައްކަތެވެ.’

ފެންބޭނުންކޮށްގެން ދަނޑުހައްދަން ފެށުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތަފާތު އެކިކަހަލަ ތަހުލީލުތައް ކުރެވި އެކިއެކި ބާވަތް ބާވަތުގެ ތަފާތު އެހެނިހެން މީޑިއާ ތަކުގައި ގަސްއިންދާ ހައްދަން ފެށުމެވެ. މިގޮތުން، އަކިރި، ގައު، ކަފަ، ކީހުކުނޑި، ކޮށިބޮނބި އަދި ބޮނބިކުނޑި ފަދަ ތަފާތު ބާވަތްތަކުގައި ކާމިޔާބުކަމާއެކު ގަސްހައްދަށް ފެއްޓިއެވެ. ނަތީޖާއެއްގެ ގޮތުން، ހައިޑްރޯޕޯނިކްސްގެ މާނަ ފުޅާވެ، ހައިޑްރޯޕޯނިކްސްގެ މާނައަކީ ވެލިބޭނުންނުކޮށް ގަސްހެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ގޮތުގައި ބޭނުންކުރެވެން ފެއްޓުނެވެ.

ހައިޑްރޯޕޯނިކްސްގެ ފައިދާ

ހައިޑްރޯޕޯނިކްސް އަކީ ތިމާވެއްޓާއި ރަހުމަތްތެރި ދަނޑުވެރިކަމެކެވެ. މިދަނޑުވެރިކަމުގެ ތެރޭގައި ބޭނުންކުރާ ތަކެއްޗަކީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ތަކެއްޗެވެ. މިގޮތުން، ގަސްއިންދުމަށް ބޭނުންކުރާ ގައު، ބޮނބިކުނޑި، ކޮށިބޮނބި ފަދަ ތަކެއްޗަކީ ސާފުކޮށް ދޮވެގެން (ސްޓަރަލައިޒްކޮށްގެން) ބޭނުންކުރެވޭނެ ތަކެއްޗެވެ. މީގެއިތުރުން، ގަސްއިންދުމަށް ބޭނުންކުރާ ނިޒާމު، ކޮތަޅު، ބާލިދީ، ޓައްޕު ނުވަތަ އުނބުގަނޑު ފަދަ ތަކެއްޗަކީ ދިގުމުއްދަތަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ.

ހައިޑްރޯޕޯނިކްސްގައި ބޭނުންކުރެވޭ ފެނާއި ގަސްކާނާގެ ޚަރަދު ކުޑައެވެ. ބިމުގައި ހައްދާ ގަސްގަހަށް ފެނާއި ކާނާ އަޅާއިރު، ގަސްބޭނުންކުރާ ބައިތަކަށްވުރެ ބޮޑުބައި ބޭކާރުވެގެންދެއެވެ. ނަމަވެސް، ހައިޑްރޯޕޯނިކްސްގައި ބޭނުންކުރާ ފެނާއި ކާނާއަކީ ސީދާ ގަހަށް ބޭނުންކުރެވެއެވެ. އަދި ފެން ހުންނާނީ ދައުރުވެ ދައުރުވެ ނުވަތަ ކޮންޓޭނާއެއްގެ ތެރޭގައި ބަންދުކުރެވިފައެވެ. ކާނާ ހުންނާނީ ފެނުގެ ތެރެއަށް ގިރުވާ ފެނާ އެކުވެފައެވެ. މިގޮތަށްވުމުން، އަބަދާއި އަބަދު ގަހަށް ބޭނުންވާ ކާނާއާއި ފެން ގަހަށް ލިބިލިބި ހުރެއެވެ. ނަތީޖާއަކަށް ވެގެންދަނީ ގަސް ހެދި ބޮޑުވުމަށް ފުރުޞަތު ފަހިވެގެން ދިއުމެވެ. އަދި ގަހުގެ މަތިވަރު ރަނގަޅުވުމެވެ.

ހައިޑްރޯޕޯނިކްސް މަސައްކަތަކީ ލުއިފަސޭހެ މަސައްކަތެކެވެ. މިއީ ސާފުތާހިރުކަން ބޮޑު މަސައްކަތެކެވެ. ނަތީޖާއެއްގެ ގޮތުން ކޯޓުފަޓުލޫނުގައިވެސް މިފަދަ ދަނޑުވެރިކަން ކުރެވިދާނެއެވެ. މިފަދަ ދަނޑުތައް ފުރިހަމަވެފައި ގަސްތައް ބަލާލަން ރީއްޗެވެ. އަދި ހައްދާ ގަހުން ކާނާ ލިބޭނެކަމުގެ ޔަޤީންކަން ބޮޑުވެއެވެ. ހަމައެހެންމެ، އަވަސްމުއްދަތެއްގެ ތެރޭގައި ނަތީޖާ ނެރެވޭ މަސައްކަތެއްގެ ގޮތުގައި މި އުޞޫލު ފާހަގަކޮށްލެވެއެވެ.

ހައިޑްރޯޕޯނިކްސް އަކީ ކުޑަޖާގައިގައިވެސް ކުރެވިދާނެ މަސައްކަތެކެވެ. މިއުސޫލު ބޭނުންކޮށްގެން ކައިރިކައިރީގައި ގަސްހެއްދެއެވެ. އަދި ކޮންމެހެން ބިން ބޭނުންނުކޮށް ޖައްވުގައިވާ ހުސްޖާގާގައި ހަރުތަކެއް ބޭނުންކޮށްގެން މިކަން ކުރެވެއެވެ. މި އުސޫލުގެ ދަށުން ހައްދާ ތަރުކާރީއާއި މޭވާއަށް ބަރާބަރަށް ފެނާއި އޮކްސިޖަން ފޯރުކޮށްދެވުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޭނުންވާ ފައިދާކުރަނިވި އުންސުރުތައް އިތުރުވެއެވެ.  (ނުނިމޭ)