ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގައި ދިވެހިރާއްޖޭގައި އަދުލް އިންސާފު ގާއިމުކުރަމުން އައި ގޮތުގެ ތަފްސީލީ މައުލޫމާތު ލިބެން ނެތް ނަމަވެސް ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން ލިބިފައިވާ އެންމެ ދުވަސްވީ ލިޔެކިޔުންތަކުގައި ވެސް ވެރިކަމުގެ ނިޒާމުގެ ތެރޭގައި އަދުލް އިންސާފު ގާއިމުކުރުމުގެ ކަންކަން އެކަށީގެންވާ ގޮތަކަށް ރޭވި ހަމަޖެހިފައިވާކަން އެނގެ އެވެ. މި ކަންކަން ހަމަޖެހިފައިވާކަން މީލާދީން 1195 ވަނަ އަހަރު ލިޔެވިފައިވާ އިސްދޫ ލޯމާފާނުގަ އާއި، މީލާދީން 1196 ވަނަ އަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނުން އެނގެން އޮވެ އެވެ. މި ލޯމާފާނުތަކުން އެނގޭ ގޮތުގައި އެ ޒަމާނުގައި ވެސް ދިވެހިންގެ އަދުލް އިންސާފުގެ ކަންކަން ބެލެހެއްޓުމަށް ފަނޑިޔާރަކު ހުރެ އެވެ.
މީލާދީން 1350 ވަނަ އަހަރު ރާއްޖެ އައި މަޝްހޫރު އިބްނު ބަތޫތާ ރާއްޖޭގެ ފަނޑިޔާރުކަން 14 ވަރަކަށް މަސްދުވަހު ކޮށްފައިވެ އެވެ. އިބްނު ބަތޫތާގެ ލިޔުއްވުން ތަކުން އެނގޭގޮތުގައި އެ ދުވަސްވަރު އަދުލް އިންސާފު ގާއިމުކުރުމަށް ދިވެހި ދައުލަތުގައި މިނިވަން މުއައްސަސާއެއް ގާއިމުކުރެވިފައިވެ އެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުން ފަނޑިޔާރުންގެ ނިންމުންތަކަށް އިހްތިރާމު ކުރާކަން ވެސް އެ ލިޔުން ތަކުން ދަލީލު ކުރެ އެވެ.
މީލާދީން 1602 ވަނަ އަހަރު ޖުލައި 1 ވަނަ ދުވަހު ބ. ގޮއިދޫއަށް އުރުނު “ކޯބިން” އެވެ ކިޔުނު ނަވުން ރާއްޖެ އައި ތާރީޚު ލިޔުންތެރިޔާ ފްރެންކޯއީ ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި “ރާއްޖޭގައި ތިބި ގާނޫނު ދަންނަ ހާކިމުންނަކީ އެތަނުގެ ޖަޖުންނެވެ. އެކަމަކު މި އެންމެންގެ މައްޗަށްވާ ހުދުމުޚުތާރު ސްޕްރީމް ޖަޖަކީ ހަމައެކަނި ރަސްގެފާނެވެ. އަދި އެ ހުކުމްތައް ތަންފީޒް ކުރައްވަނީ ވެސް އޭނާ އެވެ.” ޕިރާޑް އިތުރަށް ލިޔުއްވާފައި ވާގޮތުން އެ ޒަމާނުގައި ރާއްޖެ ބަހާފައި ވަނީ 13 އަތޮޅަކަށެވެ. މިއިން ކޮންމެ އަތޮޅެއްގައި ވެސް ޝަރީއަތްތަކާއި ދީނީ ގާނޫނުތައް ހިންގުމަށް ނާއިބަކު އައްޔަނުކޮށްފައި ހުރެ އެވެ.
މީލާދީން 1834 ވަނަ އަހަރު ރާއްޖެ އައި ލެފްޓިނަންޓް ޑަބްލިޔު ކްރިސްޓޮފަރ ލިޔުއްވާފައިވާ ގޮތުގައި “ރަދުން ފިިޔަވައި އެންމެ ގަދަރު ހުރި އިއްޒަތްތެރިއަކީ ފަނޑިޔާރާ އެވެ. މީސްތަކުން އެންމެ ބޮޑަށް ކަމޭހިތާ ބޭކަލަކީ ވެސް އެއީ އެވެ. އެ މަނިކުފާނާ ހަވާލުކުރެވިފައިވާ ދެ ވާޖިބެއްވެ އެވެ. އެއްކަމަކީ އިސްލާމްދީނުގެ ކަންތައް ހިންގުމުގެ އެންމެ މަތީ ވެރިކަމެވެ. އަނެއްކަމަކީ ފަނޑިޔާރުންގެ ވެރިކަމެވެ.”
20 ވަނަ ގަރުނު ފެށުނު އިރުވެސް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ ޕިރާޑުގެ ލިޔުމުން ވެސް ފެންނަން އޮތް ގޮތަށް ކަމަށް ގަބޫލުކުރެވެ އެވެ. ޝަރީއަތް ކުރުމަށްޓަކައި ގަރުނު ތަކަކަށް ދެމިގެން އައިސްފައިވާ މި ނިޒާމް ބަދަލުވުމުގެ ބިންގާ އެޅުނީ މަހުކަމަތުއްޝަރުއިއްޔާގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް 1909 ވަނަ އަހަރު އުފެދުމުންނެވެ. މަހުކަމަތުއްޝަރުއިއްޔާ އުފެދުމާ އެކު މާލޭގައި ފަނޑިޔާރު މަނިކުފާނުގެ ދަށުން މަސައްކަތް ކުރައްވަމުން އައި 6 ނާއިބުން އެ މަހުކަމާ އަށް ބަދަލު ކުރައްވައި އެ ބޭކަލުންނަކީ މަހުކަމަތުއްޝަރުއިއްޔާގެ ނާއިބުންކަމުގައި ހަމަޖައްސައި އެ ބޭކަލުންނަކީ މާލޭގައި ޝަރީއަތް ކުރާ މީހުން ކަމަށް ހަމަޖެހުނެވެ.
މިއަށްފަހު 1932 ވަނަ އަހަރު ވުޖޫދުވި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާ އެކު ޝަރީއަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. މިގޮތުއް މަހުކަމަތުއްޝަރުއިއްޔާގެ ކަންކަން ހިންގުމަށް ވުޒާރަތުލްހައްގާނިއްޔާގެ ނަމުގައި ދައުލަތުގެ ވުޒާރާއެއް އުފައްދަވައި ވަޒީރުލް ހައްގާނިއްޔާއެއް އައްޔަނު ކުރެއްވި އެވެ.
މިއަށްފަހު 5 ޖުލައި 1934 ވަނަ އަހަރު ވުޖޫދުވި އައު ގާނޫނުއަސާސީގައި ދައުލަތުގެ ނިޔާކޮށް އިންސާފު ކުރުމުގެ ބާރުގެ މިނިވަންކަން ވަރަށް ފުރިހަމަ އަށް އަދި އެންމެ އެދެވޭގޮތަށް ފޯރުކޮށްދިނެވެ.
1943 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތައް މައްސަލަ ހުށަހެޅޭނެ ގޮތާއި، އުސޫލުތަކާއި، ޝަރުއިއްޔާގައި ކަންހިންގަން ތިބޭ މީހުން އަމަލު ކުރަންވީ ގޮތް ލިޔެ ކަނޑައަޅަން ފެށި އެވެ.
މިއަށްފަހު 1950 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެއިރުގެ ވަޒީރުއްދާޚިލިއްޔާ އަލްއަމީރު މަރުހޫމް މުޙައްމަދު އަމީން ޝަރުއިއްޔާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ފެއްޓެވި އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވުނު ބަދަލަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް “ބަންޑާރަ ނާއިބުގެ އޮފީސް” ގެ ނަމުގައި އޮފީހެއް 1950 ވަނަ އަހަރުގެ އޮގަސްޓް 25 ގައި އުފެއްދެވުމެވެ.
މިއަށްފަހު 1955 ވަނަ އަހަރު މަހުކަމަތުއްޝަރުއިއްޔާ އަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތުން އެ މައްސަލައެއް ބަލާނީ މަހުކަމަތުއްޝަރުއިއްޔާގެ ކޮން ބަޔަކުން ކަން ކަނޑައަޅައި އެ ބައެއްގެ އިޚްތިޞާޞްގެ ދަށުގައި ވަނީ ކޮން މައްސަލަތަކެއް ކަން ކަނޑައެޅުނެވެ. މިގޮތުން ފަނޑިޔާރު މަނިކުފާނު ބަލާނީ ކޮން މައްސަތަކެއް ކަމާއި، ނާއިބު ބޭކަލުން ބަލާނީ ކޮން މައްސަލަތަކެއް ކަމާ އަދި އަވަށުވެރި ގޭގައި ނިންމާނީ ކޮން ގަޒިއްޔާތަކެއް ކަން ކަނޑައެޅުނެވެ. މިއަށްފަހު 1962 ވަނަ އަހަރުގެ ޖެނުއަރީ މަހު، މި ކަނޑައެޅުނު ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އަލުން އިންތިޒާމު ކުރި އެވެ.
މިއަށްފަހު މަހުކަމަތުއްޝަރުއިއްޔާގައި ހިންގާ އެކިއެކި ގަޒިއްޔާތަކުގައި ޝަރީއަތް ނިމުނު ގޮތާމެދު މީހަކު ހިތްހަމަ ނުޖެހިއްޖެ ނަމަ އެ މައްސަލައެއް އިސްތިއުނާފު ކޮށްދެއްވުން އެދި އިސްތިއުނާފު ކޮމެޓީ އަށް ހުށަހެޅުމުގެ ހައްގު ލިބިދިނުމުގެ ގޮތުން އިސްތިއުނާފާ ބެހޭ ގާނޫނެއް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 2 ޖުލައި 1962 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ.
މިއަށްފަހު 1966 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހު މަހުކަމަތުއްޝަރުއިއްޔާގައި ހިންގާ މަސައްކަތްތައް އަލުން އިންތިޒާމް ކުރި އެވެ. އަދި 9 އޮގަސްޓް 1966 ވަނަ ދުވަހު މަހުކަމަތުއްޝަރުއިއްޔާގެ މަސައްކަތް ބައި ބަޔަށް ބެއްސެވި އެވެ. މިގޮތުން “މަޙްކަމަތުއް ޝަރުޢިއްޔާގެ (ހ)” އިން ފެށިގެން (ކ) އާ ހަމައަށް ނަންދެވި ކަނޑައެޅި އެވެ.
10 ޖުލައި 1967 ގައި ވުޖޫދުވި އައު ގާނޫނުއަސާސީއާ އެކު މަހުކަމަތުއްޝަރުއިއްޔާ އުވި، މިނިވަން ފަނޑިޔާރުގެ އުވި ދިޔަ އެވެ. މި ގާނޫނުއަސާސީ ވުޖޫދު ވުމާ އެކު 11 ނޮވެމްބަރު 1968 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމުގައި ސަރުކާރުގެ ވުޒާރާއެއް އުފެދި އެހައިތަނަށް މަހުކަމަތުއްޝަރުއިއްޔާ އިން ކުރަމުން އައި މަސައްކަތްތައް އެ ވުޒާރާއިން ކުރަން ފެށި އެވެ. ފަނޑިޔާރު މަނިކުފާނުގެ މަގާމު އުވި ފަނޑިޔާރު މަނިކުފާނު ކަރައްވަމުން ގެންދެވި ބައެއް މަސައްކަތްތަކަކީ މިނިސްޓަރ އޮފް ޖަސްޓިސް ކުރައްވާ މަސައްކަތްތަކެއް ކަމަށް ހަމަޖައްސަވައި، ޝަރީއަތް ކުރައްވާނީ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ ގާޒީން ކަމުގައި ހަމަޖެހުނެވެ. މި ދުވަހަކީ ޝަރީއަތް ކުރުމުގެ ތެރެއަށް ސަރުކާރު ހިންގާ ފަރާތުން ވަދެ ސަރުކާރުގެ ވުޒާރާއެއްގެ ދަށަށް ދިވެހިރާއްޖޭގައި ޝަރީއަތްކޮށް ނިޔާކުރުމުގެ މަސައްކަތް ރަސްމީކޮށް ދިޔަ ދުވަހެވެ.
މިއަށްފަހު 8 ޑިސެމްބަރ 1968 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖަސްޓިސް، ޑިވިޝަން ތަކަކަށް ބައްސަވާލައްވައި އެ ޑިވިޝަންތަކަށް ނަން ދެއްވައި، އެ ޑިވިޝަނަކުން ބަލާނެ މައްސަލަތައް ކަނޑައެޅުއްވި އެވެ. މިދުވަހުގައި އުފެއްދެވި ޑިވިޝަންތަކަކީ ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރައިލްސް ޑިވިޝަން އާއި، ޕްރޮޕަޓީ ކްލެއިމްސް ޑިވިޝަން އާއި، ކްރިމިނަލް ޓްރައިލްސް ޑިވިޝަން އާއި، ޑެޓްސް ޑިވިޝަން އާއި، މެރިޖް ރެޖިސްޓްރޭޝަން ޑިވިޝަން އާއި، ތެފްޓް ޓްރައިލްސް ޑިވިޝަން އާއި، މާކެންޓައިލް ޑިވިޝަން އަދި އެޑްމިނިސްޓްރޭޝަން ޑިވިޝަން އެވެ.
މިއަށްފަހު 20 ޑިސެމްބަރ 1969 ވަނަ ދުވަހު ކޮންމެ އަތޮޅެއްގައި ވެސް ކޯޓެއް އުފައްދަވައި، ޒަމާނުންސުރެ ރާއްޖޭގެ ރަށްރަށުގައި ހުރި ނާއިބު ގެތައް އުވާލެއްވި އެވެ. މިއީ މި ރާއްޖޭގައި “ކޯޓު” މި ނަމުން މުޚާތަބު ކުރެވޭ ގޮތަށް އެންމެ ފުރަތަމަ އުފެދުނު ފަނޑިޔާރުގެތަކެވެ.
ރައީސް މައުމޫނުގެ ދައުރު ފެށުމާ އެކު ޝަރީއަތުގެ ނިޒާމަށް ގެންނެވި ފުރަތަމަ ބަދަލަކީ 11 ފެބްރުއަރީ 1979 ގައި “ފުލުސް ކޯޓު”ގެ ނަމުގައި ކޯޓެއް އުފެއްދުމެވެ. މި ކޯޓު ހުންނަނީ ސިފައިންގެ މަރުކަޒު ތެރޭގަ އެވެ. ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކާ ގުޅިގެން މި ކޯޓު ވަނީ 1989 ވަނަ އަހަރު އުވާލާފަ އެވެ.
ރައީސް މައުމޫނު ގެންނެވި ދެ ވަނަ ބަދަލަކީ އަތޮޅު ކޯޓުތައް 17 ޖުލައި 1979 ގައި އުވާލައި ކޮންމެ ރަށެއްގައި ރަށު ކޯޓެއް ގާއިމު ކުރުމެވެ. މި ރަށު ކޯޓުތައް ވެސް ހިނގަމުން ދިޔައީ ސީދާ ޖަސްޓިސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
1980 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޝަންތަކުގެ ނަންތައް މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 1 އިން ފެށިގެން 8 އާ ހަމައަށް ހަމަޖެއްސެވި އެވެ. މިގޮތުން އުފެދުނު ކޯޓުތަކަކީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 1 އާއި، ކޯޓު ނަންބަރު 2 އާއި، ކޯޓު ނަންބަރު 3 އާއި، ކޯޓު ނަންބަރު 4 އާއި، ކޯޓު ނަންބަރު 5 އާއި، ކޯޓު ނަންބަރު 6 އާއި، ކޯޓު ނަންބަރު 7 އަދި ކޯޓު ނަންބަރު 8 އެވެ.
އަދި ހަމަ އެ އަހަރު، 5 އޮކްޓޫބަރ 1980 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމުގައި ކޯޓެއް އުފައްދަވައި އުއްތަމަ ފަނޑިޔާރެއް އައްޔަނު ކުރެއްވި އެވެ. މި ކޯޓު ހިންގަމުން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުންނެވެ. ހައި ކޯޓުގެ އެންމެ އިސް ފަނޑިޔާރަކީ “ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު” ކަމަށް ވިޔަސް، އެއަށް ފަހު ވެސް ދަށު ކޯޓުތައް ހިނގަމުން ދިޔައީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ބެލުމުގެ ދަށުންނެވެ. ދަަށު ކޯޓުތަކުގެ އެއްވެސް ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އެއްވެސް ބާރެއް ނޯވެ އެވެ. ހައިކޯޓާއި ދަށުކޯޓުތަކުގެ ޝަރީއަތް ކުރާނެ ގަވާއިދުތައް ކަނޑައަޅުއް ވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
ހައިކޯޓުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި އޮންނަނީ ހައިކޯޓުން ނިންމާ ގަޒިއްޔާއެއް ޝަރުއީ އުސޫލުތަކާއި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދެވިފައިވާ ކަމަށް ނުފެންނަ ނަމަ، ނުވަތަ އެ ގަޒިއްޔާގައި އަދުލް އިންސާފު ގާއިމު ކުރެވޭކަމަށް ނުފެންނަ ނަމަ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ކުރުމުގެ ހައްގު އެ ފަރާތަކަށް ލިބިގެން ވާކަމަށެވެ. މިހެންކަމުން އެ ގަޒިއްޔާއެއްގައި އެންމެ ފަހުބަސް އިއްވަވާނެ ފަރާތަކީ ނުވަތަ އަދުލް އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދިކިއެއްތަ، އެންމެ އިހުގައި ކަން އޮތްހެން ނިޔާކޮށް، އިންސާފު ގާއިމުކޮށް، ޝަރީއަތުގެ އެންމެހައި ކަންތައް ބެލެހެއްޓުމުގެ ވަލީ މަތިކުރެވިފައި އޮންނަނީ އުއްތަމަ ފަނޑިޔާރާ ނުވަތަ ފަނޑިޔާރު މަނިކުފާނާ ކަމުގައި ވިޔަސް މި ދުވަހުގައި ކަން އޮތީ އެހެނެއް ނޫނެވެ.
މިއަށްފަހު 1994 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސްގެ 8 ކޯޓުގެ މަސައްކަތް އަލުން ތަރުތީބުކޮށް މިނިސްޓްރީ އޮފް ޖަސްޓިސްގެ 8 ކޯޓުގެ މަސައްކަތް 4 ކޯޓަށް ބަދަލުކޮށް ކޯޓު ނަންބަރު 1 އާއި، ކޯޓު ނަންބަރު 2 އާއި، ކޯޓު ނަންބަރު 3 އަދި ކޯޓު ނަންބަރު 4 އުފެއްދެވި އެވެ.
މިގޮތުގެ މަތިން ކަންތައްތައް ހިނގަމުން އައިސް 2 ފެބްރުއަރީ 1995 ގައި ޝަރީއަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ އެކަށައެޅި އެވެ. މި މަޖިލީހުގެ ބޭނުމަކީ ހައިކޯޓުން ނިންމާ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ކުރެވޭ ހިނދު، އެ ކަމެއް ބަލައި ނިންމަން ފެންނަ ގޮތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުއްވުމެވެ.
މިއަށްފަހު 1 އޮގަސްޓް 1997 ގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ 4 ކޯޓު އުވާލައްވައި އެ ކޯޓުތަކުން ކުރަމުން ގެންދިޔަ މަސައްކަތް އަލުން ތަރުތީބުކޮށް އެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި މަދަނީ ކޯޓާއި، ޖިނާއީ ކޯޓާއި، އާއިލާއާ ބެހޭ ކޯޓާ އަދި ކުޑަކުދިންނާ ބެހޭ ކޯޓުގެ ނަމުގައި 4 ކޯޓު އުފައްދެވި އެވެ.
މިގޮތުގެ މަތީން ކޯޓުތުގެ ނިޒާމް ކަނޑައެޅިފައި ވަނިކޮށް 2008 ވަނަ އަހަރުގެ އާ ޤާނޫނުއަސާސީ ވުޖޫދުވެ އެ އަސާސީގެ 282 ވަނަ މާއްދާގެ ދަށުން 18 ސެޕްޓެމްބަރ 2008 ވަނަ ދުވަހު “ސުޕްރީމް ކޯޓު”ގެ ނަމުގައި ކޯޓެއް އުފެދި އެ ކޯޓަށް 5 ފަނޑިޔާރަކު ޢައްޔަންކުރެވި އާ ގާނޫނުއަސާސީގެ އިންތިޤާލީ ސްޕްރީމް ކޯޓުގެ ގޮތުގައި އެ ކޯޓުގެ މަސައްކަތްތައް ހިނގަންފެށި އެވެ. ސުޕްރީމް ކޯޓުން ބަލާ މައްސަލަތަކުގެ ތެރޭގައި ހައި ކޯޓަށް އިސްތިއުނާފުކުރާ މައްސަލަތަކުގެ ތެރެއިން ހައި ކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އިލްތިމާސްކުރާ މައްސަލަތަކާއި، ދުސްތޫރީ މައްސަލަތައް ހިމެނެ އެވެ.
އާ ޤާނޫނޫއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން އަދުލް އިންސާފު ގާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި އަދި ގާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށެވެ.
އާ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން، 2008 ސެޕްޓެމްބަރ 18 ވަނަ ދުވަހު އިންތިގާލީ ސުޕްރީމް ކޯޓު އުފެދެންދެން، އަދުލް އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ކޯޓެއްގެ ގޮތުގައި ހިނގަމުން އައިސްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓެވެ. އަދި އެ އަށް ފަހުގައި ވެސް ޤާނޫނުއަސާސީގައި ބުނާ ހައިކޯޓަކީ އެއީ އެވެ.
އެއަށްފަހު، ކުރިން މަދަނީ ކޯޓާއި، ޖިނާއީ ކޯޓާއި، އާއިލާއާ ބެހޭ ކޯޓާ އަދި ކުޑަކުދިންނާ ބެހޭ ކޯޓުގެ ނަމުގައި ހިނގަމުން އައި ކޯޓުތައް އުވި، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ ބާބުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމެލީ ކޯޓާ އަދި ޖުވެނެއިލް ކޯޓް އުފެދިގެން ދިޔަ އެވެ. ހަމައެހެންމެ މި ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖެތެރޭގެ ކޮންމެ ރަށެއްގައި ހުރި ރަށްރަށުގެ ކޯޓުތައް އުވާލައި ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ވެސް އުފެދިގެން ދިޔަ އެވެ.
އަދުލް އިންސާފް ގާއިމުކުރުމުގެ ދާއިރާގެ އިދާރީ އެންމެހާ އިންތިޒާމްތައް ކުރިން ބަލަހައްޓަމުން ދިޔައީ ސަރުކާރުގެ މިނިސްޓްރީއަކުން ކަމުގައިވި ނަމަވެސް އާ ޤާނޫނުއަސާސީއާ އެކު އެ ދާއިރާގެ އިދާރީ އެންމެހާ ކަންކަން ބަލަހައްޓަނީ “ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން” އިންނެވެ. މި އިދާރާގެ އިސްވެރިޔަކީ އުއްތަމަ ފަނޑިޔާރެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކޮށް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކުރިން ސަރުކާރަށް ލިބިދީފައި އޮތް ނަމަވެސް އާ ޤާނޫނުއަސާސީއާ އެކު، ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމާއި ފިޔަވަޅު އެޅުން ފަދަ އެންމެހާ ކަންކަން ކުރަނީ އާ ޤާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން މުއައްސަސާއެއް ކަމުގައިވާ “ޖުޑީޝަލް ސާވިސް ކޮމިޝަން” އިންނެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެތީގެ ޤާނޫނުގައި “ޑްރަގް ކޯޓް”ގެ ނަމުގައި ކޯޓެއް އުފެއްދުމަށް ކަނޑައަޅާފައި ވާތީ އެ ނަމުގައި މިހާރު ވަނީ ކޯޓެއް އުފައްދާފަ އެވެ. އަދި ހަމަ އެހެންމެ މާކެންޓައިލް ކޯޓެއް އުފެއްދުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވެ އެވެ.
ދިވެހިރާއްޖޭގެ ޝަރީއަތުގެ ނިޒާމު ކުރި ފަޅައި ފޯދި ރޯދިވެގެން އައި ގޮތަކީ މިއީ އެވެ.
ރެފަރެންސް