Banner Image Description

ދިޔޯ ކޮލަމް: ދެމަފިރިކަމުގެ ގުޅުން، ބަދަހި ކުރާނެ އުކުޅުތައް ދަސްކުރަމާ!

މުޙައްމަދު ޢަބްދުއްލަޠީފް

ދެމަފިރިކަމުގެ ގުޅުންތައް ދިރާސާކޮށް، ގޮތް، ފާޑު،ކިޔާ އެފަންނުގެ މާހިރުން ދެކޭގޮތުގައި ދެމަފިރިކަމުގެ ގުޅުމަކީވެސް އެދެމީހުން ނުވަތަ އެދެމީހުންކުރެ އެކަކު އިސްނަގައިގެން ރަނގަޅު މަސައްކަތް ތަކެއް ކޮށްފިނަމަ ވަރަށް ބަދަހި ކުރެވިދާނެ ގުޅުމެކެވެ. އެފަދަ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ހަމަ ކޮންމެ ދެމަފިޔެއްގެ ގުޅުންވެސް މިގޮތުގެ މަތިން ގަދަފަދަ ކުރެވިދާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދެކޭގޮތުގައި މިކަމުގައި ފުރަތަމަ ކޮޅު އެކަކު އިސްނަގައި އުޅެން ޖެހުނަސް ފަހުން އެކަންވެސް ހައްލުވެ ދެމީހުންނަށްވެސް އެކަން މުހިންމުވެ އެއީ އެދެމަފިރިންގެވެސް އުފަލަކަށް ވާނެއެވެ.

ދެމަފިރިކަމުގެ ލޯތްބާއި ގުޅުން ބަދަހި ކޮށް ވަރުގަދަ ކުރުމަށް އެދޭ ބަޔަކަށް ޖުމުލަ، ހަތް ކަމެއް ކުރެވިދާނެ ކަމެއް އެބޭކަލުން ލަފާދެއްވައެވެ. އަދި އެކަންކަން ދުވަހުން ދުވަހަށް ކުރުމަށާއި މާދަމާއަށް ފަސްނުކުރުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވެން އޮތް ގޮތް ކަމުގައި އެބޭކަލުން ދެކެލައްވައެވެ.

ދެމަފިރިންގެ މެދުގައި ލޯތްބާއި، ބަދަހިކަން އިތުރުކުރުމަށް ޖިސްމާނީ ގާތްކަމަށް ފުރުސަތު ދީ އެގާތްކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި ފާހަގަ ކުރެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ގޮތުގައި އެކަކު އަނެކަކު ގައިގާ ބައްދާލުމާއި ހެނދުވުމާއި ދޮންދިނުމާއި ދޮންނެގުމާއި އެކަކު އަނެކަކު އަތުގައި ހިފާލުމުގެ އިތުރުން އުނބެސުނބެ ކުރުން ހިމެނެއެވެ. މީ ތިމާ، ތިބާގެ ބައިވެރިޔާ ދެކެ ވާ ލޯތްބާއި އަޅާލުމާއި އެހީތެރިކަމާއި އެއްބާރުން ދައްކުވައިދެވިދާނެ ވަރަށް ފުރިހަމަ ގޮތެއް ކަމުގައި ދެމަފިރިކަމުގެ ގުޅުންތަކާއި ބެހޭ ބޭކަލުން ވިދާޅުވެއެވެ. އެދި އެކެއްގެ ފަރާތުން ލިބޭ އެފަދަ ލޯބިވެތި އަމަލުތަށް ނުހުއްޓުވުމާއި ބައްދާލާ ގަތްކޮށްލާ، ބޭނުންވާކަމާއި ބައިވެރިޔާގެ އަމަލުތައް އަބަދުވެސް ބަލައިގަންނަ ކަމުގެ އިހުސާސް ކޮށްދިނުން މުހިންމު ކަމުގައި ވެސް އެބޭކަލުން ދެކެލައްވައެވެ. ޖިސްމާނީ ގައިގޯޅިކަމަކީ ދެމަފިރިކަމުގެ ރަމްޒެއްގެ އިތުރުން ދެމަފިރި ކަމުގެ ގުޅުމާއި ނުލާ އޮތުން އެކަށޭނަ ގުޅުމަކަށް ނުވާފަދައިން އެގުޅުންނެތް ދެމީހެއްގެ ދެމެދުގައި ދެމަފިރިކަން އޮތުން އެކަށީގެނެއް ނުވެއެވެ. ވުމާއި އެކު ވީހާ ބޮޑަކަށް މިކަމަށް ޖާގަ ދޭންޖެހެއެވެ.

ދެވަނަކަމަކަށް ދެމަފިރިކަމުގެ ގުޅުން ހަރުދަނާ ކުރުމަށްޓަކާ ހިފެހެއްޓުމެއްނެތި ހުޅުވާލެވިފައިވާ މުއާސަލާތަކަށް ދެފަރާތުން ވެސް ޖާގަ ދޭންޖެހޭ ކަމުގައި މި ފަންނުގެ މާހިރުން ދެކެއެވެ. އެގޮތުން ދެމަފިރިންގެ މެދުގައި ވާހަކަ ނުދެއްކޭނެ މައުޟޫއެއް ނެތުމާއި ބަހުސް ނުކުރެވޭނެ ދާއިރާއެއް ނެތުމާއި އަދި އެފަދަ ބަހުސްތަށް އިމެއް ނެތި ހުޅުވާލެވިފައި އޮތުމަށްވެސް އެބޭކަލުން ބާރު އަޅުއްވައެވެ. އަދި އޭގެ ސަބަބުން ދެމީހުންވެސް އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް ދަސްވާނެ ކަމަށާއި ދިމާވާ މައްސަލަތަށް ހައްލުކޮށް، ފަސޭހައިން ދެބަސްވުންތަށް އެއްފަރާތް ކުރެވޭނެ ކަމަށްވެސް ލަފާދެއްވައެވެ. ޝައްކެއްވެސް ނެތް ގޮތުގައި ދެމަފިރިއެއްގެ މެދުގައި ޖެހޭ މައްސަލަތަށް ހައްލުވެ ދެބަސްވުންތަށް އެއްފަރާތް ކުރެވޭނަމަ އެގުޅުމެއް ވާނީ ވަރަށް ވަރުގަދަ ގުޅުމަކަށެވެ.

ތިންވަނަ ކަމަކަށް ބައިވެރިޔާއާއި ގުޅާލާނޭ އިތުރު އާގޮތްތަށް ހޯދާށެވެ. އަބަދު އަނބޮއްފުޅު ވާހަކަ އަޑުއަހަންވީމާ ވަރަށް ފޫހިވާނޭކަން ދަންނާށެވެ. އެގޮތުން އާމައުޟޫތަށް ހޯދާ އެމައުޟޫތަކަށް ވާހަކަދައްކާ ބަހުސް ކުރުމާއި އާތަންތަނަށް ދިޔުމާއި އާކަންކަން ތަޖުރިބާކުރުމާއި އަދި ދިރިއުޅުމުގައި ހާސިލް ކުރަން އެދޭ ލަނޑުދަނޑި ތަކުގެ ތެރޭގައި އާކަންކަން ހިމެނުމަށް ކަމުގެ މާހިރުން ލަފާދެއްވައެވެ. މީގެ ސަބަބުން ދެމީހުންގެ މެދުގައި އޮންނަ ގުޅުން ފޫހިކަމާއި ނުލާ ޝައުގުވެރިކަމާއި އެކު ކުރިއަށް ގެންދެވޭނެއެވެ. އަދި ދެމަފިރިން އެކަކު އަނެކަކާއި ގާތްކޮށް، ގުޅުން ބަދަހިވުމަށް މަގުފަހި ކޮށްދޭނެއެވެ.

ހަތަރުވަނަ ކަމަކަށް ހުރިހާ ހަމަނުޖެހުންތަކަށާއި މައްސަލަތަކަށްވެސް ދުވަހުން ދުވަހުން ހައްލު ހޯދާށެވެ. ކޮންމެދެމަފިރިޔެއްގެ ދެމެދުގައިވެސް މައްސަލަތަށް ޖެހޭނެއެވެ. އެއީ ދެމަފިރިންނަކީވެސް ދެ އިންސާނުން ކަމަށްވާތީ އެކަން މެދުވެރި ނުވާނޭ ގޮތެއް ނެތެވެ. މުހިންމީ ހައްލު ކުރާން މަސައްކަތް ކުރުމާއި ހައްލުކުރާން އެނގުމެވެ. ހައްލުކުރުމުގައި އެންމެ މުހިންމުކަމަކީ އެކަކު އަނެކަކުގެ ހިޔާލަށް އަހަންމިއްޔަތުކަން ދިނުމާއި ގޮތްދޫކުރުމާއި ކުށް ގަބޫލު ކުރުމެވެ. މިދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ އެދުވަހަކު ޖެހުނު މައްސަލައެއް ހައްލު ކޮށްފައި ނޫނީ އެރޭގެ ރޭނިދި ނުނިދުމަށެވެ. އެއްވެސް ހާލެއްގައި ނިދަން އެނދަށް އަރާ އެކަކު އަނެކަކު ނުދަންނަ ދެ،ބީރަށްޓެހިން ފަދއިން ދެމީހުން ދެފަރާތަށް އެނބުރި ތިބެ ނުނިދުމަށެވެ. އޭގެ ސަބަބުން އެގޮތަށް ދުރުދުރުން އުޅެން ފަރިތަވެ އާދަވެދާނެ ކަމަށްޓަކައެވެ. ކަމެއްފަރިތަވެ އާދަވުމަށްފަހު ދެން އެކަން، ކަމަކަށް ނުވާގޮތްވެސް ވެއެވެ. އެހެންކަމުން  އެއްވެސް މައްސަލައެއް ނުވަތަ ދެބަސްވުމެއް އުޅޭނަމަ އެކަމަކާއިމެދު ސުލްހަވެރިކަމާއި އެކު ވާހަކަދައްކާ ހިޔާލްބަދަލުކޮށް އެކަމެއް އެދުވަހުން އެދުވަހަށް ނިންމާށެވެ.

ފަސްވަނަ ކަމަކަށް އެކަކު އަނެކަކަށް ކުރެވޭ ރަނގަޅުކަންކަން ފާހަގަ ކޮށް ބުނެދޭށެވެ. ތައުރީފުގެ ބަސްތައް އިއްވާށެވެ. އަބަދުވެސް ދެމީހުންވެސް އެކަކު އަނެކަކުގެ އަމިއްލަނަފުސުގެ ކުރިއެރުމަށާއި އަމިއްލަނަފުސުގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރަން ވާނެއެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި މިގޮތަށް އެކަކު އަނެކަކުގެ ރަނގަޅުކަންކަން ނުވަތަ ތިބާގެ ބައިވެރިޔާގެ ފަރާތުން ފެންނަ ތިމާ ހިތް އުފާވާފަދަ ކަންކަން ފާހަގަ ކުރުމުން ބައިވެރިޔާއަށް އެކަން ތަކުރާރު ކުރުމަށް ހިތްވަރުލިބެއެވެ. އަދި އޭގެ ސަބަބުން ބައިވެރިޔާއަށްވެސް ރަނަގަޅުކަންތަށްތަކެއް އޭނާޔާވެސް ކުރެވޭކަމުގެ އިހުސާސް ކުރެވި އަމިއްލަ ނަފުސުގެ އިތުބާރު ބޮޑުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ތިބާގެ ބައިވެރިޔާއަކީ ތިބާގެ އެންމެގާތް އެކުވެރިޔާ ކަން އަބަދުވެސް ދައްކާދެވޭނެއެވެ. އިތުރު ލޯތްބާއި އިތުރުގާތްކަން އުފެދިގެންދާނެއެވެ. ނަމަނަމަ ތިމާގެ ބައިވެރިޔާގެ ފަރާތުންފެންނަ ރަނގަޅުކަމެއް ފާހަގަ ނުކޮށް ދޫކޮށްނުލާށެވެ.

ހަވަނަ ކަމަކަށް ދެމަފިރިންވެސް އެކަކު އަނެކަކާއި ހީ ސަމާސާކޮށް އުފާކޮށް މަޖާކުރާށެވެ. ހީސަމާސާކޮށް މަޖާ ކުރުމަކީ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ ދެހިތުގެ ގުޅުން އިތުރަށް ބަދަހިވާނޭ ކަމެއްކަމަށް ދެމަފިރިންގެ ގުޅުންތަކާއި ބެހޭ އިލްމު ދެނެވަޑައިގަންނަވާ ބޭކަލުން ވިދާޅިވެއެވެ. އެގޮތުން ދެމީހުން އެކީ މަޖާކަންތަށްތަށްވެސް ކުރެވިދާނެއެވެ. ނުވަތަ ގޮންޖަހާ އުސޫލުވެސް ބޭނުން ކުރެވިދާނެއެވެ. ނުވަތަ މަޖާ ޖޯކެއް، ވާހަކައެއް ކަހަލަ އެއްޗެއްވެސް ކިޔާދެވިދާނެއެވެ. ނުވަތަ އެފަދަ ހާލަތެއް ކުރިމަތިވެސް ކުރުވިދާނެއެވެ. ތަޖުރިބާކާރުން ލިޔުއްވާ ގޮތުގައި އުފާވެރިކަމުގެ ހިއްސަކީ އަބަދުވެސް އޭގައި އަސަރަކާއި ޖާޒުބިއްޔަތެއް އެކުލެވޭ އެއްޗެކެވެ. އުސޫލެއްގެ ގޮތުން އަންހެނަކާއި ފިރިހެނަކު ދައްކާވާހަކައިގާ މާ ގިނައިން ހޭނަމަ އެއީ ހިތާވާ ދެމީހުންނޭ އިހުއްސުރެވެސް ކިޔައިއުޅެއެވެ. އެހެންކަމުން ދެމަފިރިން ހީސަމާސާކޮށް މަޖާކުރުމީ ނުހަނު ބޭނުންތެރި އަދި އޭގެސަބަބުން ދެމީހުންގެމެދުގައި ލޯބިއާލާވެ އާވެގެންދާނެ ކަމެއް ކަން ކަށަވަރެވެ.

ހަތްވަނަ ކަމަކަށް އޮތީ މުސްތަގުބަލާއި މެދު ވާހަކަ ދެއްކުމެވެ. ބުނެވޭ ގޮތުގައި މިއީ ވަރަށް ގިނަބަޔަކު ޖެހިލުންވާ ކަމެކެވެ. އެއްވެސް މީހަކު ތިމާގެ ބައިވެރިޔާ ރުޅިއަރުވާ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ފުނޑުފުނޑު ވާކަށް ނޭދޭނެއެވެ. އެހެންނަމަވެސް މިއީ ކުރަންޖެހޭ ކަމެކެވެ. ކަމުގެ ތަޖުރިބާކާރުން ވިދާޅުވާގޮތުންނަމަ އެއްވެސް ދެމަފިރިޔަކު އެބައިމީހުންގެ ކުރިމަގާއި ބެހޭގޮތުން ވާހަކަދައްކާ ޚިޔާލް ފާޅުކުރަން ޖެހިލުން ވެގެންނުވާނެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ހަގީގީ ލޯބި ވުމާއި އެކު ދެމީހުންވެސް އެކުއެކީ ކުރިއަށްދާން އެދޭނަމަ ގިރާ ނުކުރެވޭނެ އޮޅިޔެއް، ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އަބަދުވެސް މުސްތަގުބަލާއި މެދު ވާހަކަ ދައްކާ ހިޔާލްފާޅުކޮށް ކުރިމަގުގައި ކުރުމަށް ނުވަތަ ހާސިލުކުރުމަށް ރާވާފައިވާ ކަންކަމާއި މެދު ފުންކޮށްވިސްނާ ހިނދުން ހިނދަށް ގެންނާންޖެހޭ ބަދަލުތަށް ގެނެސް އާކުރަން ވާނެއެވެ. އަދި މިކަމުގައި ދެމަފިރިންގެ ފުރިހަމަ އެއްބާރުލުމައި އެހީތެރިކަމުގެ އިތުރުން ހިތުގެ އަޑިން ރުހުމާއި އަމިއްލަ އިހުތިޔާރުގެ “އާން” ބަސް އޮންނަން ވާނެއެވެ.

މިކަންތަށްތަށް ރަނގަޅުގޮތުގައި ކުރެވޭނަމަ އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް މަގުފަހިވާނޭ ކަމީ ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫނެވެ. ފަށަމާ ހިނގާށެވެ.!

ޚިޔާލު ފައުޅުކުރުން

މީ މިޒަމާނުގެ ޒުވާން ދެމެފިރިން ކިޔާލަން ރަނގަޅު ލިޔުމެއް. ރާއްޖޭގައި ވަރި ގިނަވަނީ މިފަދަ މައުޟޫއުތަކާ ބެހޭގޮތުން ވާހަކަ ނުދެކެވޭތީ ކަމުގައި އަޅުގަނޑު ދެކެން.
އުނބެސުނބެކުރުމަކީ ކޮބާ