ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، 90 ގެ އަހަރުތަކުގައި ރޯދަމަހު އަޅުގަނޑުމެންގެ ތެރޭގައި އެންމެ ތިޔާގި އެއްފަންޏަކީ ހެލެނބެލި ފަންޏެވެ. އެއިރުގައި ގޭގައިވެސް ކޮންމެދުވަހަކު ލިބޭ ފަންޏަކީ ހެލެނބެލި ފަންޏެވެ. އެހެންފަންޏެއް ހުންނާނީ ދެވަނަ ނުވަތަ ތިންވަނައަށެވެ. އެހެން ގެއަކަށް ރޯދަވީއްލަން ނުވަތަ ތަރާވީހަކަށް ދިޔަޔަސް ހެލެނބެލި ފަނި ނެތިއެއް ނުދާނެއެވެ. ރޯދަވީއްލާ ވަގުތު މިސްކިތްދޮށުންވެސް ކަދުރަށްފަހު ދެން އެންމެ އަވަހަށް ބައްދަލުވާނީ ހެލެނބެލި ފަންޏާއިއެވެ. ގެއެއްގައި އެހެން މައްސަރެއްގައިވެސް ބޮޑުކަމެއް އޮތިއްޔާ އެފަނި ހުންނާނެއެވެ. ހުންއައިސް ކާހިތްނުވިޔަސް ނުވަތަ މޭނުބައިކޮށް ހޮޑު ލިޔަސް މޭ،ހެޔޮކުރަން ދޭ އެކައްޗަކީވެސް ހަމަ ހެލެނބެލި ފަންޏެވެ. މިހާރު އަވައްޓެރި ގޭގެއިންނާއި ގާތްތިމާގެ މީހުން ރޯދަމަހު އަލަނާސިދަޅު ފޮނުވާގޮތަށް އެއިރު ފޮނުވާނީ ހެލެނބެލި ކޮޅެކެވެ. އެ،އޮންނާނީ ނޫސްކަރުދާސް ކޮޅަކަށްލައި ބަންދު ކޮށްލާފައެވެ. އޭރުގައި ރޯދަމަހު ގެއަކުން ދެގަނޑު ކަރުދާސް ލިބުނުނަމަ ޝައްކެއްވެސް ނެތި އެކައްޗަކީ ހެލެނބެއްޔެވެ. އަނެއް އެއްޗަކީ ކަދުރެވެ.
އެކަމަކު މިހާރު އެޒަމާން ހިނގައްޖެއެވެ. މިހާރު އެފަންޏެއް އެއްގޮތަކަށްވެސް ނުފެނެއޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. ފަނި އެކަންޏެއްނޫނެވެ. އެފަނި ގިރާން ގެންގުޅުނު ގަނޑު ހެލެނބެލި ވެސް ފެންނަނީ ވަރަށް މަދުންނެވެ. މިހާރު ގިނައިން ފެންނަނީ ކުޑަވަރެއްގެ ފޮށިގަނޑެއްގައި ބަންދުކޮށްފައި ހުންނަ ހެލެނބެއްޔާއި ގަހުން ބިން ގޮތަށް ތޮއްޓާއި ތަނޑާއި އެކު ހުންނަ ހެލެނބެއްޔެވެ. ނުވަތަ ހެލެނބެލި ތޮޅިއެވެ.
އޭރުގައި މިފަނި ގިރާ ގޮތަކީ، ފަނި ގިރަނީ މާދަމާއަށް ނަމަ މިރޭ ހެލެނބެލިގަނޑުން ފަނިގިރާން ގަސްދުކުރާ މިންވަރަކަށް ރިއާޔަތްކޮށް ހެލެނބެލިކޮޅެއް ނައްޓާލުމަށްފަހު ކުޑަ ތައްޓަކަށް ލައި ފެންފޮދެއް އަޅާފައި ބަހައްޓަނީއެވެ. އަނެއްދުވަހު މެންދުރުފަހު މަޑުވެފައި އޮތް ހެލެނބެލި ކޮޅަށް ހަކުރު އަޅާ ރަނަގޅަށް މޮޑެލަނީއެވެ. ދެން ޖަގެއްކަހަލަ ފަނިގިރަން ބޭނުންކުރާ އެއްޗެއްގައި މަދުމަދުން ފެން އަޅަމުން ގިރަމުން ގެންދަނީއެވެ. ބޭނުންވާ ފަނީގެ އަދަދަށް ފެން އެޅުމަށްފަހު ރަނަގަޅަށް ގިރާލަނީއެވެ. ދެން އެއަށްފަހު ތަންކޮޅެއް ހިމުންކަން ކުޑަ ހަލަންޏަކުން ފޫރާނާލަނީއެވެ. ދެން އަނެއްކާވެސް އަލުން ހިމުން ފުރޭންޏަކުން ފޫރާނާލަނީއެވެ. މި ހިސާބަށް ދިޔައިމާ ފަނި އެހުރީ ގިރިފައެވެ. މިފަންޏަކީ ހުތް ފަންނެއްކަމުން ހަކުރުމަދުވެގެން ކަމަކު ނުދާނެއެވެ. ރަނގަޅަށް ހަކުރު އަޅަންވާނެއެވެ. މިޒަމާނުގައި ފަނި ގިރާން ބޭނުންކުރާ ކަރަންޓް އާލާތް ތައް ހުންނާތީ ފެނުއަޅައިގެން މަޑުކުރާން ޖެހޭނެއެކޭ ހިޔެއްނުވެއެވެ.
ހެލެނބެލިން ލިބޭފައިދާތައްވެސް ވަރަށް ގިނައެވެ. އޭގެތެރޭގައި އަންނަނިވި ފައިދާތައް ހިމެނެއެވެ.
01 ހެލެނބެލިފަނިން ހަޖަމުގެ ނިޒާމް ރަނަގޅުކޮށްދެއެވެ. އަދި ހެލެނބެލި ފަންޏަކީ ހަޖަމުގެ ނިޒާމް ރަނގަޅު ކޮށްދިނުމުގެ އިތުރުން ހަށިގަނޑު ތާޒާކޮށްދީ ސިއްހީ ގިނަ ފައިދާތަކެއްވެސް އެއިން ލިއްބައިދޭ އެއްޗެކެވެ. ހެލެނބެލި ފަންޏަކީ ހަޖަމުގެ ނިޒާމު ރަނަގޅުކުރުމަށް ވަރަށް އިހުއްސުރެވެސް ދެވޭ ފަރުވާއެކެވެ. ހެލެނބެލީގައި ގިނަ އަދަދަކަށް ފައިބަރ ހިމެނޭތީ އޭގެ ސަބަބުން ހަޖަމުގެ ނިޒާމަށް ފަސޭހަވެއެވެ.
02 ހެލެނބެލިން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ކޮންޓުރޯލް ކޮށްދެއެވެ. ހެލެނބެލި ހިމެނެނީ އެންމެ އިހުއްސުރެ މީހުން ބޭސްހެދުމަށް ބޭނުންކުރި މޭވާތަކުގެ ތެރޭގައެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ހަށިގަނޑުގައި ހިމެނޭ ލޭހިނގުން ދަށްކޮށްދޭ އިންސިޔުލިންގެ މިންވަރު މަތިކޮށް ގުލައިކޮސީލޭޓެޑް ހިމަގްލޮބިން(HbA1C) ހެލެނބެލިން ދަށްކޮށްދެއެވެ. ހެލެނބެލިން ލިބޭ ސިއްހީ ފަރުވާތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަރުވާޔަކީ ހެލެނބެލީގައި ވާ ލޭގެމިންވަރު އެއްވަރެއްގައި ހިފަހައްޓާ ދިނުމުގެ ބާރެވެ.
03 ހެލެނބެލިން ބަރުދަން ލުއިކޮށްދެއެވެ. ހެލެނބެލިފަންޏަކީ ޑައިޓެއްގައި ހިމަނާލަންވެސް ވަރަށް ރަނަގަޅު ބުއިމެކެވެ. ހެލެނބެލީގައި އެކުލެވޭ ފައިދާހުރި ވިޓަމިންސްއާއި މިނަރަލްސްއާއި ފައިބަރ އަދި އެންޓި އޮކްސިޑެންޓްގެ ސަބަބުން ބަރުދަން ލުއިކޮށްދެއެވެ. އަދި ހެލެނބެލި ދެނެގަނެވިފައިވަނީ ހައިޑްރޮކްސީ ސިޓްރިކް އެސިޑް(HCA) ގިނަ އަދަދަކަށް ހިމެނޭ މޭވާއެއްގެ ގޮތުގައެވެ. މިމާއްދައަކީ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ހިތުގައި އުފެދޭ ސަރުބީގެ ބާވަތެއް ކަމުގައިވާ ޕެޓީ އެސިޑިކް ސިންތަސިސް އުފެދުން ދައްކޮށްދީ ހަށިގަނޑިގައި އުފެދޭ ނުރައްކާތެރި ސަރުބީ ވިރުވައިދޭ މާއްދާއެކެވެ.
04 ހެލެނބެލިން ހަށިގަނޑުގެ އެކިއެކި ބައިތަކާއި ގުނަވަންތަކަށް ލިބޭ ގެއްލުންތަށް ފޫބައްދާދެއެވެ. ހަންގަނޑާއި ގޮހޮރު ފާރުވުން ފަދަ މައްސަލަތަށް ގިނަފަހަރު ކުރިމަތިވަނީ ހަޖަމުކުރުމުގެ ނިޒާމުގައި ޑައިޖެސްޓިވް އެސިޑާއި އެންޒައިމްސް އާއި ދެމެދު ހަމަހަމަކަން ގެއްލޭތީއެވެ. ހެލެނބެލި އޮށުގައި ހިމެނޭ ޓޭނިންސް އާއި ޕޮލީފެނޮލްސްގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް ހިމެނެއެވެ. އޭގެ ސަބަބުން ހަންގަޑަށް ލިބޭ އެކިއެކި ގެއްލުންތަކާއި ބަނޑާއި ގޮހޮރަށް ލިބޭ ގެއްލުންތަކަށް ހެލެނެބެލިން ފަރުވާ ލިބެއެވެ.
05 ހެލެނބެލިން ހަށިގަނޑުގައި ހިމެނޭ ނުރައްކާތެރި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. ނުރައްކާތެރި ކޮލެސްޓްރޯލް ހަށިގަނޑުގައި ގިނަވެއްޖެނަމަ ލޭހޮޅިތަށް ބެދި މަރާއި ކުރިމަތިވުމުގެ އިތުރުން ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ހެލެނބެލިފަނި ފަދަ ބުއިންތަކުގައި ހިމެނޭ ޕޮލީފެނޮލްސްއިން ލޭގައި ހިމެނޭ ނުބައި ކޮލެސްޓްރޯލް(LDL)ދައްކޮށްދިނުމާއިއެކު ފައިދާހުރި ކޮލެސްޓްރޯލް(HDL)ގެ މިންވަރު އިތުރުކޮށްދެއެވެ.
06 ހެލެނބެލިން ހަށިގަނޑުގެ އިމިޔުން ސިސްޓަމް ( ބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދޭ ޓިޝޫތަކާއި ސެލްތަކުގެ ނިޒާމް) ވަރުގަދަކޮށްދެއެވެ. ހެލެނެބެއްޔަކީ މުޅިދުނިޔޭގައިވެސް ފަތްޕިލާވެލީގެ ބޭސްވެރިކަމާއި ކެއްކުމުގައި ބޭނުންކުރޭވޭ އެންމެ އާންމު އެއްބާވަތެވެ. ހެލެނބެލި ފަނީގެ އިތުރުން ހެލެނބެލި ހިމަނައިގެން މިގޮތަށް ކައްކާފައި ހުންނަ ކެއުންތައް ކެއުމުން ޖާރާސީމާއި ބެކްޓީރިއާ ތަކުން ހަށިގަނަޑަށް ދޭ ގެއްލުންތަކުން ދިފާޢުވެވި ހަށިގަނޑުގެ ތަންތަނަށް ތަދުވެ، ދުޅަވެ، ރަތްވުމާއި ތަފާތު އެކިކަހަލަ އެލާޖިކް ތަކުން ހަށިގަނޑު ސަލާމަތްކޮށްދެއެވެ.
07 ހެލެނބެލިން ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ރީތިކޮށްދީ އޮމާންކޮށްދެއެވެ. ހެލެނބެލި ބޭނުންކޮށްގެން ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ހެލެބެނލި ޕޭސްޓަކީ މީގެ އެތަށް ގަރުނެއްގެ ކުރިން އިންސާނުން އެމީހުންގެ ހަންގަނޑުގެ ތާޒާކަމާއި އާރޯކަން އިތުރު ކުރުމަށް ބޭނުން ކުރަމުން އައި އެއްޗެކެވެ. ހެލެނބެލީގައިވާ އާދަޔާ ހިލާފަށް މުއްސަނދި އެންޓިއޮކްސިޑެންޓްގެ ސަބަބުން ވެށީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކާއި އިރުގެ އަވީން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ. އަދި މީގެ އިތުރުން ހަންގަނޑުގެ ވިދުމާއި އޮފްދާރުކަން އިތުރުކޮށްދީ، ހަންގަނޑުހިކި، ކުރަކިވުމާއި ދުރުކޮށްދީ އުމުރުން ދުވަސްވުމާއި ގުޅިގެން ހަންގަނޑަށް އަންނަ ބަދަލުތަކަށްވެސް ތާޒާކަން ގެނެސްދެއެވެ.
08 ހެލެނބެލިން މެލޭރިއާ އާއި މަދިރިފަދަ ކުދިކުދި ފަނިފަކުސާ ތަކުން ޖެހޭ ބަލިތަކުން ދުރުހެލި ކޮށްދެއެވެ. އެންމެ ކުރީޒަމާނުން ފެށިގެން ގަދަ،ހުން މަޑުކުރުމަށް ފަރުވާއެއްގެ ގޮތުގައި ހެލެނބެލި ބޭނުންކުރެއެވެ. އެފުރިކާގެ ބައެއްހިސާބުތަކުގައި، ގާނާ ފަދަ ގައުމުތަކުގައި ހެލެނބެލިފަތް ބޭނުންކޮށްގެން މެލޭރިއާއަށް ފަރުވާދެއެވެ. މިގަހުގެ އެކިއެކި ބައިތަކުގައި ގިނައަދަދަކަށް އެންޓިމައިކްރޯބަޔަލް ހިމެނޭ ކަމުން މަދިރިފަދަ ކުދިކުދި ދިރޭއެއްޗެހިން ޖެހޭ ބަލިތަކުން ދިފާއުވެވެއެވެ.
09 ހެލެނބެލިން ގައިގެ ކުލަ އަލިކޮށްދީ މަރުވެ ހާލަކުވެފައި ހަންގަނޑަށް ދިރުން ގެނެސްދެއެވެ. ހެލެނބެލީގައި ހިމެނޭ އަލްފާ ހައިޑްރޮކްސީލް އެސިޑްގެ ސަބަބުން އުމުރުން ދުވަސްވުމާއި ގުޅިގެން ހަންގަނޑުގެ ސެލްތަށް މަރުވެ، ކުލަ ފަނޑުވެ، ކުރަކިވުން ހުއްޓުވައެވެ. ހަމައެއާއި އެކެ ހަންގަނޑު ދޮންކޮށްދީ އަލިކޮށްދެއެވެ.
މީގެ އިތުރުން ހެލެނބެލީގައި ހިމެނޭ ވިޓަމިންސީގެ މިންވަރު މަތިކަމުން ވައިޓްބުލަޑްސެލް އިތުރުކޮށްދީ ނުރައްކާތެރި ޖަރާސީމާއި ދެކޮޅަށް ކުރާ މަސައްކަތް އިތުރުކޮށްދެއެވެ. ހަމަ އެހެންމެ ހެލެނބެލީގައި ވިޓަމިން އޭ ވެސް ހިމެނެއެވެ. އޭގެސަބަބުން ހަށިގަނޑުގައި، (އަނގަޔާއި ނޭފަތްފަދަ ތަންތަނުގައި) ހުންނަ ލޮނދި، ތެތް ފަށަލަތަކަށް އިތުރު ފުރިހަމަކަން ގެނެސްދެއެވެ. މީގެ އިތުރުން ހެލެނބެއްޔަކީ ކިޑްނީ ހަލާކުވުން ފަދަ ދާއިމީ ބަލިތަށްވެސް އިންސާނުންނަށް ޖެހުން ދުރުކޮށްދީ ދުޅަހެޔޮސިއްހަތަކަށް މަގުފަހިކޮށްދީ ހަކަތަ އުފައްދާދޭ އެއްޗެކެވެ. އަދި މިނޫނަސް އަދަދު ނުކުރެވޭހާ ގިނަގުނަ ފައިދާތައް ހެލެނބެލީގައި ވެއެވެ. ވުމާއި އެކު ހެލެނބެލިފަނި އަލުން އަޅުގަނޑުމެންގެ ސުފުރާމައްޗަށް ގެންނާކަށް ނުޖެހޭތޯއެވެ.