ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް - 1

ޢަބްދުލްމާނިޢު ޙުސައިން

ޑޭލް ކާނޭގީ ލިޔުއްވައި 1937 ވަނަ އަހަރު ޝާއިޢުކުރެއްވި “ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް” މި ފޮތް ދިވެހި ބަހަށް ތަރުޖަމާކުރަން މި ފެށީ މާތް ރަސްކަލާންގެ ޙަޟުރަތުން ވާގި އެދެމުން، މި ފޮތުގައި ހުރި އަގުހުރި ފިލާވަޅުތައް ކިޔުންތެރިންނާ ހިއްސާކުރުމަށް ނުހަނު އެދުންވެރިވެ ހުރެއެވެ. މި ތަރުޖަމާގެ މަސްދަރެއް ގޮތުގައި ކިޔަމުން މި ދަނީ ފަހުގެ ތާރީޚެއްގައި މުރާޖަޢާކޮށްފައިވާ ފޮތެކެވެ. އަޒުމަކީ ތަރުޖަމާގެ ކޮންމެވެސް މިންވަރެއް ކޮންމެ ހަފުތާއަކުމެ ނިންމައި ޝާއިޢުކުރުމެވެ.


މި ފޮތުން ހާސިލުކުރުމަށް އެހީއަކަށް ވާނެ އަށް ކަމެއް

1- ސިކުނޑީގެ ހުސްކަން ފިލުވައިދީ، އައު ޚިޔާލުތައް ގެނުވައިދީ، އައު އަމާޒުތައް ކަނޑައަޅައި، އައު އަޒުމުތައް ހޯދުމަށް.

2- އަވަހަށް އަދި ފަސޭހައިން ރަހުމަތްތެރިން ލިބިގަތުމަށް.

3- ތިބާގެ މަގުބޫލުކަން އިތުރުކުރުމަށް.

4- ތިބާގެ ވިސްނުމާ އެއްގޮތަށް އެހެން މީހުންވެސް ދީލުމަށް.

5- ތިބާގެ ނުފޫޒާއި ގަދަރު އަދި ކަންކަން ކާމިޔާބުކުރުމުގެ ހުނަރު، އިތުރުކުރުމަށް.

6- ޝަކުވާތައް ހައްލުކޮށް، ޒުވާބުތައް ހުއްޓުވައި، މަސަލަސްކަމާއި އުފަލާއެކު މީހުންނާ ކުރިމަތިލުމަށް.

7- މޮޅުކޮށް މުޢާމަލާތު ކުރާ ރަނގަޅު ވާހަކަދެއްކުންތެރިއަކަށްވުމަށް.

8- ތިބާގެ ބައިވެރިންގެ ތެރޭ ކެރުންހުރި މީހަކަށްވުމަށް.

ތިރީސް ހަ ބަހަކުން ވާހަކަދައްކާ ދިހަ މިލިއަނަށް ވުރެ ގިނަ ކިޔުންތެރިން، މި ފާހަގަކުރި ކަންތައްތައް ހާސިލްކުރުމަށް މި ފޮތުގެ ބޭނުން ހިފާފައިވެއެވެ.

މި މުރާޖަޢާގެ އިސްބަސް

“ހައު ޓު ވިން ފްރެންޑްސް އެންޑް އިންފްލުއެންސް ޕީޕްލް”، މި ފޮތް އެންމެ ފުރަތަމަ ޝާއިޢުކޮށްފައި ވަނީ 1937 ވަނަ އަހަރުއެވެ. އެ ފަހަރު ޗާޕުކުރީ އެންމެ ފަސް ހާސް ކޮޕީއެވެ. މި މިންވަރަށް ވުރެ އިތުރަށް ފޮތް ވިކިދާނެ ކަމަށް ފޮތުގެ މުޞައްނިފު ޑޭލް ކާނީގީ ވެސް އަދި ފޮތް ޗާޕުކުރި ސައިމަން އެންޑް ޝޫސްޓަރ ވެސް ހިއެއްނުކުރެއެވެ. ނަމަވެސް އެންމެން ހައިރާންކޮށްލައި، މި ފޮތަށް އާދަޔާ ޚިލާފު ވަރުގަދަ މަގުބޫލުކަމެއް ލިބުމުން، އުތުރިއަރަމުން ދިޔަ އާންމުންގެ ތަރުހީބާއެކު ފޮތުގެ ކާމިޔާބު އެތައް ޗާޕެއް ފަހުން ނެރެން ޖެހުނެވެ. މިހާރު މި ފޮތް ވެފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހައިތަނަށް އެންމެ ގިނައިން ވިކުނު އެއް ފޮތަށެވެ. ……..