ނޮކިޔާ ލޫމިޔާ 1020 ޑީއެސްއެލްއާރު ކެމެރާޔަކާ އެއްވަރުތަ؟

މުޙައްމަދު އަކުރަމް

މިމަހުގެ 26ވަނަ ދުވަހު ފިންލެންޑުގެ ނޮކިޔާ ކުންފުނިން ބާޒާރަށް ނެރުނު ނޮކިޔާ ލޫމިއާ 1020 އާއިއެކު ނޮކިޔާ ކުންފުނިން ވާދަވެރި މޯބައިލް ފޯނުގެ މާކެޓް އާހަރުފަތަކަށް ގެންގޮސްދީފައެވެ. އެންމެންވެސް މިފޯނާ އަޅައިގަތީ މިފޯނުގައި ހަރުކޮށްފައިވާ 41 މެގަ ޕިކްސެލް ކެމެރާޔާއި ހެދިއެވެ. މީ މިހާތަނަށް މޯބައިލް ފޯނެއްގައި ހަރުކޮށްފައިވާ އެންމެ ރިސޮލިޔުޝަން މަތި ކެމެރާއެވެ. ފާހަގަ ކޮށްލެވޭކަމަކީ މިހާމަތީ ރިސޮލިޔުޝަންގެ ކޮމްޕެކްޓް ޑިޖިޓަލް ކެމެރާއެއްވެސް އަދި މިހާތަނަށް ނުކުމެފައި ނުވާކަމެވެ. ޖަޕާންގެ މަޝްހޫރު ނިކޯން ކުންފުނިންޏަށްވެސް އެމީހުންގެ ކޮމްޕެކްޓް ޑިޖިޓަލް ކެމެރާތަކުގައި އަދިވެސް އުޅެނީ 21 މެގަ ޕިކްސެލް އަށްވުރެ ރިސޮލިޔުޝަން މަތި ސެންސަރެއް އަޅުވައި ނުލެވިގެންނެވެ.

މިހާތަނުން އުފެދޭ ސުވާލަކީ ޑީއެސްއެލްއާރް ކެމެރާތަކާއި ނޮކިޔާ ލޫމިޔާ 1020 ގައިވާ ކެމެރާއަށް ވާދަ ކުރެވިދާނެ ކަމާއިމެދު އުފެދޭ ސުވަލެވެ. މިކަމާއިމެދު ބަހުސްކޮށްފިނަމަ ދެކޮޅަށްވެސްބުރަވެ ދެއްކިދާނެ ވަރަށްގިނަ ވާހަކަ އެބަހުއްޓެވެ. ފުރަތަމަވެސް ބުނެލަން ޖެހެނީ ކެމެރާޔަކުންނަގާ ފޮޓޮއެއް ރީތިވަނީ ހަމައެކަނި އެކެމެރާއެއްގެ ރިސޮލިޔުޝަން މަތިވެގެންނެއްނޫނެވެ. ރިސޮލިޔުޝަނަކީވެސް އެއް ބަހާއެވެ.

އިމޭޖް ސެންސާރ

ކެމެރާއެއްގެ އިމޭޖް ސެންސަރު ބޮޑުވިވަރަކަށް، ޕިކްސެލްތައް ބޮޑުވެއެވެ. އެކަމުގެ ސަބަބުން ބޮޑެތި އިމޭޖް ސެންސަރު ހުންނަ ކެމެރާތަކުންނަގާ ފޮޓޯތަކުގައި ޑައިނަމިކް ރޭންޖް މަތިވެއެވެ. މީގެ އިތުރުން އަލިމަޑު ތަންތަނުގައި ނަގާފޮޓޯތައް ރީތިވެ ފޮޓޯތަކުގައި ގުދުރަތީކުލަ ހިމެނުމުގެ އިތުރުން  ތަސްވީރުގެ ތަފްސީލްކަންވެސް އިތުރުވެއެވެ. އަދި އިމޭޖްގައި ހުންނަ ނޮއިސް ކުޑަކުރުމަށްވެސް ބޮޑު އިމޭޖް ސެންސަރެއްގެ ބޭނުންތެރިކަން ބޮޑެވެ.

ޑީއެސްއެލްއާރު ކެމެރާތަކާއި އަޅާބަލާއިރު އިމޭޖް ސެންސަރު ކުޑަވުމަކީ ނޮކިޔާ ލޫމިޔާގެ ބަލިފައެކެވެ. ނަމަވެސް ގިނަ ޑީއެސްއެލްއާރު ކެމެރާތަކާއި ހިލާފަށް ނޮކިއާ ލޫމިއާ1020 ގެ ރިސޮލިއުޝަން މާބޮޑަށްވެސް މަތިވުމުން ގިނަ ޑީއެސްއެލްއާރު ކެމެރާތަކަށްވުރެ ގިނަ ރިސޮލިޔުޝަން ރޮނގުތައް ދެނެގަތުމުގެ ގާބިލްކަން ނޮކިޔާ ލޫމިޔާއަށް ލިބިގެން ވެއެވެ.

ލެންސް

ޑީއެސްއެލްއާރު ކެމެރާތަކަކީ ލެންސް ބަދަލުކުރެވޭ ގޮތަށް ހަދާފައި ހުންނަ އެއްޗެއްސަށް ވިޔަސް ނޮކިޔާ ލޫމިޔާ އަކަށް އެގާބިލްކަމެއް ނެތެވެ. ހާލަތާއި ތަނާއި ވަގުތާއި ގުޅެގޮތަށް ފޮޓޯނެގުމުގައި އެވަގުތަކަށް އެންމެގުޅޭ ލެންސެއް ބޭނުންކުރުމަކީ ފޮޓޯނެގުމުގައި މުހިންމުކަމަކަށް ވާއިރު ނޮކިޔާ ލޫމިޔާއަށް އެގާބިލްކަން ލިބިފައި ނެތުމަކީ ވަރަށްބޮޑު ބަލިފައެކެވެ.

އެހެން ބައެއްކަންކަން

# ޑީއެސްއެލްއާރު ކެމެރާތަކަކީ އިތުރު އެޕްލިކޭޝަންތައް ހިންގޭގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗެއްސެއް ނޫނެވެ. ނަމަވެސް ނޮކިޔާލޫމިޔާގައި ރަންކުރާ ވިންޑޯސް މޯބައިލް އެއިޓް އޯއެސްގެއި ތަފާތުގިނަ އެޕިލިކޭޝަން ހިންގާލެވެއެވެ. ވުމާއިއުކު ފޮޓޯޝެއާރކުރުމާއި އެޑިޓްކުރުމަގައި ޑީއެސްއެލްއާރު ކެމެރާތަކަށްވުރެ ލޫމިޔާ އުޅެނީ ކުރީގައެވެ.

# ޑީއެސްއެލްއާރު ކެމެރާތަކުގައި އޮޕްޓިކަލް ވިޔުފައިންޑާރ ހުރެއެވެ. އެކަމުގެ ސަބަބުން ބެޓެރީ ސަލާމަތްވެ އަލިގަދަތަންތަނުގައި ފޮޓޯނަގާއިރު ފަސޭހަވުމުގެ އިތުރަށް ސަބްޖެކްޓަށް ފޯކަސްކުރަންވެސް ފަސޭހަވެއެވެ.

# ޑީއެސްއެލްއާރު ކެމެރާތަކަށް ހާއްސަ އެތައްބާވަރު ބާރުގަދަ އެކްސެސަރީސް ހުރެއެވެ. އެކިވައްތަރުގެ ފުލެޝްއާއި މައިކާއި އެކިވައްތަރުގެ ސްޓޭންޑްގެ އިތުރަށްވެސް އެތައްއެއްޗެއްސެކެވެ. ނަމަވެސް ލޫމިޔާއަކަށް އަދި މިނަސީބެއް ނުލިބެއެވެ.

# ގިނަ ޑީއެސްއެލްއާރު ކެމެރާތަކުން ރޯ ފޯރމެޓުގައި ފޮޓޯނެގެއެވެ. ނަމަވެސް ލުމިޔާއަކަށް މިނަސީބެއްވެސް ލިބިފައެއް ނުވެއެވެ.

ވިމާ ޖުމްލަގޮތެއްގައި ބުނެވޭނީ ނޮކިޔާ ލުމިޔާ 1020 އަދި ޑީއެސްއެލްއާރު ކެމެރާތައްހާ ބާރުގަދަ ނުވާކަމަށެވެ. ނަމަވެސް ބާޒާރުގައި ލިބެންހުރި ގިނަ ޑިޖިޓަލް ކެމެރާތަކާއި އަޅާކިޔާއިރު ލޫމިޔާ އުޅެނީ މާކުރީގައެވެ.