އެމީހުންގެހުނަރު ސެގްމެންޓުގެ މިފަހަރުގެ މެހުމާނަކީ ހއ. އިހަވަންދޫ ނޫރުމަންޒިލް ހަމްޒާ އިބްރާހިމް އެވެ. އިހަވަންދޫގެ ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި ހަމްޒާ އަކީ މިހާތަނަށްއިހަވަންދޫ ގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކަމިޔާބު ކޯޗެވެ.މިކަން މިގޮތަށް ޤަބޫލު ކުރެވެނީ ސަބަބު ތަކެއް ނެތިއެއްނޫނެވެ. ހަދާން ހުންނަށް ފެށީންސުރެ ފުޓްބޯޅައަށް ލޯބި ކުރާ ހަމްޒާ ވަނީ ނުވަދިހައިގެ އަހަރު ތަކުގައި އިހަވަންދޫގައި ބޭއްވުނު ގިނަ މުބާރާތް ތަކުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމު އެތައް ފަހަރަކު ޙާސިލް ކޮއްފައެވެ. އަތޮޅުގައި އޭރު ބޭއްވޭ އެކި އެކި މުބާރާތް ތަކުން އޭނާ ވަނީ އިހަވަންދޫ ފަޙުރުވެރިވަފަދަ އެތައްވަނަތަކެއް ހޯދައިދީފައެވެ. އޭރު ހަތް ނަމްބަރު ޖާޒީގަ ކުޅޭ ހަމްޒާ އަކީ ހއ. އަތޮޅުގަ އޭނާ ކުޅެންދާ ރަށް ރަށުގަ ވެސް މަޝްހޫރު މޫނެކެވެ. ކުޅުން ހުއްޓާލުމަށް ފަހު ކޯޗް ކަމަށް އެބުރި އައިސް ވެސް އޭނަގެ ހުނަރާ ޤާބިލްކަން ވަނީ ސާބިތު ކޮއްދީފައެވެ. މިގޮތުން އިހަވަންދޫގައި ފުޓްބޯޅައިގެ ބޮޑު ޢީދެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މައިކަޕް މުބާރާތް ތަކުގައި އޭނަގެ ކޯޗް ކަމުގެ ދަށުން ބައިވެރިވި ޓީމްތަކުން ވަނީ އެކި އަހަރުތަކުގައި އެމުބާރާތުގެ ޗެމްޕިއަން ކަން ޙާސިލް ކޮއްފައެވެ. ހަމްޒާ ގެ އިތުރުން އެ އާއިލަގައި ހިމެނޭ އޭނަގެ ބޭބޭ އަޙުމަދު އިބްރާހިމް އާއި ކޮއްކޮ މޫސާ އިބްރާހިމް އަދި ޢަބުދުﷲ އިރުޝާނަކީވެސް ފުޓްބޯޅައިގެ ހުނަރުހުރި ފަރާތްތަކެއް ކަން ފާހަގަ ކޮއްލަމެވެ. ބާސެލޯނާގެ މެސީ އަށް ސަޕޯޓް ކުރާ ހަމްޒާ ގެ ވާހަކަތައް ތިރީގައި މިހިމަނާލަނީއެވެ.
ކިހިނެއްތޯ ފުޓްބޯޅައަށް ލޯބި އުފެދުނީ ؟
ހަދާންވާން ފެށީންސުރެ އެކުވެރިންނާއެކު މަގުމަތިގަ ފުޓްބޯޅަ ކުޅެން، އޭރުންސުރެ ފުޓްބޯޅައަށް ލޯބިކުރަން ، އޭރު ދަނޑުގަ ކުޅެން އަޅުގަނޑުމެނަށް ފުރުސަތެއްނުލިބެ ގުރޫޕު ހަދާފަގޮސް މަގުމަތީކުޅެނީ، ދެން އެހެން އުޅެނިކޮށް ހއ. އަތޮޅުގަ ބޭއްވި މުބާރާތެއްގަ ކީޕަރަކަށް ކުޅެލުމުގެ ޗާންސް ލިބުނީ ރަށް ތަމްސީލު ކޮއްލަން ލިބުނު އެފުރުސަތާއެކު އަދި އިތުރަށް ޝައުޤުއުފެދި ފުޓްބޯޅަ އަށް ލޯބި އިތުރުވެގެން ދިޔައީ އެހިސާބުން.
ހަމްޒާގެ ފުޓްބޯޅައިގެ ހަޔާތުގަ އެންމެ ފާހަގަ ކޮއްލެވޭ ދުރުހަނދާނަކީ ކޮބައިތޯ؟
މިރަށުގަ ބޭއްވި މުބަރާތަކުން މޮޅުވެގެން ދަނޑުން ފޭބިއިރަށް އިހަވަންދޫގެ ވިޔަފާރިވެރިޔަކު އޭނަގެ ކޮނޑަށް ލައިގެން އުފުއްލާލައިގެން ގެންގޮސް ފިހާރާގަ ބަހައްޓާފަ އެފިހާރައިން ބޭނުން ވަރަކަށް ބޭނުން އެއްޗެއް ގެންދާށޭ ބުނި ދުވަސް އެއީ ވަރަށް އުފާވެރި ހަނދާނެއް ، އަދި އެދުވަހު އަޅުގަނޑަށް އިޙުސާސް ކުރެވުނު އަޅުގނޑަކީ ވެސް މޮޅުމީހެއްކަން އަދި އިތުރަށް ފުޓްބޯޅައިގެ ޝައުޤު އިތުރަށް އާލާވެގެން ދިޔަ ދުވަހެއް އެއީ.
ހަމްޒާގެ ފުޓްބޯޅައިގެ ރަންޒަމާންތަކުގަ ލިބުނު ކާމިޔާބީ ތަކަކީކޮބާތޯ؟
އޭރުގަ ލިބުނު ސެޓްފިކެޓް ތަކާ ޓްރޮފީތައް އަޅުގަނޑު ރައްކާ ކޮއްފަ ނެތީމަ ނޭގެ އެހެން ވަކިން ވަކިން ލިބިފަ ހުރި ކާމިޔާބީތައް ކިޔައިދޭކަށް އޭރުގަ އަޅުގަނޑު ބައިވެރިވި އަތޮޅު މުބާރާތް ތަކުންނާ އޭރު ރޯދަމަހު ރޭގަނޑު ބާއްވާ މުބާރާތް ތަކުން މެޗްތަކުގަ ލިބެނީ މޭން އޮފް ދަ މެޗް، ކުޅުނު ގިނަ މެޗަ ތަކުން އެއްވަނަ ލިބުނު ހަދާން ހުރޭ، ދެން ކޯޗް ކަމަށް ބަލާ އިރު ސްކޫލުގަ ދަރިވަރުންނަށް އެކި އެކި ހައުސް ތަކަށް ކޯޗުކަން ކޮއްދީ އެ ޓީމްތަކަށް ވަރަށް ރަގަނޅު ވަނަތައް ލިބިފަހުންނަނީ ، ދެން ފަހަކަށް އައިސް މައިކަޕް މުބާރާތުގަ ބައިވެރިވި ދަނބުކުރި، އެން ވީ ކޭ ، ޔުނއިޓެޑް ޔޫތު ، އަދި ނިކަ މި ޓީމުތަކުން ވަނީ އަޅުގަނޑުގެ ކޯޗް ކަމުގެ ދަށުން ޗެމްޕިއަން ކަން ހޯދި ،ދެން ކުޅުންތެރިން ނަށް ލިބޭ ކޮންމެ ކާމިޔާބީ އެއް އެއީ އަޅުގަނޑަށް ލިބޭ ކާމިޔާބީ ކަމުގަ ދެކެނީ …
ލިބިފަވާ ކާމިޔާބީތަށް ސިފަކުރަނީ ކިހިނެއްތޯ؟
ލިބިފައިވާ ކާމިޔާބީ ތަކުގެ އަސްލަކީ ކުރެވުނު މަސައްކަތް ، އަދި ހިއްވަރު ، އަޅުގަނޑަކީ އޭރު ކުޅުނު އިރު ވަރަށް ބޮޑަށް އެންޖަރީއާ ކުރިމަތިލާން ޖެހުނު މީހެއް ، ވަރަށްގިނަ މެޗްތަކުގަ މެޗް ނުނިމެނީސް ދަނޑުން ފައިބަންޖެހޭ އަނިޔާގެ ސަބަބުން ، ހިތްހަމަޖެހޭ ފަދަ ކާމިޔާބީތަކެއް ލިބިފަވޭ…
ކުޅުންދޫކޮއްލުމަށް ފަހު ޓީމުތަކަށް ކޯޗުކަން ކޮއްދީ ، މި ދާއިރާއިން މީހުން ތަމްރީނުކޮއްދޭން ފެށި ހިސާބަކީ ކޮބައިތޯ؟
ފުޓުބޯޅައަށް އޮތް ލޯތްބެއްގެ ސަބަބުން އަޅުގަނޑު ހިތައްއެރީ އަދި ކުޅޭ އުމުރު ދިޔައީމަ އަޅުގަނޑުގެފަރަތުން އެހެންބަޔަކަށް މިކަން ދަސްކޮއްދޭން ،މިހެންވެ އަސްލު ހިތަށްއެރީ މިރޮގުން ކުދިން އުފައްދަން އެހެންވެ ކޯޗުކަން ކޮއްދޭން ފެށީ ، މި ރަށުގަ އެބަތިބި ވަރަށް މޮޅު ޅައުމުރުގެ ކުޑަކުދިން ފުޓްބޯޅަ ކުޅުމުގެ ހުނަރު ހުރި ކުދިން ، އަޅުގަނޑު ވަރަށް ހިތަށް އަރާ އެކުދިން މޮޅުބަޔަކަށް ހަދާ އަޅުގަނޑަށް އެކުދިންނަށް ކިޔައިދޭން ފުރުސަތު ލިބޭނަމައޭ ، އެކުދިންނަށް ދަސްކޮއްދޭން ލިބިއްޖެނަމަ ވަރަށް މޮޅު ހުނަރުވެރި ކުޅުންތެރިންނަށް ވާނެކަން ޔަޤީން، އަދި އެއީ ވަރަށް ދެކެންބޭނުންވާ ދުވަހެއް.
ކޯޗެއްގެ ދައުރަކީ ކޮބައިތޯ؟
ކޯޗެއްގެ ދައުރަކީ ޓީމެއް ތައްޔާރު ކޮއްދީ ،އެޓީމުގެ އެންމެހާ މެމްބަރުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ކޮއްދިނުން ،ރަނގަޅު ކުރަންވީ ކަންތައްތއް ކިޔާދިނުމާ ހެދޭ ގޯސްތައް ފާހަގަ ކޮއްދީ ރަނގަޅުކުރުވުން ، ހުނަރު އިތުރު ކޮއްދީ ކޯޗަށް އެގޭމިންވަރަކުން ކުޅުންތެރިންނަށް ކިޔައިދިނުން…
ޓީމެއްގެ ފަރާތުން ރީތި މޮޅު ކުޅުމެއް ދައްކަންބޭނުން ނަމަ ކޮބައިތޯ ބަލަންޖެހޭނެ ކަންކަމަކީ ؟
އެންމެ ފުރަތަމަ ކަމަކީ ދީނީ ކަންކަމަށް ފަރުވާ ބެހެއްޓުން ، ރީތި އަޙްލާޤު އަދި ގަޑިއަށް ފަރުވާބެހެއްޓުން ، ޕްރެކްޓިސްއަށް ބަރާބަރަށް ގަޑިއަށް ނާދެވޭނަމަ ރީތިކުޅުމެއް ނުފެއްނާނެ، ކުޅުމުގަ ރީތި ޕާސް ތަކާ ކޮންޓްރޯލް ތައް ފެނިއްޖެނަމަ މޮޅުކުޅުމެއް ފެންނާނެ…
ކުޅުންތެރިންނާ ހަމްޒާއާ ދޭތެރޭ އޮންނަނީ ކިހާވަރެއްގެ ގުޅުމެއް؟
ވަރަށް ގާތްބަދަހި ގުޅުމެއް އޮވޭ ، އިހަވަންދޫގެ ހުރިހާ ކުޅުންތެރިންނާ ވެސް އަޅުގަނޑު ވަރަށް ގާތް ވާނެ، އަމިއްލަ ޒަމީރުވެސް ޤަބޫލުކުރާގޮތް އެއީ…
ހަމްޒާއަށް ޤަބޫލުކުރެވޭ ގޮތުގަ އިހަވަންދޫގަ ހިތްހަމަޖެހޭ ފެންވަރަށް ފުޓްބޯޅައިން ޒުވާނުންނަށް ފުރުސަތުތައް ތަނަވަސް ވެފައިވާކަން ޤަބޫލުކުރަންތޯ؟
ނުކުރަން ޤަބޫލެއް ، ސަބަބަކީ މިސާލަކަށް މިރަށުގަ ބޭއްވޭ އެންމެ ބޮޑު މުބާރަތަކީ މައިކަޕް ، މީ މަސްވެރި ރަށަކަށް ވީހިނދު ބައެއްޒުވަނުންނަކީ މަސްވެރިން އެކުދިންނަށް މި މުބާރާތުގަ ކުޅެލަން ފުރުސަތެއް ނުލިބޭ ، ބައެއް އޮޑިވެރިން ޤަބޫލުކުރަނީ އެކުދިން ކުޅެން ފައިބައިފިނަމަ މަހަށް ނުގޮސް ފަޅުގަ އޮޑި އަޅައިގެން ތިބޭށޭ ޖެހޭނީ ، އެހެންވީމަ ފުޓުބޯޅައަށް ޝައުޤުހުރި ޒުވާންމަސްވެރިން ނަށް އެފުރުސަތެއްނެތް ، އިހަވަންދޫގަ މައިކަޕް މުބާރާތަށް ތައްޔާރުވެ އެކަށީގެންވާ ޕްރެކްޓިސް ކުރަން ފުރުސަތެއް ނުލިބޭ ވަޒީފާތަކުގަ ރަށުން ބޭރުގަ އުޅޭ ޒުވާނުން ނަކަށް ، ދެން މިހާރަކަށް އައިސް ދިމާވާ މައްސަލައެއްމީ ޒުވާނުން ފޯނާ މާ ގާތް ވުން ރަށުގަ ދިރިއުޅޭ ޒުވާނުންވެސް ހަވީރު ގަޑީ ކުޅެން ނައިސް ތިބެދާނެ ފޯނާކުޅެން ، މިހާރު މުބާރާތް އައިސް ބޯމަތިވުމުން ކުޅެންފެށިޔަސް ކަމަކު ނުދާނެ ދުރާލާ ތައްޔާރުވެގެން ނޫނީ ކާމިޔާބެއް ނުލިބޭނެ …
ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށް ހަމްޒާ ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ؟
މިހާރު އިހަވަންދޫގަ ފުޓުބޯޅަކުރި އަރުވާ އާލާކޮއް ޒުވާނުންނަށް ކުޅެންފުރުސަތު ލިބެނީ މައިކަޕް މުބާރާތުން، އެހެންވީމަ މި މުބާރާތަށް ޒުވާނުން ތައްޔާރުވާން ޖެހޭނީ ކުރިއާލާ، ވަގުތު އައިސް ޖެހުނީމަ އުޅެގެން ފުރިހަމަ ކާމިޔާބެއް ނުލިބޭނެ، ބޭކާރު ގޮތުގަ ވަގުތުތައް ހޭދަކުރުމުގެ ބަދަލުގަ ދުރާލާ ތައްޔާރުވެގެން ކުޅުންތެރިންގެ ހުނަރު ދައްކާލަން މަސައްކަތްކުރުމަށް ޒުވަނުން ނަށް ހިއްވަރުދެން…
މިދާއިރާއިން ހަމްޒާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބައިތޯ؟
މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަޅުގަނޑުގެ ކޯޗުކަމުގެ ދަށުން ޓީމެއްހަދާ ، އެޓީމުގެ ކުޅުންތެރިން ނުވަތަ ކުޅުންތެރިއަކު ޤައުމީ ފެންވަރުގެ މުބާރާތެއްގައި ބައިވެރި ވުމުގެ ފުރުސަތުލިބި އެކުޅުންތެރިއަކު ޤައުމަށް ރީތިނަން ހޯދާދޭ ދުވަސް ، މިހާރުވެސް މައިކަޕާ ގުޅުވައިގެން އަހަރަކު އެއްފަހަރު ކުޅުންތެރިންތަކަކަށް ކިޔައިދިނުމުގެ ފުރުސަތު އަޅުގަނޑަށް ލިބޭ އެހެންނަމަވެސް ހިތާމައަކީ އެކަށީގެންވާ މުއްދަތެއް ޓީމުތައްޔާރު ކޮއްދޭން އަޅުގަނޑަކަށް ނުލިބޭ…
ރަށުން އެންމެ މޮޅު 5 ކުޅުންތެރިން ހޮވަން ހަމްޒާ އަށް ލިބިއްޖެނަމަ ހޮވާނެ 5 ކުޅުންތެރިންނަކީ ކޮބައިތޯ ؟
ހާމިދު (ރޯޒު) ، އާމިރު (އަސްދޫ) ، ޝާނިއު(ފަޒާ) ، ސަމީރު (ގޯލްޑް ހައުސް)، މޫސަ (ވައިލެޓް ވިލާ) މީ ވަރަށް މޮޅު 5 ކުޅުންތެރިން…
ޝުކުރުއަދާ ކޮއްލަން ބޭނުން ފަރާތް ތަކަކީ ކޮބައިތޯ؟
ފުރަތަމަ ހެއްދެވިފަރަތަށް ޝުކުރުކުރަން، ދެން މައިންބަފައިންނާ އާއިލާ ، އަސްލު މިގޮތަށް ގިނަވަގުތު ޓީމްތަކާ އެކު ވަގުތު ހޭދަކުރަން ފުރުސަތު މި ލިބެނި ދަރިންނާ ، އަނބިމީހާގެ ސަޕޯޓާއެކު ، ރައްޓެހިން ދޭ ހިއްވަރު ވެސް ފާހަގަ ކުރަން ، ދެން ވަރަށް ޙާއްސަ ޝުކުރެއް އަދާކޮއްލަން ބޭނުންވޭ މައިކަޕް އަށް ޓިމުތައް ނެރޭ މެނޭޖަރުންނަށް ، ފުޓްބޯޅައަށް ލޯބިކުރާ ތީ މިހާގިނަޓީމުތަށް ނެރެނީ އެހާބޮޑު ޙަރަދުތަކެއް ކޮއްގެން ޓީމުތަކުން އެހެން ވީމަ ޝުކުރު އަދާކުރަން ޓީމްތަކަށް…
މިއަހަރު ހަމްޒާ ކޯޗުކަން ކޮއްދިން އަރާދުވާޓީމުގެ ފައުންޑާރ އަދި މެނޭޖާރ އަހުމަދު ނަޝީދު ކޯޗް ހަމްޒާ ސިފަކުރާގޮތް :
” ކޯޗް ހަމްޒާ އަކީ އިހަވަންދޫގެ ފުޓްބޯޅައަށް އާ ކޯޗެއްނޫން ، މައިކަޕްގެ އެންމެ ކާމިޔަބު ކޯޗަކީ ހަމްޒާ، ހަމްޒާ އަކީ ވިނިންގް ސްޕްރިޓް ވަރަށް ހައި ކޯޗެއް ހަމްޒާ ކޯޗެއްގެ ގޮތުގަ ހަމަޖެއްސީ ކޯޗް ފުޓުބޯޅަ އަށް ހުންނަ ޝައުޤާ ، މިކަމަށް ދެއްވާ ކޮމިންޓްމެންޓްގެ ސަބަބުން ، އަދި ވަކިން ޙާއްސަކޮއް ކުޅުންތެރިންނާ އޮންނަ ގާތް ގުޅުމަކީ ފާހަގަ ކޮއްލަންޖެހޭކަމެއް ، ހަމްޒާ އިޒް ދަ ބެސްޓް ކޯޗު އޭސް ވެލް އޭސް މެންޓާރ”
އެމިހުންގެހުނަރު މިފަހަރުގެ ސެގްމެންޓް މި ނިއްމާލަނީ ކިޔުންތެރިން ޝައުޤުވެރިވާ ފަދަ ހުނަރު ވެރި އެހެން ފަރާތެއްގެ ވާހަކަތައް ކުރިއަށް އޮތް ސެގުމެންޓް ގައި ގެނެސްދެވޭނެ ކަމުގެ އުއްމީދުގައެވެ.