ވާވޭގެ ހާމަނީއޯއެސް: ވާވޭ ފޯނުތަކަށް ލޯބިކުރާ ފަރާތްތަކުގެ އުއްމީދު

މުޙައްމަދު އިމްރާން

މުޅި ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ، ޗައިނާގެ ވާވޭ ކުންފުނިން އެމީހުންގެ އަމިއްލަ އޯއެސް ފައްކާކޮށް، ލޯންޗް ކުރުމުގެ ވަގުތު މިވަނީ ޖެހިފައެވެ. އެމެރިކާއިން، ޗައިނާގެ ވާވޭ ކުންފުންޏަށް ކުރިމަތިކުރުވާފައިވާ ފިއްތުންތަކާއެކުވެސް، އެކުންފުނިން ހަތިޔާރު ބެހެއްޓުމަށް ބޭނުން ނުވިއެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައިވެސް އަދި މުޅި ދުނިޔޭގެ ސުމާރޓް ފޯނުގެ ވިޔަފާރީގައި ވަކި ހިއްޕާލާފައިވާ މިކުންފުނިން އެމީހުންގެ އަމިއްލަ އޯއެސް ކަމުގައިވާ ހާމަނީއޯއެސް، ތައްޔާރު ކޮށް ސްމާރޓު ފޯނުގެ ވާދަވެރި މާކެޓަށް ބޭނުންވީ ނިކުންނާށެވެ. މިކަމުގައި، މި ކުންފުންޏަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މުޅި ދުނިޔޭގެ ހުރިހާ ސްމާޓް ފޯނުތަކެއްގައި ކަހަލާން ރަސްކަން ކުރަމުންދާ، އެންޑްރޮއިޑާ ދެކޮޅަށް ނިކުންނަން ޖެހުމެވެ.

ވާވޭގެ އަމާޒު ހުރީ ދެރަވަރެއްގަ އެއްނޫނެވެ. އުއްމީދުތައް ނުހަނު ބޮޑެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑީތައް ހުރީ ކުޑަމިންވަރެއްގައެއްނޫނެވެ. އަމާޒަކީ، މި އަހަރު ނިމެންވާއިރު، ހާމަނީއޯއެސް ބޭނުންކުރާ އާލާތްތަކުގެ އަދަދު 300 މިލިއަން ފަހަނައަޅާ ދިއުމެވެ. ޖޫން 2 ވަނަ ދުވަހު ވާވޭ ކުންފުނިން ނެރުމަށް ހަމަޖެހިފައިވާ، އެމީހުންގެ ޓެބުލެޓްކަމުގައި، މޭޓްޕެޑް ޕްރޯ 2 އަދި އެމީހުން ސްމާރޓް އަތުކުރީ ގަޑި ވާވޭ ވޮޗް 3 ކާއެކުގައި ހާމަނީ އޯއެސް ނެރޭނެކަމުގައި ވަރަށް ބޮޑަށް ބެލެވެއެވެ. ދުނިޔޭގެ ޓެކް ޚަބަރުތައް ގެނެސްދޭ މަންސަތަކުގެ މަޢުލޫމާތުތައް ހުރީ އެހެންނެވެ.

އެންމެ ފުރަތަމަވެސް، ހާމަނީގެ މަސައްކަތަކަށްވާނީ، އެންޑްރޮއިޑް ޕްލެޓްފޯމު ބޭނުންކުރަމުންދާ، ވާވޭ ގެ ޑިވައިސްތަކަށް އަޕްޑޭޓް ފޮނުވާ، ހާމަނީގެ ފޭރާން އެޅުވުމެވެ. މިހާރުވެސް، މާރކެޓަށް ނެރުމަށް ތައްޔާރުކޮށް ވާވޭގެ ސްޓޮކުގައި ހުރި ފޯނުތަކުގައިވަނީ، ހާމަނީގެ ފޭރާން އަޅުވާ ނިންމާފައެވެ. އެހެންކަމުން މި ފޯނުތައްވާނީ، ހާމަނީގެ އޯއެސް ގައި މަސައްކަތްކުރާނެ ފުރަތަމަ ފޯނުތަކަށެވެ.

މިހާރުވެސް، ހާމަނީއޯއެސްގެ ވީޑިއޯތައް އިންޓަނެޓްގެ އެކި މަންސަތަކުގައި، ފެންނަން އެބަހުއްޓެވެ. އެންމެ ގާތްކުރަނީ ވާދަވެރި އެންޑްރޮއިޑްގެ ފޭރާމާއެވެ. ޖެހިފައިވަނީ ހަމައެކުލައެވެ. ނަމަވެސް، ވާދަވެރި މާހައުލަކަށް ނިކުންނަން ފައިނަގާއިރު، ވާވޭ ފަދަ ބޮޑު ކުންފުންޏަކުން، ވާދަވެރިން ޖެހިލުންވާފަދަ، ސިފަތަކެއް، ހާމަނީގައި ޖައްސާނެކަން ޔަޤީނެވެ.