ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެގޮތުން ބަނދަރު ފުންކުރުމަށް ބޭނުންކުރާ ކަޓަރ ސަކްޝަން ޑްރެޖަރ އިއްޔަގެ ވަގުތެއްގައި އިހަވަންދޫއަށްވަނީ ބަނދަރުކޮށްފައެވެ.

ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އެމަސައްކަތް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އިހަވަންދޫ  ފިޝްކަލެކްޝަން ފެސިލިޓީގެ ބަނދަރު ފުންކުރުމާއި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 129 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމާއި 66 މީޓަރު އެލް ބްލޮކް ކީވޯލް ޖެހުން ހިމެނއެވެ. އަދި 20 ބޮލާޑް ޖެހުމާއި 13 ފެނޑާ ޖެހުމާއި 02 ނެރު ބައްތި ޖެހުމާއި 12 މަގު ބައްތި ޖެހުމާއި އެއްގަމުތޮށި ވަށައިގެން  3437 ސްކެއަރ މީޓަރަށް ޕޭވްމަންޓް އެޅުމާއި ޕޭވްމަންޓްގައި ފެން ހިންދުމަށް ކާނު ބެހެއްޓުން ހިމެނެއެވެ. ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ފުންކުރުމަށް އެސަރަހައްދުން 50،221 ކިއުބިކް މީޓަރަށްވުރެ ގިނަ ވެލި ނަގާނެއެވެ.

މިމަޝްރޫއުގެ އީ.އައި.އޭ ހަދާފައިވަނީ ވޯޓާ ސޮލިއުޝަން އިންނެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން މިމަޝްރޫޢުގެ  އީ.އައި.އޭ އެޕްރޫވް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ.

2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާ މިމަޝްރޫއު މިހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަގައި ފަށާނެ ކަމަށް އެމްޓީސީސީއިން ބުނި ނަމަވެސް އެމަސައްކަތް ފެށިގެން މިދަނީ އެއަށްވުރެ ފަހުންކަން ފާހަގަކުރެވެއެވެ.

އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީގެ މަޝްރޫއުގެ ތެރޭގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ، އޮފީސް އިމާރާތް، އިންޖީނުގެ، ވެހިކަލް ވޯކްޝޮޕާއި ގުދަން، 130 މީޓަރުގެ މަގަތު ފާލަން އަދި ބަނދަރު ހިމެނޭނެއެވެ. މިއީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކާއި ގުޅިގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.