Banner Image Description

ޝޯމީއިން 8 މިނިޓުން ފޯނުގެ ފުލް ޗާރޖު ކޮށްލަނީ

މުޙައްމަދު އިމްރާން

މިއީވެސް ހަނގުރާމައެކެވެ. މި ހަނގުރާމައިގެ މައިދާނުގައި، މުޅިދުނިޔޭގެ މާރކެޓުގައި ނަންހިނގާ އެތައް ކުންފުންޏަކުން ވާދަކުރެއެވެ. މި މުގާބަލާގައި މިފަހަރު ކުރިއަށް މި ޖެހުނީ ޗައިނާގެ ޝޯމީ ކުންފުނިންނެވެ. ‘ޒިއޯމީއޭ’ ކިޔާމީހުންވެސް މަދެއްނޫނެވެ. އެމީހުންވަނީ، ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާނެ ވަރުގަދަ ހަތިޔާރެއް ދައްކާލައިފައެވެ. ޝޯމީއިން އެމީހުންގެ އޮފިޝަލް ޓުވިޓަރ އެކައުންޓުން ވާދަވެރިންނަށް ދައްކާލުމަށް ހެދި ހަތިޔާރު ޓެސްޓު ވެގެންދިއައީ، ޝޯމީގެ ނިވާފަތްގަނޑުގައިތިބި ކަސްޓަމަރުންނަށް ހިނިތުންވުން ގެނެސްދިން ހަމަލާއަކަށެވެ.

ޝޯމީ ކުންފުނިންވަނީ،ނަރުމެދުވެރިކޮށް 200 ވޯޓް އަދި ނަރަކާނުލާ 120 ވޯޓް ޗާޖުކުރެވޭ، ޗާޖަރެއް ދައްކާލައިފައެވެ. އަދި މިޗާޖަރަށް ހާއްސަކޮށް ބަދަލުތަކެއް ގެނެސްފައިވާ، ޝޯމީގެ އެމްއައި 11 ގެ ފޯނެއްގައި 4000 މިލިއެމްޕިޔަރުގެ ބެޓެރިއެއް އަޅުވާ ވަނީ ޓެސްޓުކޮށްފައެވެ.

ނަތީޖާ ފެނިފާވަނީ، ޝޯމީއިން އުއްމީދުކުރިވަރަށްވުރެވެސް ރަނގަޅަށް ކަމަށް ބުނެއެވެ. ފޯނު ޗާޖުކުރަންފެށިތާ، 44 ސިކުންތުގެ ތެރޭ ފޯނުގެ ބެޓެރީގެ 10 އިންސައްތަ ޗާޖުވިއެވެ. ނަރަކާނުލާ މަސައްކަތްކުރާ (ވަޔަރލެސް) ޗާޖަރުން 1 މިނިޓު 9 ސިކުންތުގެ ތެރޭގައި 10 އިންސައްތައަށް ޗާޖުކުރެވުނެވެ. ބެޓެރީގެ 50 އިންސައްތައާ ހަމައަށް ޗާޖުކޮށްލުމަށް ބޭނުންވީ ހަމަ އެންމެ ތިންމިނެޓެވެ. ވަޔަރލެސް ޗާޖަރުން 50 އިންސައްތައާ ހަމައަށް 7 މިނިޓުންވަނީ ޗާޖުކޮށްފައިވެއެވެ. މި ވަރުގަދަ ޗާޖަރުގެ އެހީގައި، 4000 މިލިއެމްޕިޔަރުގެ ބެޓެރި ފުލްކޮށް 100 އިންސައްތަ ޗާޖުކުރުމަށް ހޭދަވީ ބަރާބަރު 8 މިނިޓް އިރެވެ. އަދި ވަޔަރލެސް ޗާޖަރުން ޗާޖުކޮށްލުމަށް ހޭދަވީ ޖުމްލަ 15 މިނިޓެވެ. މިއީ މިހާރު މާކެޓުގައި ލިބެންހުރި އެންމެ އަވަހަށް ޗާޖުކޮށްދޭ ޗާޖަރުތަކަށްވުރެ 5 ގުނަ ހަލުއި ކަމެކެވެ.

ޝޯމީގެ މި ކާމިޔާބާއެކުގައި، ފޯނު ޗާޖުކުރުމުގެ ހަނގުރާމާގައި، އިތުރު ހަރުފަތެއް މިވަނީ ގިރާކުރެވިފައެވެ. ނަމަވެސް، މިގޮތަށް ނެރޭ ނަތީޖާތަކުގެ އަސަރު، ފޯނުތަކުންފެނި، އާއްމުންނާ ހަމައަށް ލިބޭވަރުވަނީ އަހަރުތަކެއްގެ ފަހުންނެވެ. ކޮންމެއަކަސް މިއީ ވަރަށްމުހިއްމު ބަދަލެކެވެ. ވަގުތު ނުވެގެން އުޅޭ މިޒަމާނުގައި ވަރަށް މުހިއްމު ހަތިޔާރެކެވެ. ނަމަވެސް އަދި އިންތިޒާރުކޮށްލަން އެބަޖެހެއެވެ.