Banner Image Description

އެޕަލްގެ އައިއޯއެސް 15، ވަރަށް އަވަހަށް ނިކުންނާނެ

މުޙައްމަދު އިމްރާން

ބެލެވޭގޮތުގައި، އެޕަލްގެ އައިއޯއެސް 15 ވަރަށް އަވަހަށް ނިކުންނާނެއެވެ. މި ޖޫންމަހުގެ 7 އިން 11 އަށް ކުރިއަށްދާ ވޯލްޑް ވައިޑް ޑިވޮލޮޕަރސް ކޮންފަރެންސްގައި އެޕަލްގެ މި އޯއެސް ލޯންޗްކުރާނެކަމަށް ބެލެވެއެވެ.

އެޕަލްއާ ވާދަކުރާ އޯއެސްތަކުގެ ލިސްޓަށް މިހާރުވަނީ ވާވޭގެ ހާމަނީ އޯއެސް އިތުރުވެ، އެޕަލްއަށް އޮތް ގޮންޖެހުންތައްވެސް ބޮޑުވެފައެވެ. ނަމަވެސް، މީގެކުރިން އެޕަލްއިން ނެރުނު އައިއޯއެސް 14 ގައި ބޮޑެތި ބަދަލުތަކެއް ހިމަނާފައިވާތީ އައިއޯއެސް 15 އިން މާބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް ނުބެލެވެއެވެ.

އެޕްރީލްމަހު ނެރުނު އައިއޯއެސް 14.5 ގައިވެސް އެޕަލްއިން ފާހަގަކޮށްލެވޭފަދަ އައު ފީޗަރތަކެއް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. އޭގެތެރޭގައި، މާސްކުއަޅައިގެން އިނަސް މޫނު ދެނެގަނެ ފޯނުގެ ތަޅު ހުޅުވުމުގެ ގާބިލުކަމާއި، އެޕަލް ސިރީއަށް ތަފާތު ހަތަރު އަޑަކުން ވާހަކަދެއްކުމުގެ ގާބިލްކަން ދިނުން ހިމެނެއެވެ. އެހެންކަމުން އައިއޯއެސް 15 އަށް ހާއްސަ އާ ފީޗަރތަކެއް އެޕަލްއިން ހިމަނާނެކަމަށް ގަބޫލު ކުރެވެއެވެ.

އައިއޯއެސް 15 އާ ގުޅޭގޮތުންވެސް ތަފާތު ވާހަކަތައް ދެކެވެއެވެ. އެގޮތުން، އައިއޯއެސް 15 ސަޕޯޓްކުރާނެކަމަށް ބެލެވެނީ އައިފޯން 7 އިން ފެށިގެން މަތީގެ އަދަދުތަކުގެ ފޯނުތަކަށެވެ. އައިފޯނު 6 ގެ މޮޑެލްތައް ނެރުނުފަހުން މިހާރު 5 އަހަރަށްވުރެ ގިނަދުވަސް ވެފާވާއިރު، އެ ފޯނުތަކުގައި ބޭނުންކުރަމުންދަނީ އޭ9 ގެ ޗިޕެވެ. އައިއޯއެސް 15 ހިންގާލެވޭނީ، އޭ10 ގެ ޗިޕް ހިމެނޭ ފޯނުތަކުގައި ކަމަށްވެއެވެ.

މީގެ އިތުރުން، ބެލެވޭ ގޮތުގައި އައިއޯއެސް 15 އާ އެކުގައި ފޯނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި ހަމަ އޯލްވޭސް އޮން ޑިސްޕްލޭއާއި، ފޯނުގެ ލޮކް ސްކްރީން އިތުރަށް ފުރިހަމަކުރާނެއެވެ. އައިއޯއެސް 15 ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ފަސޭހަކުރުމަށްޓަކައި، ޑިވައިސް ބޭނުންކުރާ ފަރާތުގެ ހާލަތު، އޮޓްމެޓިކުން، ގުޅާފަރާތަށް ނުވަތަ މެސެޖް ކުރާ ފަރާތަށް އަންގާދޭ ގޮތަށް ސްޓޭޓަސް ބަދަލުކުރުމުގެ ގާބިލްކަން ޑިވައިސްގެ ވެރިފަރާތަށް އެ ޑިވަސްއަކަށް ދެވޭނެ ފީޗަރ މި އޯއެސްގައި ހިމަނާނެއެވެ. މިސާލަކަށް ފޯނާއެކުގައި ކާރެއް ދުއްވަން އިންދާ ފޯނެއް އަތުވެއްޖެނަމަ، މިވަގުތު ކާރު ދުއްވަނީ ކަމުގައި ބުނެ، ގުޅާފަރާތަށް މެސެޖް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ފޯނުގެ ވިޖެޓް ތަކަށް އިތުރު ފުރިހަމަކަން ގެނެސްދީ، ގިނަ ސައިޒްތަކަކަށް ވިޖެޓްތައް ބަދަލުކުރުމުގެ ގާބިލިއްޔަތުކަން އައިއޯއެސް 15 އަށް ދޭނެކަމަށް ބެލެވެއެވެ.

މި ޖޫންމަހުގެ 7 އިން 11 އަށް ކުރިއަށްދާ ވޯލްޑް ވައިޑް ޑިވޮލޮޕަރސް ކޮންފަރެންސްގައި އެޕަލްގެ އައިއޯއެސް 15 ލޯންޗްކުރިނަމަވެސް، ލިބެން ހުންނާނީ، އެޕަލްގެ ޑިވޮލޮޕާރ ބީޓާ ވާރޝަންއެވެ. އާއްމުކޮށް ފޯނު ބޭނުންކުރާ ފަރާތްތަކާ ހަމައަށް އަންނާނެކަމަށް ބެލެވެނީ، ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.