އެމެޒަން ގެ އެލެކްޒާ، މިހާރު އެންޑްރޮއިޑްގައި

މުޙައްމަދު އިމްރާން

އެމެޒަންއާއި ގޫގުލް އަކީ، ވާދަވެރި ދެކުންފުނިކަމާމެދުގައި، އެކަކަށްވެސް އޮޅިފައި ނޯންނާނެއެވެ. އަދުގެ ބާޒާރަށް ފައްކާވެ، ހަލުއިކަމާއެކުގައި، ފެތުރިފައިވާ ސްމާރޓް ސްޕީކަރ ތަކުގެ ވާދަވެރިކަމުގައި މެދެކުންފުނީގެ ވާދަވެރިކަން މާބޮޑެވެ. “އެލެކްޒާ ” އަށް ގޮވާލުމަށްފަހު އެއްބަޔަކު ކަންކަމަށް އެދޭއިރު އަނެއްބަޔަކު ގޮވަނީ “އޯކޭ ގޫގުލް” އެވެ.

ނަމަވެސް، މިފަހަރު މުޅިން ތަފާތު ވާހަކައެކެވެ. ގޫގުލް ފޯނުތަކުގައި، ޑިވައިސް އެސިސްޓެންޓްގެ ގޮތުގައި މަޝްހޫރު ގޫގުލް އެސިސްޓެންގެ ބަދަލުގައި، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެމެޒަންގެ “އެލެކްޒާ” އެސިސްޓެންޓެއްގެ ގޮތުގައި ބޭނުންކޮށްލަން މިއޮތީ ފުރުސަތު ލިބިފައެވެ.

ސަމްސަންގް ގެލެކްސީ އެސް ނައިން ޕްލަސް ފޯންތަކުގައި މިކަން ކާމިޔާބެވެ. އެންޑްރޮއިޑްގެ ގިނަ ޑިވައިސްތަކުގައިގެ ކާމިޔާބު ވާނެކަމާމެދުގައި ޝައްކެއްނެތެވެ. މަސައްކަތް ކޮށްލަމާތޯއެވެ!؟

ފޯންގެ ސެޓިންގެ ތެރެއިން، އެޕް ނެގުމަށްފަހު ޑީފޯލްޓް އެޕް ނަންގަވާށެވެ. އަދި އެއަށްފަހު ޗޭންޖް ދަ ޑިވައިސް އެސިސްޓެންޓް ނަގާށެވެ. އެއަށްފަހު އެލެކްޒާ ސެލެކްޓް ކޮށްލައްވާށެވެ. މިކަންކަމުގެ ކުރިން އެމެޒަންގެ އެލްކްސާ ފޯނަށް އިންސްޓޯލް ކުރުމަށް ހަނދުމަ ކުރާށެވެ.

ބޭނުންކުރުމުގައި، އޮތް ހަމައެކަނި ހުރަހަކީ، “އެސިސްޓެންޓް ހޭލައްވާލުމަށް ބޭނުންކުރާ ބަސް” ބޭނުން ކޮށްގެން މިކަން ނުކުރެވުމެވެ. ޖެހޭނީ، ހޯމް ބަޓަންއަށް އިރުކޮޅަކު ފިއްތައިގެން އިނުމަށްފަހު ބޭނުންވާ އިރުޝާދެއް ދޭށެވެ. “ހޭލައްވާލާ ބަސް” ނުވަތަ “ވޭކްއަޕް ވޯޑް” ގެ ގޮތުގައި ދެ ލަފްޒެއް ބޭނުންކުރެވޭ ފޯނަކަށް ފެނިފައިވަނީ އެޗްޓީސީ ގެ ޔޫ11 އެކަންޏެވެ. “އެލެކްޒާ” އޭ ކިޔާ ގޮވާލައިގެން މިކަން ކުރެވޭނީ އަދި ހަމައެކަނި އެފޯނުގައެވެ. އެހެންނޫނީ ހޯމް ބަޓަންއަށް އިރުކޮޅަކު ފިއްތާލާ މަޑުކޮށްލަމާ ހިނގާށެވެ.