އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން  މިއަދު ހަވީރު އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި އޮތް ޖަލްސާގައެވެ.

މިއެއްބަސް ވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓްރ އޮފް ހެލްތް ޢަބްދުﷲ ނާޒިމްއެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއެކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުޙައިރުއެވެ.

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް ވަކި ހިސާބަކުން އެމަސައްކަތްވަނީ ހުއްޓިފައެވެ. އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު، 123.3 މިލިއަން ރުފިޔާގެ އަގުގައެވެ. މިނިސްޓްރީ އޮފް ހެލްތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފެށީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ.

ނަމަވެސް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫގައި ކުރަމުންދިޔަ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި އެ މަސައްކަތަށް ގެނެސްފައިވާ ތަކެތި ވިއްކާލުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާއި މެޝިނަރީ ވަނީ އެހެން މަސައްކަތު ސައިޓަކަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، ހޮސްޕިޓަލުގެ މަސައްކަތަށް ކޮނެފައިވާ ސަރަހައްދުތަކަށް ބަޔަކު ވަނީ ފަސްއަޅައި ފޮރުވާލާފައެވެ.

އާރު.ޑީ.ސީ އިން މިހާރުވަނީ، އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް ހާއްސަކޮށްފައިވާ ބިމުގައި ވަށައިގެން ބައުންޑަރީ ޖަހައި ބަންދުކޮށްފައެވެ.