އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިހަވަންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި އޮތް ޖަލްސާގައެވެ.
މި އެއްބަސް ވުމުގައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުޙައިރުއެވެ.
ބިއުޓިފުލް ބްލޫ މައިކަޕް ފުޓްބޯޅަ މުބާރާތް 2024 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވަނީ މިއަހަރު ހުރަވީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.