ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހއ. އިހަވަންދޫ ބުރާންޗްގެ ހިދުމަތް ރަނގަޅުކުރުމަށް އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ހިދުމަތްދޭން ފަށައިފިއެވެ. މިޖަނަރޭޓަރުގެ ހިދުމަތްފެށީ މިއަދު ފެނަކަ އިންޖީނުގޭގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
އަލަށް އިންސްޓޯލްކުރި ޖަނަރޭޓަރާއިއެކު، އިހަވަންދޫއަށް ކަރަންޓްދޭން 5 ޖަނަރޭޓަރެއް ބޭނުންކުރާނެއެވެ. އެއީ 1 މެގަ ވޯޓްގެ ދެ ޖަނަރޭޓަރާއި، 600 ކިލޯވޯޓްގެ ދެ ޖަނަރާޓަރާއި 350 ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ.
އިހަވަންދޫގައި ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ 3 ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓައިނިމި ، އަލަށް އަޅާފައިވާ އެޗްވީ އަދި އެލްވީ ކޭބަލް ނެޓްވޯރކަށް މިހާރުވަނީ ކަރަންޓްދީފައެވެ.