އިހަވަންދޫގެ ސިއްޙީ ހިދުމަތްތައް ރަނގަޅުކޮށް ކުރިއެރުވުމަށް، 1 ލައްކަ ރުފިޔާގެ އެހީތެރިކަން އާމިނާ ދިޔޯ ސިއްޙީމަރުކަޒަށް، ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 184 ވަނަ އާއްމު ބައްދަލުވުމުގައެވެ.
އާމިނާދިޔޯ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެމަސައްކަތް މިދިޔަ މަހު، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައިވާއިރު، އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ތަރައްޤީކުރަމުންދާ 3 އެނދުގެ ޑަޔަލައިސިސް ސެންޓަރުގެ ޙިދުމަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. އޭގެ އިތުރުން މުޅިން އަލަށް އާމިނާދިޔޯ ސިއްޙީމަރުކަޒުގައި އެތެރެހަށީގެ ޑޮކްޓަރެއްގެ ޙިދުމަތް ފެށުމަށްވެސް އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން މިއަދުވަނީ އާމިނާދިޔޯ ސިއްޙީ މަރުކަޒަށް އެތެރެހަށީގެ ޑޮކްޓަރެއް ހޯދުމަށް އިއުލާންކޮށްފައެވެ.
އިހަވަންދޫ ކައުންސިލުން މިހެން ނިންމާފައިވާއިރު، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 180 ވަނަ ޖަލްސާގައިވަނީ، އިހަވަންދޫ ސްކޫލުން 2025 ވަނަ އަހަރު ހިންގާ ހަރަކާތްތަކަށް އެހީވުމަށް ކައުންސިލުން އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީ ދިނުމަށްވެސް ވަނީ ނިންމައިފައެވެ.