ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިއްޔަ ހަވީރު އިހަވަންދޫ ސްކޫލްގައިއޮތް ރަސްމިއްޔާތެއްގައި ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މިރަށުގެ ޞިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް އިހުމާލެވެފައިވާކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން މިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން މިއަދު މި ފެށުނު ހިދުމަތާއެކުވެސް ހާމަވެގެންދާކަން މެންބަރު ފާހަގަކުރެއްވި އެވެ.
އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިހަވަންދޫގެ ތަރައްގީއާ ކުރިއެރުމަށް މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. “މާތްﷲގެ އިރާދަފުޅުން ރައީސްގެ މި 5 އަހަރުގެ ދައުރު އެމަނިކުފާނު ނިންމަވަނީ ޞިއްޙީ ދާއިރާއިން އިހަވަންދޫއަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ހަގީގީތަކަށް ހައްދަވައިދެއްވުމަށްފަހު.” ނާޒިމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.
މިއީ ރާއްޖޭގެ ސިއްޙީ މަރުކަޒެއްގައި ޑައިލިސިސްގެ ހިދުމަތްފެށި ފުރަތަމަ ފަހަރެވެ. އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންދާ ލެވެލް 4 ގެ ޞިއްޙީ މަރުކަޒެކެވެ.