ހއ. އިހަވަންދޫގައި އައުޓްޑޯރ ޖިމެއް ތަރައްޤީ ކުރުމަށް، ބިން ހޯދުމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާއިން އެދިފައިވާތީ، އިހަވަންދޫ ކައުންސިލުން އެވުޒާރާއަށް ބިމެއް ދީފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާޔަށް މިބިން ދިނުމަށް އިހަވަންދޫ ކައުންސިލުން ފާސްކޮށްފައިވަނީ، މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 188 ވަނަ ޢާއްމު ޖަލްސާގައެވެ.
އައުޓްޑޯރ ޖިމެއް ތަރައްޤީ ކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާޔަށް ދޫކޮށްފައިވަނީ 2000 އަކަފޫޓްގެ ބިމެކެވެ. އެބިން އޮންނަނީ އިހަވަންދޫ ސިނާއީމަގުގައި ހުންނަ ފެނަކަ ޓްރާންސްފޯމަރާއި އިންވެގެން ދެކުނަށެވެ. ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާއިން މިހާރުވެސް އަންނަނީ އިހަވަންދޫ ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިހަވަންދޫގައި މިހާރުވެސް އެއް އައުޓްޑޯރ ޖިމް އެބަހުއްޓެވެ. އެއީ އިހަވަންދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ “އިހަމަ” ނުވަތަ އިހަވަންދޫ ހަށިހެޔޮ މައިޒާނެވެ. އިހަމަ ހުޅުވާފައުވަނީ 3 މެއި 2024 ގައެވެ. އެޖިމް ތަރައްޤީކުރުމަށް އިހަވަންދޫ ކައުންސިލުން ހަތަރު ލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވެއެވެ.