އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް، އިހަވަންދޫގައި އިމާރާތްކުރުމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އަދި އާރުޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. މިއަދުގެ ރަސްމިއްޔާތުގައި އިހަވަންދޫ އާއިއެކު އަށް ރަށެއްގެ ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއެކުރިއެވެ.
މިސަރުކާރުން އިހަވަންދޫގައި އިމާރާތްކުރަނީ، އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއްކަމުން، އިހަވަންދޫގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް ހާއްސަކޮށްފައިވާ ބިމަކީ އެފަދަ މަރުކަޒެއް ޤާއިމްކުރުމަށް ކުޑަ ބިމެއްކަމުން، ބޮޑު ބިމެއް ހަމަޖައްސައި ދިނުމަށް ފުލުހުންގެ ހިދުމަތުންވަނީ އިހަވަންދޫ ކައުންސިލްގައި އެދިފައެވެ. އެގޮތުން އައު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް 50 ހާހާއި 35 ހާހާއި ދެމެދުގެ އަކަފޫޓްގެ ބިމެއް ބޭނުންވާކަމަށްވެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ، އެންމެ އަވަހަށް ބާއްވާ އިހަވަންދޫ ކައުންސިލްގެ ޖަލްސާގައި މިކަމަށް ބިން ކަނޑައަޅުއްވާނެ ކަމުގައެވެ.
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން މިހާރުވެސް ގެންދަނީ އިހަވަންދޫގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިންދަނީ ކުރަމުންނެވެ. އަދި އަންނަމަހު އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށްވެސް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެކުންފުނިން ސީއެސްއާރުގެ ދަށުންވެސް އިހަވަންދޫގައިވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އިހަވަންދޫ ސްކޫލްގެ ޕްލޭ ގުރައުންޑްގައި ޓާފްއެޅި ދަނޑެއް ތަރައްޤީ ކޮށްފައިވާއިރު އާމިނާދިޔޯ ސިއްޙީމަޒުކަޒުގެ ވޯކްވޭވެސްވަނީ ހަދައިދީފައެވެ.