އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!

މުޙައްމަދު އަކުރަމް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިހަވަންދޫއަށް ވަޑައިގެން، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް، ހއ. އިހަވަންދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރަން ނިންމާފައިވާ 5 ރަށުގެ ތެރޭގައި އިހަވަންދޫ ހިމެނޭއިރު، އެކަމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީއިންވަނީ ފަށައިފައެވެ. މިގޮތުން، އެމިނިސްޓްރީއިން ވަނީ  އިހަވަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި ދިނުމަށް އިހަވަންދޫ ކައުންސިލްގައި އެދިފައެވެ.

އެމިނިސްޓްރީއިން މިކަމަށް ބޭނުންވަނީ 180*150 ފޫޓްގެ ޖުމްލަ 27،000 އަކަފޫޓްގެ ބިމެކެވެ. މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީއިން އެދިވަޑައިގެންފައިވާ ބިން، އެންމެ އަވަހަށް ބޭއްވޭ އިހަވަންދޫ ކައުންސިލްގެ ޖަލްސާގައި ކަނޑައަޅުއްވާނެ ކަމަށެވެ.

އިހަވަންދޫގެ އިތުރުން ސްޕޯރޓްސް ކޮމްޕްލެކްސް އަޅުމަށް ނިންމާފައިވަނީ އޭދަފުށި، މާމިނގިލި، ލ. ގަން އަދި ލ. ފޮނަދޫގައެވެ. ސްޕޯޓްސް މިނިސްޓްރީއިން މިހާރުވެސް އިހަވަންދޫގައި އަންނަނީ ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެއީ އިހަވަންދޫ ހުރަވީދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ.