ރޯޔަލް ލެންގުއޭޖް އެކަޑަމީ އިނގިރޭސި ކުލާހަށް އައު ދިރާސީ އަހަރާއިއެކު އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ކުލާހަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފިއެވެ. މިކުލާހަކީ ޕްރީސްކޫލް ލެވެލް އިން ފެށިގެން ގުރޭޑް 7 އާއި ހަމައަށް ދަރިވަރުންނަށް އިނގިރޭސިބަސް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ކުލާހެކެވެ.
މިކުލާހުގައި ކިޔަވައިދެއްވަނީ އިނގިރޭސިބަހުގެ ދާއިރާއިން މަތީ ތަޢްލީމް ޙާސިލްކޮށްފައިވާ ދިވެހި ޓީޗަރުންނެވެ. މިކުލާހަކީ އިނގިރޭސި ބަސް ކިޔަވައިދިނުމަށް އިހަވަންދޫގައި ހިންގާ އެންމެ ގިނަދުވަސްވީ ކުލާސްކަންވެސް ފާހަގަ ކޮށްލެވެއެވެ. ދަރިވަރުންގެ ޢުމުރާއި ގުރޭޑަށް ބެލުމަށްފަހު ތަފާތު އެކި ލެވެލް ތަކަށް ބަހައިލެވިގެން ހިންގާ މިކުލާސް އަމާޒް ކުރެވިފައި ވަނީ ދަރިވަރުންގެ ކިބާގައި އިނގިރޭސިބަހުން ވާހަކަދެއްކުމާއި، ކިޔުމާއި، ލިޔުމާއި އަދި އަޑުއެހުމުގެ ހުނަރުތައް ތަރައްޤީ ކުރުމަށެވެ.
ކޮންމެ ކުލާހެއްގައިވެސް ދަރިވަރުންގެ ޢަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ދަރިވަރުންގެ ފެންވަރުބެލުމަށް އެސެސްމެންޓްތައް ހެދުމާއި ޕީޓީއެސް މީޓީންގ ތައް ބޭއްވި ބެލެނިވެރިންނަށް ފީޑްބެކު ދިނުންވެސް ކުލާހުގެ ފަރާތުން ކުރިޔަށް ގެންދާކަން ފާހަގަ ކޮށްލެވެއެވެ. މިކުލާހަށް އަލަށް ވަންނަން ބޭނުންފުޅުވާ ފަރާތްތަކުން 9763262 ނަމްބަރަށް ދަރިވަރުގެ ނަން، އެޑްރެސް އަދި ގުރޭޑް ވައިބަރ އިން މެސްޖް ކުރައްވައިގެން ނުވަތަ ގުޅުއްވައިގެން ކުލާހަށް ވަނުމަށް ނަން ނޯޓް ކުރެވޭނެއެވެ.
އަލަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މަދު ޖާގަ ތަކަކަށްކަމުން ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ނަންނޯޓުކުރާ ތަރުތީބުން ކަމަށްވެސް އެކުލާހުން ހާމަކުރެއެވެ. ނަން ނޯޓް ކުރުމުގެ ސުންގަޑި އަކީ 15 އޭޕްރީލް 2025 އެވެ.