ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!

.

ސަރުކާރުގެ ވުޒާރާތަކުގެ އެދުމުގެ މަތިން، އިހަވަންދޫއިން ތިން ބިމެއް ދޫކުރަން އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 190 ވަނަ އާއްމު ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ކައުންސިލްގެ ބައްދަލުވުން މިއަދު ބޭއްވުމަށް މަސައްކަތްކުރަމުން ދާއިރު، ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ހޯދުމަށް އެދިފައިވާ ބިމާއި، އިހަވަންދޫގައި އިންޑޯ  ސްޕޯޓްސް ކޮމްޕްލެކްސްއެއް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިމާރާތްކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދުމަށް އެދިފައިވާ ދެ ބިމުގެ މައްސަލައެވެ.

އައު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް، 50 ހާހާއި 35 ހާހާއި ދެމެދުގެ އަކަފޫޓްގެ ބިމެއް ބޭނުންވާކަމަށް  ފުލުހުންގެ ހިދުމަތުން ކައުންސިލަށްވަނީ އަންގާފައެވެ. މިދިޔަ މާރިޗް މަހުގެ 27 ވަނަ ދުވަހު ވަނީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް  ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައެވެ. އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް 180*150 ފޫޓްގެ ޖުމްލަ 27،000 އަކަފޫޓްގެ ބިމެއް ބޭނުންވާއިރު، އައު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމަށް 95*45 ފޫޓްގެ ޖުމްލަ 4275 އަކަފޫޓްގެ ބިމެއް ބޭނުންވާނެކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބުނެފައިވެއެވެ.