އިހަވަންދޫގައި އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމަށާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިމާރާތްކުރުމަށް، އިހަވަންދޫ ކައުންސިލުން ބިން ކަނޑައަޅައިފިއެވެ. މިތިން އިމާރާތަށް ބިން ކަނޑައަޅާފައިވަނީ މިއަދު ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 190 ވަނަ އާއްމު ޖަލްސާގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިހަވަންދޫގައި އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމަށް ހަމަޖައްސާފައިވަނީ ފެނަކަ އޮފީހުގެ ހުޅަގުން އާމިނާދިޔާ ސިއްޙީމަރުކަޒުގެ ދެކުނަށްއޮތް ބިމެވެ. އައު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް، 50 ހާހާއި 35 ހާހާއި ދެމެދުގެ އަކަފޫޓްގެ ބިމެއް ބޭނުންވާކަމަށް ފުލުހުންގެ ހިދުމަތުން ކައުންސިލަށްވަނީ އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ހަމަޖައްސައިފާވަނީ ޢާޒީ ދަނޑުގެ އުތުރަށްއޮތް ހުސްބިމެވެ. އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމަށް ހަމަޖައްސާފައިވަނީ އަލިދޯދި ހިނގުމުން ފަލަކުގެ ހުޅަނގަށް އޮތްބިމެވެ. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް 180*150 ފޫޓްގެ ޖުމްލަ 27،000 އަކަފޫޓްގެ ބިމެއް ބޭނުންވާއިރު، އައު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމަށް 95*45 ފޫޓްގެ ޖުމްލަ 4275 އަކަފޫޓްގެ ބިމެއް ބޭނުންވާނެކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކައުންސިލްގައި އެދިފައިވެއެވެ.