އިހަވަންދޫގައި ސްކޫލް ދަރިވަރުންނަށް ބަހުގެ ހިދުމަތް ފަށަން އިހަވަންދޫ ކައުންސިލުން މަސައްކަތް ފަށައިފިއެވެ. ސްކޫލް ކުދިންނަށް ހާއްސަކޮށް ބަހުގެ ޚިދުމަތް ފަށާނެކަމަށް އިހަވަންދޫ ކައުންސިލުން ފުރަތަމަ އިއުލާންކުރީ މިއަހަރުގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހުއޮތް ރައްޔިތު ބައްދަލުވުމުގައި، 2025 ވަނަ އަހަރު އިހަވަންދޫ ކައުންސިލުން ހިންގުމަށް ރާވާފައިވާ މުޙިއްމު ހަރަކާތްތަކާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ޕްރެސެންޓޭޝަން ހުށަހަޅުއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ.
ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ބަހުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، މިއަދު އޮންނަ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 191 ވަނަ އާއްމު ޖަލްސާއަށް އެޖެންޑާ ކޮށްފައިވާކަމަށްވެސް، ވަނީ މައުލޫމާތު ލިބިފައެވެ. ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ބަހުގެ ހިދުމަތް ދިނުމަށް ކައުންސިލްގެ ވިސްނުންހުރީ ސީދާ ކައުންސިލުން އެކަން ކުރުމަށްކަމެއް ނުވަތަ އެމަސައްކަތް ޕްރައިވެޓް ޕާޓީއަކާއި ހަވާލުކޮށްގެން ކުރުމަށްކަމެއް އަދި ނޭގެއެވެ.
އިހަވަންދޫގައި ދެ ސްކޫލެއްގައި މިވަގުތު ކިޔަވައި ދެމުންދެއެވެ. އެއީ އިހަވަންދޫ ސްކޫލާއި ވަފާ ޕްރީސްކޫލެވެ. އިހަވަންދޫ ސްކޫލަކީ ހއ އަތޮޅުގައި ދެވަނަޔަށް އެންމެ ދަރިވަރުންގިނަ ސްކޫލެވެ. އިހަވަންދޫ ސްކޫލްގައި 844 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާކަމަށް ތައުލީމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ.