އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2025، ގެ ފައިނަލަށް ފެނަކަ އިހަވަންދޫ ބްރާންޗް އަދި އާރު.އާރު.ސީ އިހަވަންދޫ ދަތުރު ކޮށްފިއެވެ.
ފެނަކަ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭކުޅުނު ސެމީފައިނަލްގެ ފަހު މެޗްގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. އާރު.އާރު.ސީ އިހަވަންދޫ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި 3-2 އިން އިހަވަންދޫ ސްކޫލް ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ޕޮލިސް ޓީމެވެ. އެޓީމް 4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލާއި ހަމައިން އެޓީމް ކެޓިއިރު، މިމުބާރާތުގެ ދެވަނަޔަށް އެންމެ ކާމިޔާބުޓީމް ފެނަކަ މިވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ.
މިމުބާރާތުގައި 7 ޓީމެއް ވާދަކުރެއެވެ. އެއީ އިހަވަންދޫ ސްކޫލްގެ ރެކްރިއޭޝަން ކްލަބް، ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް، ފެނަކަ އިހަވަންދޫ ބްރާންޗް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ކައުންސިލް، ކްލަބް އައި.ޕީ.އެސް އަދި އާރު.އާރު.ސީ އިހަވަންދޫއެވެ. މިއީ ހިންނަ ފުޓްސަލް ދަނޑުގައި ކުޅެވޭ ފުތަމަ މުބާރާތްކަން ފާހަގަކުރެވެއެވެ.
އާރު.އާރު.ސީ އަދި ފެނަކަ ބައްދަލުކުރާ ފައިނަލްމެޗް ކުޅޭނީ މިމަހުގެ 8 ވާ ބުރާސްފަތި ދުވަހުގެރޭ 20:15 ގައެވެ.