މަސައްކަތް ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައި، ދެ ތަނބެއްގެ ބުޑު އެޅިގޮތަށް މަސައްކަތް ހުރީ ހުއްޓިފައެވެ.
މުލޫމާތު ލިބިފައިވާ ގޮތުގައި، ހޮސްޕިޓަލްގެ މަސައްކަތް ހުއްޓުނީ ހޮސްޕިޓަލް އިމާރާތްކުރަމުންދާ ޑިޒައިނާއިމެދު އުފެދުނު ހިންހަމަ ނިޖެހުންތަކުގައެވެ. އިހަވަންދޫގައި ހޮސްޕިޓަލް އިމާރާތްކުރަމުންދަނީ މަކުނުދޫގައި ސިއްޙީމަރުކަޒެއް އިމާރާތްކުރުމަށް، ކުރީ ސަރުކާރުން ކުރެހި ކުރެހުމަކަށް ކަމަށްބުނެ އިހަވަންދޫ ޕީޕީއެމް ސްޓިއަރިންގ ކޮމިޓީގައިވެސް އެމައްސަލަ ވަރަށް ބޮޑަށް ހޫނުވިކަމަށްވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލުންވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކަމާބެހޭ ފަރާތަށް ސިޓީ ފޮނުވާފައެވެ. މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއާ ސުވާލުކުރުމުން ވިދާޅުވީ، ކައުންސިލުން އެދުނުގޮތަށް ހޮސްޕިޓަލްގެ ކުރެހުންވަނީ ބަދަލުކުރެވިފައި ކަމުގައެވެ. “މިނިސްޓަރީއިން މައުލޫމާތު ދެއްވީ ބައެއް އިދާރީ މަސައްކަތްތައް ނިންމައިލުމުން މަސައްކަތް ފަށާނެ ވާހަކަ ފާހަގަކުރި” ސޮބާހް އިތުރަށް މައުލޫމާތު ދެއްވިއެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓްރީއިން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 99.6 މިލިޔަން ރުފިޔާއަށެވެ. އިހަވަންދޫގައި އިމާރާތް ކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރާނެއެވެ.
ހޮސްޕިޓަލް އިމާރާތްކުރަން ކަނޑައަޅާފައިވާ ބިން ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. މިހޮސްޕިޓަލްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސް ނުވަތަ 540 ދުވަހެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކުރީ 123.3 މިލިޔަން ރުފިޔާގެ އަގަކަށެވެ.