ދިވެހިރާއްޖޭގެ ރަށްރަށުގައި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް އިތުރު ފިޔަވަޅެއްގެ ގޮތުން، ހއ. ހޯރަފުއްޓާއި، ހއ. އުލިގަން އަދި ހއ. މާރަންދޫގައި ކުޅިވަރުގެ ބައެއް އުމްރާނީ ތަރައްޤީތައް ހިންގުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން ބީލަން ހުޅުވާލައިފިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުޓްސަލް ދަނޑުތަކާއި ހޭންޑްބޯލް ކޯޓެއް ހިމެނެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ހއ. ހޯރަފުށީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމާއި، ހއ. މާރަންދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމާއި، ހއ. އުލިގަމުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމުގެ އިތުރުން، ހއ. ހޯރަފުށީގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ހއ. އުލިގަން ފުޓްސަލް ދަނޑާއި، ހއ. ހޯރަފުށީ ފުޓްސަލް ދަނޑު އަދި ހޯރަފުށީ ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ވަނީ 2025 އޮގަސްޓު 27 ވާ ބުދަ ދުވަހުގެ 10:30 އަށް ބީލަން ހުށަހެޅުމަށް އަންގާފައެވެ. ބީލަން ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ ހުންނަ (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ.
ހއ. މާރަންދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދޭނެ ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަންޖެހެނީ 2025 އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ފަހަކަށް އައިސް ސަރުކާރުގެ ގިނަ ޕްރޮޖެކްޓައް އެވޯޑްކުރަނީ %100 ސަރުކާރު ހިއްސާވާ އެސްއޯއީ ތަކަށްކަން ފާހަގަކުރެވެއެވެ.