އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!

.

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހޯރަފުށި ޔޫތް އަދި އުލިގަން ޔޫތެވެ. 6 ޓީމެއް ވާދަކުރާ މިމުބާރާތުގެ ގުރުލާފައިވާއިރު، ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަޔަށްދާ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

ގްރޫޕް އޭ ގައި ހޯރަފުށި ޔޫތް، އުލިގަން ޔޫތް އަދި ބޮޑު މަގު އޮތްއިރު، ގުރޫޕް ބީގައި އޮތީ ޖަންގަލް، ޔުނައިޓެޑް ޔޫތް އަދި ސެންސިޓީ ޖޭ.އާރުއެވެ. މިމުބާރާތް ކުރިޔަށްދާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހާއި ހަމަޔަށެވެ.

މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ވޭތުވެދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގެ ސެންސިޓީ ޓީމުންނެވެ. މިފަހަރުގެ މުބާރާތުގައި ސެންސިޓީ ބައިވެރިވިނަމަވެސް އެޓީމްގެ ނަން މިހަރުވަނީ ސެންސިޓީ ޖޭ.އާރު އަށް ބަދަލުކޮށްފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ލިބޭނެއެވެ. މި އަހަރުގެ މުބާރާތުން ފެނިގެންދާ އެންމެ ބޮޑު ތަފާތަކީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު  3،000 ރުފިޔާއިން 20،000 ރުފިޔާއަށް ބޮޑުކޮށްފައިވުމެވެ.