ހއ އަތޮޅުގައި ފުރަތަމަ ހުޅުވާ މަލްޓި-ސްޕޭޝަލްޓީ މެޑިކަލް ހިދުމަތްދޭ ކްލިނިކް ކަމަށްވާ ‘ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރ’ ހުޅުވަން ތައްޔާރުވެއްޖެއެވެ. ހއ. އިހަވަންދޫގައި ހުޅުވާ މިކްލިނިކްގެ ޙިދުމަތް މިމަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް މަސައްކަތްކުރާ ކަމަށް، ކްލިނިކްގެ މެނޭޖްމެންޓުން މިނޫހަށް މައުލޫމާތު ދެއްވިއެވެ.
ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރ ގެ މެނޭޖުމެންޓުގެ އަމާޒަކީ، މިކްލިނިކް ހުޅުވުމާއިއެކު، ހއ. އިހަވަންދޫ އަދި ހއ. އިހަވަންދިއްޕޮޅުގެ ރައްޔިތުން ބޭސް ފަރުވާއަށްޓަކައި މާލެއަށް ކުރަމުންދިޔަ ދިގު އަދި ބުރަ ދަތުރުތަކަށް ނިމުމެއް ގެނައުމެވެ.
މިއީ އިހަވަންދޫގެ އިޖުތިމާއީ އަދި ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ. މި ސެންޓަރުން ފުރަތަމަ މަހުގައި ހަމަ އެކަނި ތެރަޕީ ތަކާއި ޚާއްސަ ޑޮކްޓަރުންގެ ކޮންސަލްޓޭޝަންގެ ޚިދުމަތްތައް ކުރިއަށްދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އޭގެ ފަހުން އެތަނުން ޒަމާނީ ލެބޯޓެރީއާއި ސުކޭނާއި، އެކްސްރޭ އަދި ފާމަސީގެ ފުރިހަމަ ޚިދުމަތްތައް ވެސް ފެށުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ދަތުގެ ފަރުވާއާއި ސުޕީޗް ތެރަޕީ ފަދަ ޚާއްސަ ޚިދުމަތްތައް ވެސް އެ ސެންޓަރުން ލިބިގެންދާނެ ކަމަށް ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރުގެ މެނޭޖްމެންޓުން މައުލޫމާތުދެއެވެ.
ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރުގެ ޚިދުމަތްތަކުގެ ތެރޭގައި، ގޭގައި ތިބެގެން ބޭސްފަރުވާ ހޯދަންޖެހޭ ބެޑްރިޑެން ބަލިމީހުންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ފަސޭހަ ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމަށް ކުލިނިކުގެ ވެރިފަރާތުން ވަނީ މައުލޫމާތު ދީފައެވެ. މިގޮތުން، ގޭގެއަށް ޒިޔާރަތްކޮށް ނާސިންގ ޚިދުމަތާއި، ކޮންސަލްޓޭޝަނާއި، ފިޒިއޮތެރަޕީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބޭސްފަރުވާއަށް ސެންޓަރަށް ދިއުމަށް ދަތިކަން ހުރި ފަރާތްތަކަށާއި، ޚާއްސަކޮށް ދުވަސްވީ ބޭފުޅުންނާއި ކުޑަކުދިންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ގެނެސްދޭނެ ޚިދުމަތެކެވެ. މިކަމުގެ ސަބަބުން، ހިތްހަމަޖެހޭ ގޮތަކަށް، އަމިއްލަ ގޭގައި ތިބެގެން ބޭނުންވާ ފަރުވާ ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރުގެ މައިގަނޑު މަގްސަދަކީ ސަރަހައްދުގެ ރައްޔިތުންނަށް އަތް ފޯރާ އަގުގައި ބޭސްފަރުވާގެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގެން ދިއުމެވެ. އަދި މި ޚިދުމަތްތަކުގެ ސަބަބުން، ރައްޔިތުން ގަދަ ކަނޑު ހުރަސްކޮށް ބޭސްފަރުވާއަށް ކުރަމުން ދިޔަ ދިގު ދަތުރުތަކަށް ނިމުމެއް ގެނެސްދިނުމަކީ ވެސް މި ކުލިނިކުގެ މުހިންމު އެއް މަގްސަދެވެ. މިކަމުގެ ސަބަބުން ވަގުތާއި ފައިސާގެ ގޮތުން ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބި، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރގެ މެނޭޖުމެންޓުން އުންމީދު ކުރެއެވެ.
ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޚާއްސަ ޑޮކްޓަރުންގެ ލަފާ ރަށުގައި ހުރެ ލިބިގަތުމުގެ ފުރުސަތު ވެސް މި ސެންޓަރުގެ ސަބަބުން ފަހިވެގެންދާނެއެވެ. މިގޮތުން، މިދިޔަ ހަފްތާގައި ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރ އާއި އިންޑިއާގެ މަޝްހޫރު ވީޕީއެސް ލެކްޝޯ ހޮސްޕިޓަލާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން، ދެފަރާތުން ގުޅިގެން އިހަވަންދިއްޕޮޅު ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ފެންވަރު ރަނގަޅު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. މިއީ ރާއްޖޭގެ ރަށްފުށުގައި ދުނިޔޭގެ ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތްތައް ގާއިމުކުރުމަށް ލިބޭ ކުރިއެރުމެކެވެ.
އަދި ރާއްޖެއިން ބޭރަށް ރައްޔިތުން ކުރާ ބޭސްފަރުވާގެ ދަތުރުތައް އިތުރަށް ފަސޭހަކޮށް، ދަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި ވެސް ޕަލްސް ޕޮއިންޓް މެޑިކަލް ސެންޓަރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ދިމާވާ ބުރަތަކަށް ލުޔެއް ލިބި، ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެއެވެ.
މި ކުލިނިކު ހުޅުވުމާއެކު، އިހަވަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޭސްފަރުވާގެ ގިނަ ގޮންޖެހުންތަކަށް ހައްލެއް ލިބި، ސިއްހީ ގޮތުން ރައްކާތެރި މުސްތަގުބަލެއް އަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވެއެވެ. މި ސެންޓަރަކީ އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދޭނެ މަރުކަޒަކަށް ވެގެންދާނެއެވެ.