ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުންކުޅުނު ޗެރިޓީ މެޗުން މޮޅުވެ އިހަވަންދޫއިން ޗެރިޓީ ޝީލްޑް ހިއްލާލައިފިއެވެ.
އުތީމު ރަސްމީ ބޯޅަދަނޑުގައި މި މުބާރާތަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑުގައި މިރޭކުޅުނު ޗެރިޓީ މެޗްގައި ބައްދަލުކުރީ މިމުބާރާތުގެ ޑިފެންޑިންގ ޗެމްޕިއަން އިހަވަންދޫ އަދި މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް އުތީމުއެވެ. މިމެޗްގެ ނަތީޖާނެރުނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. އިހަވަންދޫ ޓީމްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު އުތީމް ޓީމްގެ ކެޕްޓަން ރިފާއުޖެހި ޕެނަލްޓީވަނީ އިހަވަންދޫ ޓީމްގެ ކީޕަރު ނައްސާން ދިފާއުކޮށްފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ޓީމްގެ ކީޕަރު ނައްސާންއެވެ.
މިމެޗްގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ މެޗްގެ ފުރަތަމަ ހާފްގައެވެ. އެގޯލް ޖެހީ އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 7 އަލީ ނާއިޝްއެވެ. އުތީމު ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗްގެ ދެވަނަ ހާފްގައި އެޓީމްގެ ރިޝްވާންއެވެ.
މިދިޔަ އަހަރު މިމުބާރާތުގެ ފައިނަލްގައި މިދެޓީމް ބައްދަލުކުރި މެޗުން އިހަވަންދޫ މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ، އުތީމް، މުރައިދޫ، ދިއްދޫ، ފިއްލަދޫ، ކެލާ، ބާރަށް، ވަށަފަރު އަދި ހޯރަފުއްޓެވެ. މި މުބާރާތުގެ ފުރަތަމަ މެޗުތައް ރަސްމީކޮށް ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ. މުބާރާތް ހުޅުވާ މެޗުގައި ވެސް ބައްދަލުކުރާނީ އިހަވަންދޫ އާއި އުތީމެވެ. މިމުބާރާތް ކުރިޔަށް ދާނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާއި ހަމަޔަށެވެ.
މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.