ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލަށް މުރައިދޫ އަދި އުތީމު ދަތުރު ކޮށްފިއެވެ. މި ދެޓީމްވެސް ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން މޮޅު ވެގެންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އިއްޔަ ހަވީރު އިހަވަންދޫ އަދި މުރައިދޫ ބައްދަލުކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށްވެސް ގޯލެއް ނުޖެހުމުން މެޗްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 3-2 ގެ ނަތީޖާ އަކުން ކުރިހޯދައި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މުރައިދޫއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރައިދޫ ޓީމްގެ ކީޕަރު އަބުދުﷲ އަބްދުލް އަޒީޒްއެވެ.
ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ މުބާރާތް ހޯސްޓްކުރާ އުތީމުއެވެ. ދިއްދޫއާ ވާދަކުރި ސެމީ ފައިނަލްގެ ދެވަނަ މެޗް 2-2 އިން އެއްވަރުވުމުން އެމެޗްގެ ނަތީޖާ ނެރުނީވެސް ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އުތީމު ކުރިހޯދީ 5-6 އިންނެވެ.
މި މުބާރާތުގައި މުރައިދޫ އާއި އުތީމު ބައްދަލުކުރާ ފައިނަލް އޮންނާނީ މާދަމާ ރެއެވެ. މި މެޗު ފަށާނީ މާދަމާ ރޭ 20:30 ގައެވެ. މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.