އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫގެ ދެވަނަ ލެގް މިއަދު ދިއްދޫގައި

މުޙައްމަދު އަކުރަމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅު ބުރުގައި އިހަވަންދޫ އާއި ދިއްދޫ ބައްދަލުކުރާ މެޗްގެ ދެވަނަ ލެގްގެ މެޗް މިއަދު ކުޅުމަށް ހަމަޖެހިއްޖެއެވެ. މި މެޗް ކުޅޭނީ ދިއްދޫ ދަނޑުގައި މިއަދު ހަވީރު 16:00 ގައެވެ.

މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް ކުޅުނީ އިހަވަންދޫގައެވެ. އެ މެޗް ދިއްދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ހއ. އަތޮޅުގެ ޗެމްޕިއަންކަން މި ދެޓީމްގެ ތެރެއިން ލިބޭނީ ދެ މެޗްގެ އެގްރެގޭޓް ނަތީޖާއިން މޮޅުވާ ޓީމަކަށެވެ.

އަތޮޅުތަކާއި ހިސާބުން ފެށިގެން އައިސް އެންމެ ޓޮޕް ލީގަށް ޕްރޮމޯޓްވާނެ ނިޒާމެއް ގާއިމުކޮށް އިއުލާނުކުރި އެޓޯލް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދަނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން، އެޓޮޅު ބުރުގައި ދެ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާނަމަ މެޗުތައް ކުޅޭނީ އެއް ރަށެއްގައެވެ. ދެ ޓީމު ބައިވެރިވެފައިވާނަމަ ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ރަށުގައެވެ. ހއ. އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ދެ ޓީމް ކަމަށްވާ އިހަވަންދޫ އާއި ދިއްދޫ ކަމުން، ހއ. އަތޮޅު ބުރުގެ ދެ މެޗް ކުޅެވުނީ ދިއްދޫ އަދި އިހަވަންދޫގައެވެ. އިހަވަންދޫ އިން މުބާރާތުގައި ވާދަކުރަނީ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބުންނެވެ.

ކޮންމެ އަތޮޅަކުންވެސް ދެ ޓީމް މި މުބާރާތުގެ ޒޯން ބުރަށް ޕްރޮމޯޓްވާ ގޮތަށް ހަމަޖެހިފައިވާތީ، މި ދެ ޓީމްވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ޖާގަ ކަށަވަރުވެފައެވެ.