ދެލެގުން އިހަވަންދޫ ބަލިކޮށް ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި އެވެ.
ހއ. އަތޮޅުން މުބާރާތުގައި އެ ދެ ޓީމު ވާދަކުރުމުން އަތޮޅުގެ ޗެމްޕިއަންކަން ކަނޑައެޅީ ހޯމް އަދި އަވޭގެ ދެ ލެގްގެ މެޗަކުންނެވެ. ފުރަތަމަ ލެގްގައި މިދިޔަ އާދިއްތަ ދުވަހު އިހަވަންދޫގައި ކުޅުނު މެޗު ދިއްދޫ ކާމިޔާބު ކުރީ 1-3 އިންނެވެ. މި ދެޓީމް ބައްދަލުކުރި ދެވަނަ ލެގްގެ މެޗްގައި މިއަދު ދިއްދޫ ދަނޑުގައި ކުޅުނު މެޗް ދިއްދޫ މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ކޮންމެ އަތޮޅަކުންވެސް ދެ ޓީމް މިމުބާރާތުގެ ޒޯން ބުރަށް ޕްރޮމޯޓްވާތީ، އިހަވަންދޫ އަދި ދިއްދޫވެސްވަނީ މިމުބާރާތުގެ ޒޯން ބުރަށް ޕްރޮމޯޓް ވެފައެވެ. އެހެންކަމުން މި ދެޓީމް ދެންވާދަކުރާނީ އުތުރުގެ ފުރަތަމަ ޒޯން މުބާރާތުގައެވެ. އުތުރުގެ ޒޯން އެކެއްގައި ހިމެނޭނީ ހއ. އާއި ހދ. އަދި ށ އަތޮޅުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. އެހެންކަމުން އުތުރުގެ ސަރަހައްދީ ޒޯންތަކުގެ ތެރެއިން ޒޯން އެކެއްގެ މުބާރާތުގައި ކުޅޭނީ ހދ.އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި، ރަނަރަޕް ހަނިމާދޫ އާއި،ހއ.އަތޮޅުގެ ޗެމްޕިއަން ދިއްދޫ އަދި ނަރަރަޕް އިހަވަންދޫއެވެ.
އެފްއޭއެމުން ރާއްޖެ ބަހާލާފައި ވަނީ ހަތަރު ސަރަހައްދަށެވެ. ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި ކޮންމެ ސަރަހައްދެއްގައި ސަބް ދެ ޒޯން ހިމެނެ އެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނާއި ރަނަރަފް ވާދަކުރާނީ އެ ޓީމެއް ހިމެނޭ ސަބް ޒޯނުގެ މުބާރާތުގަ އެވެ. ކޮންމެ ޒޯނަކުން ވެސް ގަދަ ދެ ޓީމު ދެން ކޮލިފައިވާނީ ސަރަހައްދީ ލީގަށެވެ. ސަރަހައްދީ ލީގުގައި ހަތަރު ޓީމު ވާދަކުރުމަށް އެ ލީގުގެ ޗެމްޕިއަން ޓީމު ދެން ވާދަކުރަން ޖެހޭނީ ދިވެހި ލީގުގެ ޕްލޭއޮފްގަ އެވެ. އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.