އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެއެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު މޯލްޑިވެސް ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) އިން އިއުލާން ކޮށްފައިވާއިރު މިހާރު އެޕާޓީގެ ދަފުތަރުގައި ތިބީ އިހަވަންދޫއަށް ނިސްބަތްވާ 348 މީހެކެވެ.
ސިޔާސީ ޕާޓީތައް އުފެދި، ޕާޓީތަކަށް މެމްބަރުން އިތުރުކުރުމުގެ ފޯރި ފެށުނު ދުވަހުން ފެށިގެން އިހަވަންދޫގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ އެމްޑީޕީއެވެ. ނަމަވެވެސް، 2022 ވަނަ އަހަރު މިތާރީޚު ބަދަލުވެ، އެމްޑީޕީ ފަހަތަށް ޖައްސާލައި، އޭރު އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) ވަނީ އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީގެ މަޤާމު ހޯދާފައެވެ. އެހެންނަމަވެސް، 2023 ވަނަ އަހަރު އަނެއްކާވެސް އެމްޑީޕީ ވަނީ އިހަވަންދޫގައި އެންމެ މެމްބަރުންގިނަ ޕާޓީގެ މަޤާމު ހޯދާފައެވެ.
މިހާރު އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) އެވެ. 2023 ވަނަ އަހަރު ނިމުނުއިރުވެސް އެމްޑީޕީގެ ދަފްތަރުގައި އިހަވަންދޫއަށް ނިސްބަތްވާ ގާތްގަނޑަކަށް 700 މީހުން ތިއްބެވެ. އެހެންކަމުން، ވޭތުވެދިޔަ ދެ އަހަރުތެރޭ އެމްޑީޕީ މެމްބަރުންގެ އެއަދަދު މިވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ.