ކައުންސިލްގެ ރައީސްގެ ޓިކެޓަށް ސޮބާހް އަދި ރައްޒާން ވާދަކުރައްވަނީ!

މުޙައްމަދު އަކުރަމް

ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމަތި ލެއްވުމަށް، ޕީއެންސީ ޓިކެޓް ހޯއްދެވުމަށް މިހާރުގެ ކައުންސިލް ރައީސް އަހްމަދު ސޮބާހް އަދި އަލީ ރައްޒާން ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ. މި ދެބޭފުޅުންނަކީ އިހަވަންދޫ ކައުންސިލްގެ ރައީސް ކަމުގެ ޓިކެޓަށް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާކަން މި ނޫހަށް މިހާތަނަށް ޔަޤީންވެފައިވާ ދެ ބޭފުޅުންނެވެ.

ސޮބާހް އަކީ މިހާރު ހިނގަމުންދާ އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގައި އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމް ފުރުއްވަމުންދާ ބޭފުޅާއެވެ. 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ސޮބާހް ކާމިޔާބު ކުރެއްވީ 973 ވޯޓް ހޯއްދަވައިގެންނެވެ. ވާދަވެރި އަނެއް ކެންޑިޑޭޓު ރައްޒާން މިހާރު ހުންނެވީ، އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައެވެ.

ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބަންދުވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެހެންކަމުން އިތުރު ފަރާތްތަކަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އަދި އެބައޮތެވެ. ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓްލުން އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުއެވެ.

2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ  އަންނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރުދުވަހުއެވެ.